ވީއައިއޭގެ ކުރީގެ ރަންވޭ އަލުން ތަރައްޤީކުރަން ޗައިނާގެ ބީޔޫސީޖީއާ ހަވާލުކޮށްފި

Tue, 15 Oct 2024 07:45 PM

View on this article on PSM News

ވީއައިއޭގެ ކުރީގެ ރަންވޭ އަލުން ތަރައްޤީކުރަން ޗައިނާގެ ބީޔޫސީޖީއާ ހަވާލުކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ކުރީގެ ރަންވޭ އަލުން ތަރައްޤީކުރުމަށް ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީޔޫސީޖީއާ ހަވާލުކޮށްފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފައްޓަވައިދެއްވި، 20 އަހަރު ދުވަހުގެ އެއާޕޯޓު ތަރައްޤީގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

ކުރީގެ ރަންވޭ ތަރައްޤީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި، ސޮއިކުރެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު އެވެ. ޗައިނާގެ ބީޔޫސީޖީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ލުއޯ ވޭއި އެވެ.

އެމްއޭސީއެލްއިން ވިދާޅުވީ، މިމަސައްކަތް އަންނަ ނޮޮވެމްބަރު މަހު ފަށާނެކަމަށާއި 2 އަހަރާއި ބައިގެ ތެރޭ މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ ކަމަށެވެ. މި ރަންވޭގެ ދިގުމިނުގައި 3200 މީޓަރު ހުރެއެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީގެ ބިޔަ މަޝްރޫޢު ފެށުނު ހިސާބުންވެސް އެއާޕޯޓުގެ އެކި މަސައްކަތްތަކާއި މެދު އެކި ފަރާތްތަކުން ސުވާލު އުފައްދަމުން ދިޔަ ކަމަށެވެ. ނަމަވެސް މިހާރު ނިމިފައިވާ މަސައްކަތްތަކަށް ބަލާ އެސުވާލު ނުކުރާކަމަށެވެ.

ސަޢީދު ވިދާޅުވީ ވެލާނާ އެއާޕޯޓުގެ ތަރައްޤީއަކީ ރާއްޖޭގެ އިޤްތިޞާދާއި ގުޅިފައިވާ ކަމެއް ކަމަށާއި، ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް އެމަނިކުފާނު ހިފާފައިވާ އާމާޒު ހާސިލްކުރަން މިމަޝްރޫޢު ކުރިއަށް ގެންދިއުން މުހިއްމުކަމަށް ސަޢީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މިވަގުތު ޖީޑީޕީ އަކީ 6.5 ބިލިއަން ޑޮލަރު. ރައީސުލްޖުމްހޫރިއްޔާގެ އަމާޒަށް ވާސިލްވުމަށް 8 ބިލިއަން ޑޮލަރަށް މިއަދަދު އިތުރުކުރަން ޖެހޭ. އޭގެ މާނައަކީ އަހަރެއްގެ މައްޗަށް މަދުވެގެން 2.4 މިލިއަން ފަތުރުވެރިން ގެންނަން ޖެހޭކަން. އެހެންވީމަ އަޅުގަނޑު ދެކެނީ މިއީ ކުރިއަށް ގެންދަން މަޖްބޫރު މަޝްރޫޢެކޭ" ސަޢީދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދުވެސް ވަނީ މިމަޝްރޫޢު އެއާޕޯޓުގެ ތަރައްޤީއަށް މުހިންމުވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިވަގުތު ޓެކްސީވޭއެއްގެ ގޮތުގައި މި ރަންވޭ ބޭނުން ކުރާއިރު، އައު ކޯޑް އެފް ރަންވޭގައި އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ އެއާޕޯޓު ހުއްޓުމަށްކަށް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ރާޢްޖޭގެ އިޤްތިޞާދު ހުއްޓުމަކަށް އައުންފަދަކަމެއްގެ ގޮތުގައި އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރ ސިފަކުރެއްވިއެވެ.

ވެލާނާ އެއާޕޯޓައި ކުރިން ބޭނުންކުރި ރަންވޭ ބޭނުންކުރުން އެއްކޮށް ހުއްޓާލީ 2022 ވަނަ އަހަރު އައު ކޯޑް-އެފް ރަންވޭ ބޭނުން ކުރަން ފެށުމުންނެވެ. މިއާއެކު އެ ރަންވޭ ބޭނުން ކުރަމުންދިޔައީ ޓެކްސީ ވޭއެއްގެ ގޮތުގައެވެ.





More from PSM News