ސިޓީ އާއި ދެކޮޅަށް ނިކުންނާނީ ތިން ޕޮއިންޓް ހޯދަން: އާޓެޓާ

Sat, 21 Sep 2024 10:08 AM

View on this article on PSM News

ސިޓީ އާއި ދެކޮޅަށް ނިކުންނާނީ ތިން ޕޮއިންޓް ހޯދަން: އާޓެޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ނިކުންނާނީ ސިޓީ ބަލިކޮށް ތިން ޕޮއިންޓް ހޯދުމަށް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

ސިޓީ އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އާޓެޓާ ބުނެފައިވަނީ މި މެޗުން ސިޓީ ބަލިކޮށް ތިން ޕޮއިންޓް ހޯދުމަށް އޭނާވަނީ ޓީމު ތައްޔާރުކޮށްފައި ކަމަށާއި އަދި އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުގައި ކަންތައްތައް ކުރިގޮތަށްވުރެ ރަގަޅަށް މި މެޗުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށްވެސް އާޓެޓާ ވަނީ ބުނެފައެވެ.

މި ސީޒަނުގައި ރަގަޅު ކުޅުމެއް ދައްކަމުންދާ ސިޓީގެ ފޯވަޑް އާލިންގ ހާލަންޑް ހުއްޓުވުމާއި ގުޅޭ ގޮތުން އާޓެޓާ ބުނެފައިވަނީ ހާލަންޑް މި ސީޒަނުގައި ޖަހާފައިވާ ގޯލުތަކާއި އަދި ދައްކަމުންދާ ކުޅުމަށް ބަލާއިރު އޭނާ ހުއްޓުވުމަކީ އެންމެ މުހިންމު މަސައްކަތް ކަމަށާއި އަދި މެޗެއް ކާމިޔާބު ކުރަން ބޭނުންވާނަމަ ބައިކޮޅަށް ގޯލު ވަނުން ހުއްޓުވަން ޖެހޭނެ ކަމަށެވެ.

ފާއިތުވެދިޔަ ދެ ސީޒަނުގައިވެސް ލީގު ޗެމްޕިއަންކަމަށް ސިޓީ އާއި އެންމެ ބޮޑަށް ވާދަކޮށްފައިވަނީ އާސެނަލްއިންނެވެ. އެހެންކަމުން ސީޒަނުގެ ކުރީކޮޅު ސިޓީ ކަހަލަ ޓީމެއްގެ އަތުން މޮޅުވެ ތިން ޕޮއިންޓް ލިބުމަކީ އެ ޓީމަށް ލިބިގެންދާނެ އިތުރު ހިތްވަރެކެވެ.

އަދި ސިޓީ ފަދަ ވަރުގަދަ ޓީމެއް ބަލިކޮށް ޕްރިމިއާ ލީގު ހޯދުމަށް އާސެނަލްއިން ކުރަމުންދާ މަސައްކަތަށް އިތުރު ހިތްވަރެއް ނުވަތަ އުންމީދެއް ހޯދުމަކީ އާޓެޓާގެ އެންމެ މުހިންމު އެއް ބޭނުމެވެ. އާސެނަލް އަށް ޕްރިމިއާ ލީގު ކާމިޔާބު ނުކުރެވޭތާ މިހާރު 20 އަހަރު ވަނީ ވެފައެވެ.





More from PSM News