ވޭޕު މަނާކުރަން ނިންމެވުން: ދިވެހި ސިއްޙީ ދާއިރާގެ ޒަމާންވީ ހުވަފެންތަކެއް ޙަޤީޤަތަކާ ދިމާއަށް

Fri, 18 Oct 2024 03:30 PM

View on this article on PSM News

ވޭޕު މަނާކުރަން ނިންމެވުން: ދިވެހި ސިއްޙީ ދާއިރާގެ ޒަމާންވީ ހުވަފެންތަކެއް ޙަޤީޤަތަކާ ދިމާއަށް

ރާއްޖޭގައި ވޭޕްކުރުން މަނާކުރަން ސަރުކާރުން ނިންމެވުމަކީ، ދުންފަތުގެ އިސްތިޢުމާލުކުރުން ދިވެހި މުޖުތަމަޢުން ނައްތާލުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް ރާއްޖޭގެ ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބުނެފިއެވެ.

ދުންފަތުގެ އިސްތިޢުމާލު ދިވެހިން ކުރަމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ. އެގޮތުން ބިޑިއާއި ސިނގިރޭޓުފަދަ އުފެއްދުންތައް ދިވެހިން ދިޔައީ ބޭނުންކުރަމުންނެވެ. ޒަމާނަށް އައި ބަދަލުތަކާއެކު ދުންފަތުގެ އިސްތިޢުމާލުކުރަން ބޭނުންކުރާ ބާވަތްތައްވެސްވަނީ ޒަމާނީވެފައެވެ. އެގޮތުން އީ-ސިނގިރޭޓް ތަޢާރަފްވެ ފަހަކަށް އައިސް އީ-ސިނގިރޭޓު ނުވަތަ ވޭޕު ބޭނުންކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ސިނގިރޭޓު ގިނައިން ރާއްޖޭގައި ބޭނުންކުރަނީ ހަރު މީހުންނެވެ. އެއާ ޚިލާފަށް ރާއްޖޭގައި އެންމެ ގިނައިން ވޭޕު ބޭނުންކުރަމުންދަނީ، ޤައުމުގެ މުސްތަޤްބަލް ކަމަށްވާ ކުޑަކުދިންނާއި ޤައުމު ބިނާކުރަން ތިބި ޒުވާނުންނެވެ.

ވޭޕާއި ސިނގިރޭޓަކީވެސް ސިއްޙީ ގޮތުން ގިނަ ގެއްލުންތަކެއް ލިބޭ ތަކެއްޗެވެ. މިއީ ޖިސްމާނީ ގޮތުން އިންސާނާގެ ދިރިއުޅުމަށާއި މިޒާޖަށް އަސަރުކުރާ ނުބައި ޢަމަލެވެ. މިއީ ހަޤީޤަތުގައިވެސް ދިވެހި މުޖުތަމަޢަށް ދިމާވެފައިވާ ބޮޑު ވަބާއެކެވެ. މިވަބާގައި ދިވެހިން އުޅެމުންދާތާ މިހާރު އެތައް އަހަރެއްވެފައިވާއިރު، ދުންފަތުގެ އިސްތިޢުމާލުކުރާ އަދި ދެވިހިފާ އުފެއްދުންތައް ރާއްޖޭގައި މަނާކުރުމަށް ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ގޮވާލަމުންދާތާވެސް އެތައް އަހަރެއް ވެއްޖެއެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް އެކި ސަރުކާރުތަކުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ސިނގިރޭޓު އެތެރެކުރެވޭ ޑިޔުޓީގެ އަގުބޮޑުކޮށް އެއާ މީހުން ދުރުހެލިކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ހޭލުންތެރިކުރުމުގެ ތަފާތު ޕްރޮގުރާމްތައް ހިންގާފައިވެއެވެ. އެއިން ލިބޭ ގެއްލުންތަކުގެ ފޮޓޯ ލޭބަލްގައި ޖެހުމަށް މަޖުބޫރުވެސް ކުރުވިއެވެ. ނަމަވެސް، ޑިމޮކްރަސީގެ އައު ބާބެއް ރާއްޖޭގައި އުފެދުނު ފަހުން ސިއްޙީ އަދި ޖިސްމާނީ ގޮތުން ގެއްލުންހުރި އުފެއްދުމެއް ރާއްޖެ އެތެރެކުރުމާއި އެ ބޭނުންކުރުން މަނާކުރުމަށް ކެރިވަޑައިގެންނެވީ އެންމެ ވެރިއަކަށެވެ. އެ ވެރިޔަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުމާއި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

