ތަންފީޒީ ފިޔަވަޅުތަކާއެކު ބިދޭސީންގެ ކޯޓާ ފީގެގޮތުގައި ލިބުނު ޢަދަދު ދެގުނަ އިތުރު

Sat, 21 Sep 2024 02:10 PM

View on this article on PSM News

ތަންފީޒީ ފިޔަވަޅުތަކާއެކު ބިދޭސީންގެ ކޯޓާ ފީގެގޮތުގައި ލިބުނު ޢަދަދު ދެގުނަ އިތުރު

ބިދޭސީ މަސައްކަތްތެރިންގެ ފީތައް ދެއްކުމަށް ސަރުކާރުން އަޅަމުންދާ ތަންފީޒީ ފިޔަވަޅުތަކާއެކު ބިދޭސީންގެ ކޯޓާ ފީގެ ގޮތުގައި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޢަދަދު ދެގުނަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ، މީރާއިން ނެރެފައިވާ މިދިޔަމަހުގެ އާމްދަނީ ރިޕޯޓުގައިވާގޮތުން އޮގަސްޓުމަހުގެ ނިޔަލަށް ކޯޓާ ފީގެގޮތުގައި ދައުލަތަށް 232 މިލިޔަން ރުފިޔާވަނީ ލިބިފައެވެ. މިޢަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 104 މިލިޔަން ރުފިޔާގައެވެ. އެހެންކަމުން ކޯޓާ ފީގެ ގޮތުގައި ލިބިފައިވާ ޢަދަދަށް މިވަނީ 123 އިންސައްތަ އިތުރުވެފައެވެ.

އާމްދަނީ ރިޕޯޓުން ދައްކާގޮތުން ކޯޓާ ފީގެ ގޮތުގައި އޮގަސްޓުމަހު ލިބުނު އަދަދުވަނީ 33.7 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ އޮގަސްޓުމަހު 36 މިލިޔަން ރުފިޔާވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ އޮގަސްޓުމަހު މި އަދަދު ހުރީ 27 މިލިޔަން ރުފިޔާއެވެ.

ބިދޭސީންގެ ކޯޓާ ފީ ދައްކަނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މީރާއަށެވެ. ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ އެއްލައްކަ ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާ ފަރާތްތަކުން، ދައުލަތަކަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދެއްކުމަށް ސަރުކާރުން ދަނީ ބާރު އަޅަމުންނެވެ.

އެގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ ބިދޭސީން ވަޒީފާ ދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ 100،000 ރުފިޔާއަށްވުރެ މަދުނަމަ، ސެޕްޓެންބަރުގެ 16ގެ ކުރިން އެ ފައިސާ ދައްކާ ޚަލާސްކުރަން ޖެހޭނެކަމަށް ވިދާޅުވެފައެވެ.

އަދި އެ ތާރީޚުގެ ނިޔަލަށް، ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްނުކުރާ ފަރާތްތައް އާންމުކޮށް އިޢުލާންކޮށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފަރާތްތައް ސަސްޕެންޑްކޮށް، އައު ހުއްދަތައް ދޫކުރުން މެދުކަނޑާލެވޭނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަދި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކާ ޚަލާސްކުރުމަށް ސަރުކާރާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގައި ބިދޭސީންނަށް ވަޒީފާ ދީގެން ގެންގުޅޭ މީހުންނާއި ކުންފުނިތަކުގެ ޢަދަދު 50000 އަށްވުރެ މައްޗަށް އަރައެވެ. އޭގެ ތެރެއިން 90 އިންސައްތަ ނުވަތަ 45،000 އަށްވުރެ ގިނަ ބަޔަކު ޤަވާއިދުން ފީ ނުދައްކާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.





More from PSM News