ތަސައްވުރަކީ ދާއިރާގެ ފަގީރުކަން ނައްތާލުން: ސިޔާމް

Wed, 17 Apr 2024 07:53 PM

View on this article on Sun Online

ތަސައްވުރަކީ ދާއިރާގެ ފަގީރުކަން ނައްތާލުން: ސިޔާމް

އެ މަނިކުފާނުގެ ތަސައްވުރަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މީދޫ ދާއިރާއިން ފަގީރުކަން އެއްކޮށް ނައްތާލުން ކަމަށް އެ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަޙުމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.



މީދޫ ދާއިރާއަށް އިތުރު ދައުރަކަށް ވާދަކުރައްވާ ސިޔާމް މިހެން ވިދާޅުވީ މަޖިލިސް އިންތިޚާބުގެ ކެމްޕޭނަށް ދ. ހުޅުދެއްޔަށް މިއަދު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ފަގީރުކަން އޮންނަ ނަމަ، ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްނުދެވޭނެ ކަމަށެވެ. ފަގީރުކަމަކީ މުޖުތަމައުގައި އިތުރު މައްސަލަތަކަށް މަގުފަހިކުރުވާ ކަމެއްކަން ފާހަގަ ކުރައްވައި އެ މަނިކުފާނު ވިދާޅުވީ މީދޫ ދާއިރާގެ ރައްޔިތުންނާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ ވެސް ފުދުންތެރި ބަޔަކަށް ހެދުމަށް ބޭނުންފުޅުވާ ކަމަށެވެ.

"އަޅުގަނޑު ބޭނުމެއް ނުވޭ، މި ހަތަރު ރަށުގައި ފަގީރުންގެ ލިސްޓުގައި އެއްވެސް މީހަކު ހިމެނިގެންދާކަށް. އެއީ އަޅުގަނޑުގެ އަމާޒަކީ، އެ ކަން ކުރަން އަޅުގަނޑު ބޭނުންވޭ،" ސިޔާމް ވިދާޅުވިއެވެ.

ހުޅުދެލީގެ ރައްޔިތުންގެ ފަރާތުން ސިޔާމްއަށް ހަދިޔާއެއް އެރުވުން -- ސަން ފޮޓޯ/ އަމަން ލަތީފް

އެ މަނިކުފާނު ވިދާޅުވީ ހުޅުދެލީގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެ ގޮތުން އެ ރަށަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަމާއި ރަށުގައި ތިބެ އާމްދަނީ ލިބޭނެ ގޮތްތައް ނެތުންކަން ސިޔާމް ފާހަގަކުރެއްވިއެވެ.

ދާއިރާގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭ ގޮތުން ސިޔާމް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސަރުކާރާ ގުޅިގެން އެ މައްސަލަ ހަމައަކަށް އެޅުވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ވެސް ސިޔާމްގެ ވާހަކަފުޅުގައި ދިވެހީންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަމުގެ މުހިންމުކަމުގެ ވާހަކަ ފާހަގަކުރެއްވިއެވެ. އެ ގޮތުން ރައްޔިތުންގެ ޚިޔާލު ތަފާތުވިޔަސް، ރަށުގެ ތަރައްގީއަށް އަންނަ ކުރިއެރުންތައް ނުހުއްޓުވުމަށް ރައްޔިތުންގެ ކިބައިން ސިޔާމް އެދިވަޑައިގަތެވެ.

ހުޅުދެލީގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވަނީ އެ ރަށުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމްކުރުމުގެ ގޮތުން މަޝްރޫއުތަކެއް ހިންގަވާނެ ކަމަށް ވިދާޅުވެފައެވެ.

އޭގެ ތެރޭގައި އެ ރަށު ކައުންސިލާ ގުޅިގެން، އުމުރުން ދުވަސްވީ މީހުންނަށް ކުޅިވަރު ކުޅެވޭނެ ފަދަ ތަނެއް ގާއިމްކޮށް، އަންހެނުންނަށް ވެސް ޚާއްސަ އެފަދަ މަރުކަޒެއް ގާއިމްކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އުމުރުން ދުވަސްވެ، ހިނގާބިނގާވެ ނޫޅެވޭ ފަރާތްތަކަށް ވެސް ރަށުގެ ތަންތަނަށް ދެވޭނެ ގޮތަށް، އެ ފަދަ ފަރާތްތައް އުފުލުމަށް އިލެކްޓްރިކް ބަގީއެއްގެ ޚިދުމަތް ވެސް ފައްޓަވާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ހުޅުދެލި، މީދޫ، ރިނބުދޫ އަދި ބަނޑިދޫ ހިމެނޭ މީދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ސިޔާމް ވަނީ މިދިޔަ ހަތަރު ދައުރުގައި ވެސް ކުރައްވާފައެވެ.



More from Sun Online