ޓީޖީއެސްޓީ އެންމެ އިންސައްތައެއް ބޮޑުކުރުމަކުން ފަތުރުވެރިކަމަށް އަސަރެއް ނުކުރާނެ: ޝުޖާޢު

Wed, 16 Oct 2024 01:43 PM

View on this article on PSM News

ޓީޖީއެސްޓީ އެންމެ އިންސައްތައެއް ބޮޑުކުރުމަކުން ފަތުރުވެރިކަމަށް އަސަރެއް ނުކުރާނެ: ޝުޖާޢު

ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކުހަށް، އެންމެ އިންސައްތައެއްގެ ބަދަލެއްގެނަޔަސް، ރާާއްޖޭގެ ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރެއް ނުކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވީ ފަތުރުވެރިކަމާ ގުޅުންހުރި ބައެއް ޓެކްސްތަކާއި ފީތައް ބޮޑުކުރުމަށް ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ތިން ބިލާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ރީތިކަން، ދުނިޔޭގެ އެކި ޤައުމުތަކުގެ ރައްޔިތުން ތަޖުރިބާ ކުރަން ބޭނުންވާ ކަމަށާއި، ފަތުރުވެރިން ރާއްޖެ އަންނަނީ މަތީ ފަންތީގެ ޚިދުމަތް ހޯދުމަށް ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ ބޮޑަށް އަސަރުކުރި، ކޯވިޑުގެ ދުވަސްވަރު ކުރީ ސަރުކާރުން ޓީޖީއެސްޓީ 4 ޕަސެންޓުން ބޮޑުކުރުމުންވެސް ފަތުރުވެރިކަމަށް އަސަރު ނުކުރިއިރު މި ސަރުކާރުން އެންމެ އިންސައްތައެއް އިތުރުކޮށްގެން ފަތުރުވެރިކަމަށް އަސަރުކުރާނެ ކަމަށް ނުބެލެވޭ ކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު ވިދާޅުވީ ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން އެއިން ދައުލަތަށް ލިބޭ އާމްދަނީގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅުވެ، ފަތުރުވެރިކަމުގެ ދާއިރާއަށްވެސް އޭގެ ފައިދާކުރާނެކަމަށެވެ.

"ރާއްޖޭގެ ބޭންކިން ނިޒާމުގައި ރިސޯޓެއް ފުލްކޮށް ތަރައްގީކުރެވޭވަރަށް ލޯނު ދެވޭނެ ގޮތްތަކެއް ނުހުރޭ. އެބޭފުޅުން މިޖެހެނީ ރާއްޖޭން ބޭރުގެ ބޭންކުތަކުން ލޯނާއެއްޗެހި ނަންގަވައިގެން ކުރަން. ނަމަވެސް އަޅުގަނޑުމެން މި ދާއިރާއިން ނެގޭ ޓެކްސްއިން ދައުލަތުގެ ކޭޝްފްލޯ ރަނގަޅުވެ މުސްތަގުބަލުގައި ދުރުރާސްތާ މިސްރާބަކަށް ހިފާއިރު ދައުލަތުގެ އާމްދަނީ އިތުރުވެ ބޭންކުތަކުގައި ދައުރުވާ ފައިސާ އިތުރުވީމަ ނެހެދި ހުރި ރިސޯޓުތަކަށް ގޮތްގޮތް ހޯދުމަކީ ސަރުކާރަށްވެސް ކުރެވޭނެ ކަންކަން،" އިބްރާހީމް ޝުޖާޢު ވިދާޅުވިއެވެ.

ބޭރު ޤައުމުތަކުގައި ރާއްޖެ އިތުރަށް އިޝްތިހާރު ކުރުމަށްވެސް ފައިސާ ބޭނުންވާ ކަމަށާއި، ޓެކްސް ބޮޑުކުރުމުން އިތުރުވާ އާމްދަނީ އެކަމަށް ހޭދަކުރުމަށް ހިމަނުއްވާފައިވާކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.

ޓީޖީއެސްޓީގެ އިތުރުން ރާއްޖޭން ބޭރަށް ފުރާ ފަރާތްތަކުގެ އަތުން ނަގާ ފީ ބޮޑުކުރުމަށްވެސް ސަރުކާރުން ވަނީ ހުށަހަޅުއްވާފައެވެ. މީގެ އަސަރު ދިވެހިންނަށް ނުކުރާނެ ކަމަށާއި، ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތަށްވެސް އަސަރުނުކުރާނެކަމަށް ޝުޖާޢު ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ ސަރުކާރުން ކޮންމެ ބިލެއް ޑްރާފްޓްކޮށް، މަޖިލީހަށް ފޮނުވަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އަދި މަޖިލީހުންވެސް ޤާނޫނެއް ނުވަތަ ޤާނޫނަކަށް އިސްލާހެއް ފާސްކުރާނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކަމަށާއި، ޤާނޫނުތަކަށް އިސްލާހު ގެންނާނީ އިންވެސްޓަރުންގެ ހައްގުތައްވެސް ހިމާޔަތްވާގޮތަށް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވިއެވެ.





More from PSM News