އިމާމުންގެ ދައުރު ފުޅާކޮށް، މައްސަލަތަކަށް ޙައްލު ހޯދައިދިނުމުގެ މަހާސިންތާ ފަށައިފި

Sat, 21 Sep 2024 12:06 PM

View on this article on PSM News

އިމާމުންގެ ދައުރު ފުޅާކޮށް، މައްސަލަތަކަށް ޙައްލު ހޯދައިދިނުމުގެ މަހާސިންތާ ފަށައިފި

މިސްކިތްތަކުގެ އިމާމުންނަށް ދިމާވާ ދަތިތައް ދެނެގަނެ ހައްލު ހޯދައިދިނުމަށް ކުރިއަށްގެންދާ މަހާސިންތާ ފަށައިފިއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަހާސިންތާގައި ފަސްސަތޭކައަށްވުރެ ގިނަ އިމާމުން ބައިވެރިވެއެވެ. އޭގެތެރޭގައި މަހާސިންތާއަށް ޙާޒިރުވެގެން 208 އިމާމުން އަދި އޮންލައިންކޮށް 300 އިމާމުން ބައިވެރިވެއެވެ.

އިމާމުންގެ މަހާސިންތާ 2024 ފެށުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މި މަހާސިންތާގެ މަޤްސަދަކީ އިމާމުން ތަމްރީނު ކުރުމާއި ޒުވާން އިމާމުންގެ ޖީލެއް މުޖުތަމަޢުއަށް ނެރުންކަމަށެވެ. އަދި އިމާމުންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅުން ބަދަހިކުރައްވާ، އިމާމުންގެ ހުށައެޅުންތައް އަޑުއަހައި، މަޝްވަރާކުރުމަކީވެސް މި މަހާސިންތާގެ ބޭނުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމައެއާއެކު އިމާމުންގެ ދައުރު ފުޅާ ކުރުމަށް މަސައްކަތްކުރުމަކީވެސް މި މަހާސިންތާގެ މަޤްޞަދެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑު އެންމެ އުފާވާ އެއްކަމަކީ ޒުވާން އިމާމުންނާއި ޚަތީބުން ފެނިގެންދާކަން. މިއީ އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ މުސްތަޤްބަލު. އިސްލާމީ ޝަހުސިއްޔަތު އުޖާލާވެގެންދާނެކަމުގެ ވަރަށް ބޮޑު ނިޝާނެއް. އެހެންކަމުން އަޅުގަނޑު މިކަންކަމަށް ވަރަށް ހިތްވަރުދެން." އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބާއްވާ މި މަހާސިންތާއަކީ އިމާމުންގެ އަހަރީ ބައްދަލުވުމެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އަންނަނީ ޒުވާން އިމާމުން އަދި ހަތީބުން ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.





More from PSM News