އައިއޭއީއޭގައި ބައިވެރިވާން ޚާރިޖީ ކޮމިޓީން ރުހުންދީފި

Wed, 16 Oct 2024 12:47 PM

View on this article on PSM News

އައިއޭއީއޭގައި ބައިވެރިވާން ޚާރިޖީ ކޮމިޓީން ރުހުންދީފި

އެޓޮމިކް ހަކަތައާބެހޭ ބައިނަލްއަޤްވާމީ އިދާރާ, އައިއޭއީއޭގައި ރާއްޖެއިން ބައިވެރިވާން ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ރުހުންދީފިއެވެ.

އައިއޭއީއޭގައި ބައިވެރިވުމަށް ކޮމިޓީން ރުހުން ދީފައިވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމުން އެ މައްސަލަ ދިރާސާ ކުރުމަށްފަހުއެވެ. އެގޮތުން، އައިއޭއީއޭގައި ބައިވެރިވާން ފާސްކޮށްފައިވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ، އައިއޭއީގައި ބައިވެރިވާން ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ލަފާ އެރުވެއްވީ ނިއުކްލިއަރ މެޑިސިންގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ހޯދުމަށެވެ. އެގޮތުން ކެންސަރަށް ފަރުވާ ދިނުމުގައި ނިއުކްލިއަރ މެޑިސިންގެ އެކި ފަރުވާތައް ބޭނުން ކުރާއިރު އެކަމާއި ގުޅޭ ބައިނަލްއަޤްވާމީ އިދާރާއަކީ އައިއޭއީއޭއެވެ.

އައިއޭއީއޭއާ ގުޅުމަށް ރާއްޖެއިން ނިންމާފައިވާއިރު އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާނީ ދިފާޢީ ވުޒާރާއިންކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މި މަސައްކަތަކީ ދިގު މުއްދަތެއްގެ ތެރެއިން ކުރެވޭނެ މަސައްކަތެއް ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

އައިއޭއީއޭއާ ގުޅުމުން ނިއުކްލިއަރ މެޑިސިންގެ ދާއިރާގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިންވެސް ފައިދާތަކެއް ކުރާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އިންޓަރނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީ، އައިއޭއީއޭ އަކީ 29 ޖުލައި 1957 ވަނަ އަހަރު އުފެއްދި ޖަމްއިއްޔާއެކެވެ. މިއީ ހަނގުރާމައިގެ ބޭނުމަށް ނިއުކްލިއަރ ހަކަތަ ބޭނުންކުރިޔަ ނުދިނުމަށާއި، އޭގެ ފައިދާ ރަނގަޅުގޮތުގައި ބޭރުކުރުމަށް އެހީތެރިވެދިނުމަށް އުފައްދާފައިވާ ޖަމްއިއްޔާއެކެވެ. މި ޖަމްއިއްޔާގައި މިހާރުވެސް 178 މެންބަރު ޤައުމު ހިމެނެއެވެ. ސަރަހައްދީ ޤައުމުތަކުގެ ތެރެއިން މި ޖަމުއިއްޔާގައި ބައިވެރިނުވަނީ ހަމައެކަނި ރާއްޖެއާއި ބޫޓާންއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރެވޭނީ މަޖިލީހަށް އެކަން ހުށަހަޅައި މަޖިލީހުން ފާސްކުރުމުންނެވެ.





More from PSM News