އަޙުމަދިއްޔާގައި ސްޓެމް އެޑިއުކޭޝަން އެންޑް ރޮބޮޓިކް އިންޖިނިއަރިންގް ޕްރޮގްރާމް ފަށަނީ

Fri, 18 Oct 2024 03:48 PM

View on this article on PSM News

އަޙުމަދިއްޔާގައި ސްޓެމް އެޑިއުކޭޝަން އެންޑް ރޮބޮޓިކް އިންޖިނިއަރިންގް ޕްރޮގްރާމް ފަށަނީ

އަޙުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި ސްޓެމް އެޑިއުކޭޝަން އެންޑް ރޮބޮޓިކް އިންޖިނިއަރިންގް ޕްރޮގްރާމް ފަށަން ތައްޔާރުވެއްޖެއެވެ. މިއީ އީޖާދީ އުފެންދުއްތައް އުފެއްދުމަށް ބާރުއަޅާ، ޒަމާނީ ތަޢުލީމީ ނިޒާމުގެ މުހިންމު ބައެކެވެ.

އަހުމަދިއްޔާ ސްކޫލްގައި ސްޓެމް އެޑިއުކޭޝަން ޕްރޮގްރާމް ފަށަނީ އެސްސީސީއައިޕީ މޯލްޑިވްސް އާއި އެސްސީސީއައިޕީ ޖަޕާން ގުޅިގެން، ބައިނަލްއަޤްވާމީ ފެންވަރުގެ ޕްރޮގްރާމެއްގެ ގޮތުގައެވެ.
އަހުމަދިއްޔާގައި ސްޓެމް އެޑިއުކޭޝަން ތަޢާރަފުކުރުމަށް ގްރޭޑް 3 އާއި 4 ގެ ދަރިވަރުން ހިމެނޭހެން ޕައިލެޓް ޕްރޮޖެކްޓެއް ވަނީ ހިންގާފައެވެ.

އަދި މިހާރު މިވަނީ ސްކޫލްގައި ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް، އެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ގްރޭޑްތަކުގެ ދަރިވަރުންނަށް އެ ފުރުޞަތު ހުޅުވާލާފައެވެ. އަދި އެކަމާއި ގުޅޭ މަޢުލޫމާތު ބެލެނިވެރިންނާ ދަރިވަރުންނަށް ދަނީ ފޯރުކޮށްދެމުންނެވެ.

އަހުމަދިއްޔާ ސްކޫލުން ބުނީ މި ޕްރޮގްރާމް ވެގެންދާނީ، ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ޒަމާނީ ވިސްނުންތަކަށް ދަރިވަރުން ލޯހުޅުވިގެންދާނެ މުހިންމު ޕްރޮގްރާމަކަށްކަމަށެވެ. އެގޮތުން އިޖާދީ ވިސްނުންތަކާއި މައްސަލަ ޙައްލުކުރުމުގައި ޢަމަލީގޮތުން ކުދިންގެ ބައިވެރިވުން އިތުރުކުރުމުގެ ވިސްނުން ކުރިއެރުވޭނެކަމަށެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދާއިރު ބަލާލާނީ، މައްސަލަތައް ބުނެދީ ޓެކްނޮލޮޖީގެ އެހީގައި އެ މައްސަލަތަކަށް ޙައްލު ހޯދުމަށް ކުދިން މަސައްކަތްކުރާނެ ގޮތްތަކެވެ. ސްޓެމް އަދި ރޮބޮޓިކް ކްލާސްތަކަށް ބޭނުންވާ ކިޓު އެސްސީސީއައިޕީގެ ފަރާތުން ދަރިވަރުންނަށް ފޯރުކޮށްދޭނެއެވެ.

އަހުމަދިއްޔާ ސްކޫލުން މިފަދަ ޕްރޮގްރާމެއް ފެށުމަށް ނިންމި އެންމެ ބޮޑު ސަބަބަކީ، ބޭރުގެ ޤައުމުތަކުގައި ކިޔެވުމުގެ ނިޒާމަށް އަންނަ ހެޔޮ ބަދަލުތަކަށް ރާއްޖޭގެ ދަރިވަރުންވެސް އަޙުލުވެރިވުމުގެ ފުރުޞަތު ދިނުމެވެ. އަދި މުސްތަޤުބަލުގައި ދިމާވާނެ އެކި ކަހަލަ މައްސަލަތަކަށް ޙައްލުހޯދުމަށް މަސައްކަތްކުރާނެ، އީޖާދީ ވިސްނުމުގެ ޖީލެއް ބިނާކުރުމަކީވެސް މިޕްރޮގްރާމް ފެށުމަށް ނިންމި ސަބަބެއް ކަމަށް އެ ސްކޫލުން ފާހަގަކުރެއެވެ.

ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުން ރަޖިސްޓްރީވުމުގެ ފުރުޞަތު އަޙުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން މިހާރު ވަނީ ހުޅުވާލާފައެވެ.





More from PSM News