ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި، މެމޮގްރަފީ ބެހެއްޓުމަށް ހަދަންޖެހޭ އިމާރާތުގެ މަސައްކަތްތައް ކުރުމަށް އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމުގެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
މި މަސައްކަތް އީކޮން މޯލްޑިވްސްއާ ހަވާލުކުރީ 100 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ދެ މިލިއަން ރުފިޔާއަށެވެ.
މިކަމާ ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ލަރީރު މިއަދު "ސަން"އަށް ވިދާޅުވީ، މީގެ ކުރިން އެ ހޮސްޕިޓަލުން ސީޓީސްކޭންގެ ޚިދުމަތާއި މެމޮގްރަފީގެ ޚިދުމަތް ނުލިބޭ ކަމަށެވެ. ނަމަވެސް މި ޚިދުމަތަކީ ހާއްސަކޮށް ފުވައްމުލައް ކަހަލަ ބޮޑު އާބާދީއެއް އޮންނަ ސިޓީއަކާ ބަލާފައި، އޮތުން ކޮންމެހެން ވެސް މުހިއްމު ޚިދުމަތެއް ކަމަށެވެ.
"ބޮޑު އާބާދީއެއް އޮންނައިރު، މިއީ ކޮންމެހެން ވެސް ގާއިމުވެފައި ހުންނަން ޖެހޭނެ ޚިދުމަތެއް. އެހެންނޫނީ ކުއްލިއަކަށް ކަމެއް ދިމާވިޔަސް، ފަރުވާދިނުމުގައި ދަތިތަކާ ކުރިމަތިވޭ" އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކުގައި ސީޓީ ސްކޭނުގެ ޚިދުމަތަށް އިމާރާތެއް އަޅަން ބަޔަކާ ހަވާލުކުރުން --- ފޮޓޯ/ ހެލްތު މިނިސްޓްރީ
ލަރީރު ވިދާޅުވި ގޮތުގައި، އެ ހޮސްޕިޓަލުން ސީޓީ ސްކޭންގެ ޚިދުމަތަކީ، މީގެ ކުރިން ވެސް ރައްޔިތުންގެ ވަރަށް ބޮޑަށް ބޭނުންވެފައި ހުރި ޚިދުމަތެކެވެ.
އެހެންވެ، 100 ދުވަހުގެ ތެރޭގައި ނިންމަން އެ މަސައްކަތް ހަވާލުކޮށްފައި ވާއިރު، އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނިމި، ސީޓީސްކޭންގެ ޚިދުމަތާއި މެމޮގްރަފީގެ ޚިދުމަތް ވީ އެންމެ އަވަހަކަށް ދޭން ފެށޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.