ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި

Thu, 25 Apr 2024 07:57 PM

View on this article on Raajje.mv

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި

އޭޕްރީލް 21 ވަނަ ދުވަހު ކުރިޔަށްދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ)ން އާންމު ކުރަން ފަށައިފިއެވެ.



އިންތިޚާބުގެ ވަގުތީ ނަތީޖާ އީސީން އިއުލާންކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އޭގެފަހުން ބުރާސްފަތި ދުވަހު އީސީން އަންނަނީ އިންތިޚާބުގެ ރަސްމީ ނަތީޖާ ގެޒެޓްގައި އަދި އީސީގެ ސޯޝަލް މީޑިޔާ އެކައުންޓްތަކުގައި އާންމުކުރަމުންނެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. މީގެތެރެއިން ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ކޮންގްރެސް ޕާޓީން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން އެންޑޯސްކޮށްފައިވާ އަމިއްލަ ގޮތުން ވާދަކުރި 5 ކެންޑިޑޭޓަކު ވެސް ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި މި ވަގުތު ސަރުކާރާއި އެކުގައި މަސައްކަތް ކުރާ 3 ޕާޓީއަކަށް ވެސް އެއް ގޮނޑި ވަނީ ކާމިޔާބުވެފައެވެ.

އިދިކޮޅު އެމްޑީޕީއަށް މި އިންތިޚާބުގައި ކާމިޔާބުވެފައިވަނީ 12 ގޮނޑިއެވެ. އަމިއްލަ ގޮތުން ވާދަކުރާ ޖުމުލަ 11 ކެންޑިޑޭޓުން ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި މި އިންތިޚާބުގައި އަދާލަތު ޕާޓީ އާއި ދަ ޑެމޮކްރެޓްސްގެ އެއްވެސް ކެންޑިޑޭޓަކަށް ގޮނޑި ކާމިޔާބުކުރެވިފައި ނުވެއެވެ.

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 11 ކެންޑިޑޭޓުންގެ ތެރެއިން 7 ކެންޑިޑޭޓަކު ވަނީ މިހާރު ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީ އާ ގުޅިވަޑައިގަންފައެވެ. އެހެންކަމުން މިހާރު ޕީއެންސީ ތަމްސީލުކުރާ 73 މެމްބަރުން 20 ވަނަ މަޖިލީހުގައި ތިއްބަވާނެއެވެ. މީގެއިތުރުން މިސަރުކާރާއެކު މަސައްކަތްކުރާ ޖުމްހޫރީ ޕާޓީގެ އެއް ގޮނޑި އާއި އެމްޑީއޭގެ ދެ ގޮނޑި އާއި އެމްއެންޕީގެ ގޮނޑިއާއެކު މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ 77 މެމްބަރުން ތިއްބަވާނެއެވެ.

އިންތިޚާބުގެ ކަންކަން ދިޔަ ގޮތާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އީސީގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ހުރިހާ ކަމެއް ދިޔައީ ވަރަށް ރަނގަޅަށް ސުލްހަވެރިކަމާއި އަމާންކަމާއެކު ކަމަށެވެ. ނަތީޖާއަށް ބަދަލު އަންނަފަދަ މާ ބޮޑު މައްސަލައެއް ކުރިމަތިނުވާ ކަމަށާއި، ވޯޓުލުން މެދުކަނޑާލަންޖެހޭ ފަދަ ހާލަތެއް ވެސް ކުރިމަތިނުވާ ކަމަށް ހަސަން ވިދާޅުވިއެވެ. އަދި ވިދާޅުވީ އެފަދަ މައްސަލައެއް ކޮމިޝަނަށް ހުށަހަޅާފައިނުވާ ކަމަށެވެ.

20 ވަނަ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާން ނިކުމެފައިވަނީ އެ ހައްގު ލިބޭ 75 އިންސައްތަ މީހުންނެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 284،663 މީހުންނަށް ލިބިފައިވެއެވެ. އޭގެ ތެރެއިން ވޯޓުލާފައިވަނީ 215,860 މީހުންނެވެ.



More from Raajje.mv