ޣައްޒާގައި 1.8 މިލިޔަން މީހުން ބަނޑަށް ޖެހިފައި: އައިޕީސީ

Fri, 18 Oct 2024 05:16 PM

View on this article on PSM News

ޣައްޒާގައި 1.8 މިލިޔަން މީހުން ބަނޑަށް ޖެހިފައި: އައިޕީސީ

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން 1.84 މިލިޔަން މީހުން ހައިހޫނުގައި ޖެހިފައިވާ ކަމަށް, ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ދިރާސާ ކުރާ އިދާރާ, އިންޓެގްރޭޓެޑް ފުޑް ސެކިޔުރިޓީ ފޭސް ކްލެސިފިކޭޝަން (އައިޕީސީ)ން ހާމަކޮށްފިއެވެ. ޣައްޒާގައި މީގެ އަހަރެއްހާ ދުވަސް ކުރިން ފެށި ޢުދުވާނާ އެކު ޔަހޫދީ ފައުޖުން ވަނީ އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ.

އައިޕީސީން ބުނީ, ޣައްޒާގައި ކާބޯތަކެތި ލިބޭނެ އެއްވެސް ގޮތެއް ނެތިފައިވާ މީހުންގެ އަދަދު 133,000އަށް އަރާ ކަމުގައެވެ. އަދި, ކުރިއަށް އޮތް ދުވަސްތަކުގައި އެ އަދަދު 343,000އަށް އުފުލޭނެ ކަމަށް ބެލެވޭ ކަމުގައެވެ. އދން ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ. އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާގެ ވެރިޔާ ފޮލްކަރ ތުރްކު ވިދާޅުވީ ޣައްޒާގެ ރައްޔިތުންނަށް ބިރުވެރިކަމުން ފުރިފައިވާ ހާލަތެއް ކުރިމަތި ކުރުވާފައިވާ ކަމުގައެވެ.

"މި ކާރިސާ ކުރިމަތިވެފައި މި ވަނީ އިސްރާއީލުގެ ވެރިންގެ އަމަލުތަކާއި ނިންމުންތަކުގެ ސަބަބުން. [ޣައްޒާގެ ރައްޔިތުންނަށް ޖައްސާފައިވާ] ޙާލަތު ބަދަލު ކުރުމުގެ ބާރު ވެސް އޮތީ އެ މީހުންގެ [ޔަހޫދީންގެ] ކިބައިގައި — މިހާރުންމިހާރަށް ޙާލަތު ބަދަލު ކުރަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ހާލަތު ވަޒަން ކުރުމަށް ފަހު އައިޕީސީން ބުނީ, މޭ މަހުގެ ތެރޭގައި އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުން އިތުރު ކުރި ނަމަވެސް, މިއަދު ހާލަތު ބަދަލު ކޮށްފައިވާ ކަމުގައެވެ. އަދި, ސެޕްޓެންބަރުން ފެށިގެން އެ ސަހަރަށް ކާބޯތަކެތި ވެއްދުމަށް ޔަހޫދީން ހުރަސް އަޅަމުން ގޮސްފައިވާ ކަމުގައެވެ. "މުޅި ޣައްޒާގައި ހައިހޫނުކަން ޢާންމުވުމުގެ ފުރުޞަތު ވަރަށް ބޮޑު. އަލުން ޢުދުވާން ހިންގުން ފުޅާ ކުރުމާ އެކު, ޣައްޒާގެ ރައްޔިތުންގެ ހާލަތު އިތުރަށް ގޯސްވާނެ ކަމުގެ ނިޝާންތައް ވަނީ ފެންނަން ފަށާފައި،" އައިޕީސީގެ ރިޕޯޓުގައި ހާމަކުރިއެވެ.

އދގެ ސެކްރެޓަރީ-ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވީ, އައިޕީސީގެ ރިޕޯޓުގައި ހާމަކޮށްފައިވާ މަޢުލޫމާތާ މެދު ކަންބޮޑުވާ ކަމުގައެވެ. "ހައިހޫނުކަން ޢާންމުވުން އޮތީ ވަރަށް ގާތުގައި. މިއީ ހަޖަމު ކުރެވޭނެ ކަމެއް ނޫން. [ޣައްޒާގެ] ސަރަޙައްދީ ހުރަސްތައް މިހާރުން މިހާރަށް ހުޅުވަން ޖެހޭ. [ކާބޯތަކެތި އެތެރެ ކުރަން އަޅާފައިވާ] ހުރަސްތައް ނައްތައިލަން ޖެހޭ. އަދި, ސުލްޙައާއި އަމަންއަމާން ކަން ޤާއިމުކޮށް, ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް އދގެ އޭޖެންސީތަކަށް ދޭން ޖެހޭ،" އޭނާ ވިދާޅުވިއެވެ.

ޣައްޒާގެ މުސްލިމުން ޝަހީދު ކުރަން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. ނަމަވެސް, އެ ޤައުމުން ވެސް ބުނީ, ހައިހޫނު ކަމަކީ ހަނގުރާމައިގެ ހަތިޔާރަކަށް ހެދުމުގެ ފުރުޞަތު ޔަހޫދީންނަށް ނުދިނުމަށް ޣައްޒާގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމުގައެވެ. އައިޕީސީން ބުނީ, ފައިދާހުރި ކާނާ ނުލިބުމުގެ ސަބަބުން މެލްނިއުޓްރިޝަންގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ކުޑަކުދިންގެ އަދަދު 60,000އަށް އުފުލޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައެވެ.

ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ޣައްޒާގެ 2.3 އާބާދީގެ އެންމެންނަށް ވަނީ އަމިއްލަ ވަޒަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިފައެވެ. ޔަހޫދީ ފައުޖުން ވަނީ ޢާންމުންގެ ގެދޮރާއި ޢުމްރަނީ ވަސީލަތްތަކުގެ ބޮޑު އިންސައްތައެއް ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. އދން ބުނީ, ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމަށް ހުރަސް އަޅަމުން ދަނީ ޔަހޫދީ ފައުޖުން ކަމުގައެވެ. އަދި, އޮކްޓޫބަރު 2އާއި 15ވަނަ ދުވަހާ ދެމެދު ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީން އެއްވެސް ވަރަށް ދީފައި ނުވާ ކަމުގައި ވެސް އދން ހާމަކުރިއެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 42,438އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 99,246 މީހުން ޒަޚަމު ކޮށްލާފައެވެ.





More from PSM News