ތެލެސީމިއާ ހޮސްޕިޓަލާއެކު ދެމެހެއްޓެނެވިގޮތެއްގައި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ ކަށަވަރުވޭނެ: ނާއިބު ރައީސް

Tue, 15 Oct 2024 10:40 PM

View on this article on PSM News

ތެލެސީމިއާ ހޮސްޕިޓަލާއެކު ދެމެހެއްޓެނެވިގޮތެއްގައި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ ކަށަވަރުވޭނެ: ނާއިބު ރައީސް

ސަރުކާރުން ތަރައްޤީކުރާ ތެލެސީމިއާ ހޮސްޕިޓަލާއެކު ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ ދެމެހެއްޓެނެވިގޮތެއްގައި ކަށަވަރުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓްރަ ޕްލޭން 2024-2034 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވަނީ އަދުގެ ސަރުކާރުން ތަރައްޤީކުރުމަށް އިއުލާންކޮށްފައިވާ ތެލެސީމިއާ ހޮސްޕިޓަލު ގާއިމްކުރުމުގެ ފަހުމުނާމާގައި ސޮއިކޮށްފައެވެ.

މި ރަސްމިއްޔާތު ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މެނޭޖްމަންޓް މާސްޓަރ ޕްލޭން އިފްތިތާހްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ ތެލެސީމިއާ ހޮސްޕިޓަލެއް ރާއްޖޭގައި ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވަން އިއުލާންކުރެއްވި މަސައްކަތްތެއް ކަމަށާއި އެ ހޮސްޕިޓަލު ޤާއިމުވެގެންދިޔުމާއެކު ތެލެސީމިއާ ކުދިންނަށް ފަރުވާ ކަށަވަރުވެގެންދާނެކަމަށެވެ.

ތެލެސީމިއާ ކުދިންނަކީ މުޖުތަމައުގައި އެއްބައި ކަމަށާއި އެފަދަ ކުދިންނަށް ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދޭންޖެހޭކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ އެކަމުގައި ކަމާއިގުޅޭ މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށެވެ.

ތެލެސީމިއާ ކުދިންނަށް އެންމެ އެދެވޭ ސިއްޙީ ފަރުވާ ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށާއި އެކުދިންނަށް އެހީވުމަށް ލޭ ހަދިޔާކުރުމަކީ ފަރުދުންނަށް ކުރެވިދާނެ ނުހަނު މުހިއްމު ކަމެއްކަމަކަށްވީހިނދު އެމަނިކުފާނުވަނީ ލޭ ހަދިޔާ ކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.

"ލޭ ހަދިޔާ ކުރުމަކީ ކޮންމެ މީހަކަށް ލިބޭ އުފަލަކަށް ހަދަންޖެހޭ، ލޭ ހަދިޔާ ކުރުމަކީ އެ ކުދިންގެ ދިރިހުރުމަށް ދެވޭ އުންމީދެއް" ނާއިބުރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ހެދުމުގެ މަގު ބައެއް ކުދިންނަށް ތަނަވަސްކޮށްދީފައިވާއިރު އިތުރު ކުދިންނަށް ސަރުކާރުން އެ ފުރުސަތު ފަހިކޮށްދެއްވާނެކަމަށްވެސް އެމނަިކުފާނު ވިދާޅުވިއެވެ. ތެލެސީމިއާ ކުދިންނަށްވެސް ބޭނުންވާ ބޭސް ރާއްޖޭގެ ރަށްތަކުން ލިބެން ހުންނާނެކަމަށާއި، ސަރުކާރުގެ އަމާޒަކީ ތެލެސީމިއާ ކުދިންނަށްވެސް ރަނގަޅު ސިއްހީ ފަރުވާ ފޯރުކޮށްދީގެން ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުންކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.





More from PSM News