ބަލިވެއިނުމުން ތެލެސީމިއާ ކުއްޖެއްތޯ ބަލަން ހަދާ ޓެސްޓް ރާއްޖޭގައި ހަދަން ތައްޔާރުވެއްޖެ

Tue, 15 Oct 2024 11:34 PM

View on this article on PSM News

ބަލިވެއިނުމުން ތެލެސީމިއާ ކުއްޖެއްތޯ ބަލަން ހަދާ ޓެސްޓް ރާއްޖޭގައި ހަދަން ތައްޔާރުވެއްޖެ

މާބަނޑުއިރު ކުއްޖާއަކީ ތެލެސީމިއާ ކުއްޖެއްތޯ ބަލާ ޓެސްޓާއި ތެލެސީމިއާ ބަލި ކަށަވަރުކުރުމަށް ބައެއް ހާލަތްތަކުގައި ހަދާ ޑީއެންއޭ ޓެސްޓް ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް ސިއްޙަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު ނާޒިމް މިފަދައިން ވިދާޅުވީ ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މެނޭޖްމަންޓް މާސްޓަރ ޕްލޭން އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މެނޭޖްމަންޓް މާސްޓަރ ޕްލޭން އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިއްޙަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ރާއްޖޭގައި ތެލެސީމިއާގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

އެގޮތުން ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ކަންކަން ދެނެގަތުމަށްޓަކައި އިޓަލީވިލާތާއި ސައިޕްރަސްއާއެކު މަޝްވަރާ ކުރެވި، ފަހުމުނާމާއެއްގައި ސޮއިކުރުމަށް ތައްޔާރުވެފައިވާކަމަށް ވިދާޅުވިއެވެ.

ސިއްޙަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ތެލެސީމިއާ ފަންޑް ކޮމިޓީ އެކުލަވާލާ، ނެޝެނަލް ބްލަޑް ކައުންސިލްގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

މީގެއިތުރުން ތެލެސީމިއާ ބަލި ކަށަވަރުކުރުމަށްޓަކައި ބައެއް ހާލަތްތަކުގައި ކޮންމެހެންވެސް ހަދަންޖެހޭ ޑީއެންއޭ ޓެސްޓް ސަރުކާރުގެ ހޮސްޕިޓަލުތަކުގައި ހެދޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މާބަނޑުވުމާއި ގުޅިގެން ތެލެސީމިއާ ކުއްޖެއްތޯ ބެލުމަށް ހަދާ "ފްރިނޭޓަލް ޑައިގްނޯސިސް ޓެސްޓް" ފެށުމަށްޓަކައި ތައްޔާރު ވެފައިވާކަމަށްވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ތެލެސީމިއާ ހޮސްޕިޓަލު ޤާއިމުކުރުމުގެ ފަހުމުނާމާގައި ސޮއިކުރުމުން، އެއީ ސިއްހީ ނިޒާމު ހަރުދާނުކުރުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރައްވާފައެވެ.

ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މެނޭޖްމަންޓް މާސްޓަރ ޕްލޭން އާއި ތެލެސީމިއާ ހޮސްޕިޓަލަކީ ސިއްހީ ނިޒާމު މުޅިން އައު ހަރުފަތަކަށް ގެންދިޔުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.





More from PSM News