ހަމައެކަނި ވޭޕު ބޭނުންކުރުން މަނާކުރުމަށް ނިންމެވީއެއްނޫނެވެ. ސިނގިރޭޓު ބޭނުން ކުރުން ހުއްޓުވުމަށްވެސް ޚާއްސަ ފިޔަވަޅުތަކެއް އެޅުއްވުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ. އެގޮތުން ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރަން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ރައީސް މިނިންމެވުންތަކުގެ ފަހަތުގައިވަނީ އެންމެ ބޭނުމެކެވެ. މި ޤައުމު ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ވަބާއިން ސަލާމަތްކުރުމެވެ. ޤައުމުގެ އުފެއްދުންތެރި ސިކުނޑިތައް ބޮޑުވެގެންވާ ހަލާކަކުން ސަލާމަތްކުރުމެވެ. ރައީސްގެ މި ނިންމެވުންތައް ރާއްޖޭގެ ސިއްޙީ ދާއިރާއިން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުއެވެ. ސިއްޙީ ދާއިރާގެ ތަޖުރިބާކާރުން ދެކެމުން އައި ހުވަފެންތަކެއްގައި ޙަޤީޤީ ކުލަޖެހެން މިއަދު މިވަނީ ފަށާފައެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި ސިނިއަރ ކޮންސަލްޓަންޓް އިން ރޭޑިއޮލޮޖީ ޑރ. ފާތިމަތު މުފްލިޙާ ވިދާޅުވީ މިހާރު ރާއްޖޭގައި 11 އަހަރަށްދާ ކުޑަކުދިންވެސް ވޭޕު ބޭނުންކުރާ ކަމަށެވެ. މީގެ ސަބަބުން އެކުދިންގެ ސިކުނޑީގެ ވިސްނުމުގެ ބާރު ދަށްވެ ފިލާވަޅު ނަގައިގަންނަން އުނދަގޫވާ ކަމަށެވެ. އަދި ސްކޫލް މާޙައުލުގައި އެހެން ކުދިންނަށް ބުލީކޮށް، ކުޅިވަރުގެ މައިދާނުގައި އަވަހަށް ވަރުބަލިވުމަކީވެސް ވޭޕު ބޭނުންކުރުމުގެ އަލާމާތްތައްކަން އޭނާ ފާހަގަކުރެއްވިއެވެ.

ވޭޕު މަނާކުރަން ރައީސް މުޢިއްޒު ނިންމެވުމަކީ އެތައް ދުވަހެއް ވަންދެން ވަކާލާތު ކުރަމުންދިޔަ ބޮޑު މައްސަލައެއް ޙައްލުވާނެކަމުގެ އުންމީދު އައު ވެގެންދިޔަކަމެއް ކަމަށް ޑރ. މުފްލިހާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބޯމަތީ އުފެދިފައި މިވަނީ ކަޅު ވިލާގަނޑެއް. ރައީސްގެ ނިންމެވުމާއެކީގައި އުޖާލާ މުސްތަޤުބަލަކާ ހަމައަށް ދެވޭތަން މިފެންނަނީ. ބައެއް މީހުން ހީކުރަނީ ވޭޕަކީ ދުންފަތަށްވުރެ ގެއްލުން ކުޑަ އެއްޗެއްގެ ގޮތުގައި. ނަމަވެސް ވޭޕުން ލިބޭ ގެއްލުން ވަރަށް ބޮޑު." ޑރ. މުފްލިހާ ވިދާޅުވިއެވެ.

ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ދާއިރާގައި މަސައްކަތްކުރަމުންދާ ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތްކުރާ އެކި ފަރާތްތަކުންވެސްވަނީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަށް ތަޢުރީފްކުރައްވާފައެވެ. އެގޮތުން ވޭޕް ބޭނުންކުރާ މީހުން ނެތިގެންދިޔުމުން ދިވެހިރާއްޖޭގެ ޢާންމު ޞިއްހަތުގެ ހާލަތަށް ބޮޑު ކުރިއެރުމެއް ލިބޭނެކަން އެ ފަރާތްތަކުން ފާހަގަކުރެއްވިއެވެ.

"ވަރަށް ލަސްވެސް ވެއްޖެ މިފަދަ ނިންމުމެއް ނިންމަން. ޒުވާން ޖީލެއް މިދަނީ ހަލާކުވެގެން. ވޭޕަކީ ކުޑަކުދިންނަށް އަމާޒުކޮށްގެން މާކެޓު ކުރާ އެއްޗެއް. އެއީ ދެވިހިފާ މާއްދާއެއްކަމަށްވާ ނިކޮޓިން ހިމެނޭ އެއްޗެއް." ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހަކު ބުންޏެވެ.

ވޭޕް ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި ބޭނުންކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު، މިކަން ކުރުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އެޓަރނީ ޖެނެރަލްގެ އޮފީހުން މިހާރު ދަނީ ކުރަމުންނެވެ. ރައީސް ނިންމަވާފައިވަނީ ވޭޕުކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާ ކުރުމަށެވެ.

އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރުން ފެށިގެން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މިބަދަލުތައް ގެނައުމަށް ސަރުކާރުން މިހާރު މަސައްކަތްކުރަމުންދާއިރު، ދިވެހި ސިއްޙީ ދާއިރާ އޮތީ އުންމީދުން ފުރިފައެވެ.





More from PSM News