ސީލައިފުން ގެއްލުން ލިބުނު މީހުން މުޒާހަރާކޮށްފި

Thu, 08 Jun 2023 11:36 PM

View on this article on Sun Online

ސީލައިފުން ގެއްލުން ލިބުނު މީހުން މުޒާހަރާކޮށްފި

ފްލެޓު އެޅުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ އަތުލައި ހިންގި ސްކޭމްގައި ގެއްލުންވި ސީލައިފް ގްލޯބަލްގެ ފްލެޓައް ފައިސާ ދެއްކި މީހުން، އެ ކުންފުންޏާއި ސަރުކާރުގެ ބައެއް އިދާރާތަކާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައިގައި ދެ ފަރާތުން އެކުލަވާލި އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަމުންނުދާ ކަމަށް ބުނެ މިއަދު އޭގެ ތެރެއިން ބައެއް މީހުން މުޒާހަރާކޮށްފިއެވެ.

އެ ސްކޭމްގެ ސަބަބުން ގެއްލުންވި 200 އަށް ވުރެ ގިނަ މީހަކު ވަނީ ދައުލަތާ ދެކޮޅަށް ދައުވާ އުފުލާފައެވެ. އެ މައްސަލައިގައި ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި، ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް އާބަންކޯ (ކުރީގެ ހައުސިން ޑިވެލޮޕްމަންތް ކޯޕަރޭޝަން) އިން ވަނީ ކޯޓުން ބޭރުން އެއްބަސްވުމެއް އެކުލަވާލާފައެވެ.

މިއަދު މުޒާހަރާ ކުރި މީހުން ވަނީ އާބަންކޯ އާއި އިކޮނޮމިކް މިނިސްޓްރީން އެ މީހުންނަށް ފްލެޓު ދޭނެ ކަމަށް ވީ ވައުދު ފުއްދުމަށާއި ސިވިލް ކޯޓުން އެ މައްސަލައިގައި މީގެ ކުރިން ކުރި ހުކުމް ތަންފީޒުކުރުމަށް ގޮވާލާފައެވެ. ނަމަވެސް ރައީސް އޮފީސް ކައިރީގައި އެމީހުންނަށް މުޒާހަރާ ކުރުމުގެ ފުރުސަތު ދީފައެއް ނުވެއެވެ.

އެ ސަރަހައްދަކީ އެއްވުން މަނާ ސަރަހައްދެއް ކަމުން ފުލުހުން ވަނީ ހޮޓެލް ޖެން ކައިރިން މުޒާހަރާގެ ބައިވެރިން ބޭރުކޮށްފައެވެ. އެ މީހުންގެ މައިގަނޑު ކަންބޮޑުވުމަކަށް ވަނީ ހަތަރު އަހަރު ވެގެން ދިޔައިރުވެސް ސަރުކާރުން އެ މައްސަލައަށް ހައްލު ހޯދައިދީފައި ނުވުމެވެ.

އެކަމާ ގުޅިގެން "ސަން" އާ ވާހަކަ ދެއްކި މީހަކު ބުނީ އެ މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުގެ ހައުސިން މަޝްރޫއަކުން ދެ އަހަރު ތެރޭ ފްލެޓު ދޭން އެއްބަސްވެފައިވާ ކަމަށެވެ. އަދި އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހެޅިތާ ދެ އަހަރުވާން ކައިރި ވެފައިވާއިރު، އެކަމަށް އެއްވެސް ޖަވާބެއް ވެސް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"100 މީހުން ސޮއިކޮށްފައި ޕެޓިޝަން ހުށަހެޅީ ދެ އަހަރަށް ފަހުގައި. އެއީ އަޅުގަނޑުމެންނާ އެކު ވި އެއްބަސްވުމުގައި ބުނެފައި އޮތީ ދެ އަހަރު ތެރޭގައި ސޯޝަލް ހައުސިން ސްކީމެއްގެ ދަށުން ފްލެޓު ދޭނެ ކަމަށް. އެކަމަކު އެއްވެސް ހައްލެއް ނުލިބި މިދަނީ. އެންމެ ކުޑަ މިނުން ސަރުކާރުގެ ބަހެއް ވެސް ނުލިބޭ. ރައީސް އާ ބައްދަލުކުރަން އެޕޮއިންމަންޓު ދީފައިވެސް ކޮންމެ ފަހަރަކު ކެންސަލް ކުރަނީ." މުޒާހަރާގެ ބައިވެރިއެއް ބުންޏެވެ.

ސީލައިފް އެޕާޓުމެންޓު ވިއްކާނެ ކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނެގި މައްސަލައިގައި ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުނު އެކުންފުނީގެ އެމްޑީ އަހުމަދު މޫސާ (އައްމަޓީ) ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރުނެވެ. އޭނާ ހޯދައިގެން ހައްޔަރުކޮށް ރާއްޖެ ގެނައީ 2021 ވަނަ އަހަރުގެ މާޗް މަހުއެވެ.

ސީލައިފް އެޕާޓްމަންޓް ގަތުމަށް ފައިސާދެއްކި މީހުންގެ ތެރެއިން އެޗްޑީސީއަށް ލިޔެކިޔުންތައް ހުށަހެޅި މީހުންނަށް ފައިސާ ރީފަންޑް ކޮށްދީފައިވާއިރު، އެމީހުންނަށް އެޗްޑީސީން ވަނީ ވިނަރެސް ފްލެޓުތަކުން އެޕާޓުމަންޓު ގަތުމުގެ ފުރުސަތު ދީފައެވެ.

ނަމަވެސް އެ ފްލެޓުތައް ވިއްކީ އެހެން މީހުންނަށް ވެސް ވިއްކި އަގުގައި ކަމަށް ވުމުން، އެއީ އެއްބަސްވި ވަރަށް ވުރެ ބޮޑު އަގެއް ކަމަށް ބުނެ އެމީހުން މީގެކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.



More from Sun Online