ޔަހޫދީންނަށް ބޮޑެތި ގެއްލުންތަކެއް ދޭނެ ކަމުގެ އިންޒާރު ޙިޒްބުاللهން ދީފި

Wed, 16 Oct 2024 02:39 PM

View on this article on PSM News

ޔަހޫދީންނަށް ބޮޑެތި ގެއްލުންތަކެއް ދޭނެ ކަމުގެ އިންޒާރު ޙިޒްބުاللهން ދީފި

ލުބްނާނުގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީންނަށް ބޮޑެތި ގެއްލުންތަކެއް ދޭނެ ކަމުގެ އިންޒާރު އެ ޤައުމުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهން ދީފިއެވެ. ލުބްނާނުގެ މުސްލިމުން ޝަހީދު ކުރުމަށް ޔަހޫދީ ފައުޖުން ނިރުބަވެރި ވައިގެ ޙަމަލާތައް ދޭން ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. އަދި, އޮކްޓޫބަރު 1ވަނަ ދުވަހު ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކު ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ލުބްނާނުގެ ދެކުނުގައިވާ ރަށްތަކަށް ފޮނުވައި ޔަހޫދީން ވަނީ ޤަތުލުޢާންމު އިތުރަށް ފުޅާ ކޮށްފައެވެ.

ޓީވީ މެދުވެރިކޮށް ލުބްނާނުގެ ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަފުޅު ދައްކަވަމުން ޙިޒްބުاللهގެ ވެރިޔާގެ ނައިބު ނަޢީމް ޤާސިމް ވިދާޅުވީ, ޔަހޫދީ ފައުޖުގެ ލާއިންސާނީ ޖަރީމާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީންނަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށް ރާވައި, ޙިޒްބުاللهގެ މުޖާހިދުންނަށް އެ ކަމަށް އަމުރު ކުރައްވާފައިވާނެ ކަމުގައެވެ. ސެޕްޓެންބަރު 27ވަނަ ދުވަހު ލުބްނާނުގެ ވެރިރަށް ބައިރޫތަށް ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ޙަމަލާތަކެއްގައި ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ފަހުން, ޙިޒްބުالله ހިންގުމުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ޙަވާލުވެ ވަޑައިގަންނަވާފައި ވަނީ ޤާސިމެވެ.

"ޙައްލަކީ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުން, ނަމަވެސް އަޅުގަނޑުމެން އެ ކަމަށް މި ގޮވައިލަނީ ބަލިކަށިވެފައިވާ ހާލަތެއްގައި އޮވެގެންނެއް ނޫން. [ޔަހޫދީ] އިސްރާއީލުން އެ ކަން ބޭނުން ނުވާ ނަމަ, އަޅުގަނޑުމެން ވެސް މަޑުޖެހުމެއް, ފަސްޖެހުމެއް ނެތި ކުރިއަށް ދާން މި ތިބީ ތައްޔާރަށް،" ޤާސިމް ވިދާޅުވިއެވެ. ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލައި, ޙަމަލާ ބަދަލު ކުރުން ހުއްޓައިލަން ޔަހޫދީން އެއްބަސްވެއްޖެ ނަމަ, ޒަޔަނިސްޓު ދައުލަތުގެ އުތުރުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެނބުރި ގެދޮރަށް ދިޔުމުގެ ފުރުޞަތު ފަހިކޮށްދޭނެ ކަމުގައި ވެސް އޭނާ ވިދާާޅުވިއެވެ.

ނަމަވެސް, ސުލްޙަވާން ޔަހޫދީ ފައުޖުން އެއްބަސްނުވެއްޖެ ނަމަ, އަމިއްލަ ވަޒަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިފައިވާ ޔަހޫދީންގެ އަދަދު އެތަކެއް ގުނައަކަށް އިތުރު ކުރާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. "އެ އަދަދު އެތަކެއް ސަތޭކަ ހާހަށް އުފުލޭނެ, ދެ މިލިޔަނަށް ވުރެ މައްޗަށް އުފުލޭނެ, ކޮންމެ ވަގުތަކީ ވެސް އެ މީހުންނަށް ނުރައްކާތެރި އަދި ބިރުވެރިކަމުން ފުރިގެންވާ ވަގުތަކަށް ބަދަލު ކޮށްލާނަން, ކޮންމެ ގަޑިއިރެއް, ކޮންމެ ދުވަހެއް،" ޔަހޫދީންނަށް އިންޒާރު ދެއްވަމުން ޤާސިމް ވިދާޅުވިއެވެ.

ލުބްނާނުގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލަށް ބެލުމެއް ނެތި ޔަހޫދީ ފައުޖުން އެ ޤައުމުގެ ޢާންމުން ދިރިއުޅޭ ރަށްތަކަށް ބޮންއަޅަމުންދާ ނަމަ, ބަދަލުގައި ޒަޔަނިސްޓު ދައުލަތުގެ ރަށްތަކަށް ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތައް ދިނުމަކީ ޙިޒްބުاللهއަށް ލިބިގެންވާ ޙައްޤެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ޙަމަލާތައް އަމާޒު ކުރާނީ ޔަހޫދީ ފައުޖުގެ ސިފައިންނާއި އަސްކަރީ މަޒުކަޒުތަކަށް،" އޭނާ ވިދާޅުވިއެވެ.

ޒަޔަނިސްޓު ދައުލަތުގެ އުތުރުގެ ރަށްތަކަށް ޙިޒްބުاللهން ރޮކެޓު ޙަމަލާތައް ދޭން ފަށާފައި ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން މީގެ އަހަރެއްހާ ދުވަސް ކުރިން ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ. ޙިޒްބުاللهގެ ބޭނުމަކީ ފަލަސްޠީނުގެ ރައްޔިތުންނާއި, މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންނަށް ވާގިވެރިވުމެވެ. އަމާޒަކީ, ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެންނަން ޔަހޫދީންނަށް ބާރުއެޅުމެވެ.

ޙިޒްބުاللهގެ ވަރުގަދަ ޙަމަލާތަކާ ގުޅިގެން ލުބްނާނާއި އިސްރާއީލް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ އިސްރާއީލުގެ ރަށްތައް ވަނީ ހުސްކޮށްފައެވެ. އަދި, އެ ސަރަޙައްދުތަކުގައި ދިރިއުޅެމުން ދިޔަ އެތަކެއް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ. ޔަހޫދީ ފައުޖުން ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޤަތުލުޢާންމު ހިންގަން ފަށާފައި ވަނީ, ގެދޮރު ނެތިކޮށްލާފައިވާ ޔަހޫދީންނަށް އެނބުރި ވަޒަނަށް ދިޔުމުގެ ފުރުޞަތު ހޯދައިދިނުމުގެ ނަމުގައެވެ. ނަމަވެސް, ޔަހޫދީންގެ ޙަޤީޤީ މަޤުޞަދަކީ ވީހާވެސް ގިނަ ޢަދަދެއްގެ މުސްލިމުން ޝަހީދު ކޮށްލުން ކަން ވަރަށް ސާފެވެ. އަދި, މެދުއިރުމަތީގެ މުސްލިމުން ޤައުމުތަކާ ދެކޮޅަށް ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށުން ކަން އެ މީހުންގެ އަމަލުތަކުން ސާބިތުވެއެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާނުގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,309އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 10,000އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.





More from PSM News