ފީފާއިން އިންޓަރކޮންޓިނެންޓަލް ކަޕުގެ ތާވަލު ހާމަކޮށްފި

Sat, 21 Sep 2024 11:28 AM

View on this article on PSM News

ފީފާއިން އިންޓަރކޮންޓިނެންޓަލް ކަޕުގެ ތާވަލު ހާމަކޮށްފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކުލަބުތަކުގެ މެދުގައި ކޮންމެ އަހަރަކު ބާއްވާ ފީފާ އިންޓަރކޮންޓިނެންޓަލް ކަޕުގެ ތާވަލު، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ހާމަކޮށްފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިޢުލާނުކުރި މި މުބާރާތަކީ، މީގެކުރީން ކޮންމެ އަހަރަކު ބާއްވަމުން އައި ފީފާ ކްލަބް ވޯލްޑް ކަޕްގެ ބަދަލުގައި ބާއްވާ މުބާރާތެކެވެ. ކްލަބް ވޯލްޑް ކަޕް މީގެ ފަހުން ބާއްވާނީ ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު 32 ޓީމު ބައިވެރިކޮށްގެންނެވެ. އެގޮތަށް ބާއްވާ ފުރަތަމަ މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.

އެގޮތުން، ފީފާ އިންޓަރކޮންޓިނެންޓަލް ކަޕްގެ ފުރަތަމަ އެޑިޝަންގައި ކުޅުމަށް ހަމަޖެހިފައިވަނީ މުޅިއެކު ފަސް މެޗެވެ. އޭގެ ތެރެއިން، ސީދާ ފައިނަލަށް ޔޫރަޕްގެ ޗެމްޕިއަނުން ކަމަށްވާ، ސްޕެއިނުގެ ރެއާލް މެޑްރިޑް ދަތުރުކޮށްފައިވާއިރު، ދޯހާގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗު އޮންނާނީ އަންނަ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

މި ފަހަރުގެ އިންޓަރކޮންޓިނެންޓަލް ކަޕްގެ ފުރަތަމަ މެޗުގައި އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން، އަލް އައިން އާއި އޯއެފްސީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުން ކަމަށްވާ އޯކްލޭންޑް ސިޓީ ކުޅޭނީ މާދަމާރޭ، އެފްރިކާ-އޭޝިއާ-ޕެސިފިކް ކަޕް ޕްލޭއޮފްގައެވެ. މި މެޗުން މޮޅުވާ ޓީމު، ސީއޭއެފް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އަލް އަހްލީއާ ދެކޮޅަށް ނުކުންނާނީ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު މިސްރުގެ ގާހިރާގައެވެ.

އެއަށްފަހު، މުބާރާތުގެ ދެން އޮތްބައި ކުރިއަށްދާނީ ގަތަރުގެ ވެރިރަށް ދޯހާގައެވެ. އެގޮތުން، 2024 ވަނަ އަހަރުގެ ކޮޕާ ލިބަރޓަޑޯރެސްގެ ޗެމްޕިއަން ޓީމާއި ކޮންކާކަފް ޗެމްޕިއަންސް ކަޕްގެ ޗެމްޕިއަނުން ކަމަށްވާ، މެކްސިކޯގެ ޕަޗޫކާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗު އޮތީ ޑިސެންބަރު މަހުގެ 11 ވަނަ ދުވަހުއެވެ. ފީފާއިން މި މެޗަށް ދީފައިވަނީ، "ޑާބީ އޮފް ދަ އެމެރިކާސް" ގެ ނަމެވެ.

މި ދެ މެޗުން މޮޅުވާ ޓީމުތައް އޭގެ ތިން ދުވަސް ފަހުން ނިކުންނާނީ ޗެލެންޖާ ކަޕްގައެވެ. އެއަށްފަހު، އެ ދެ ޓީމުގެ ކުރިމަތިލުމުން ކުރިހޯދާ ޓީމެއް އަންނަ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހު އިންޓަރކޮންޓިނެންޓަލް ކަޕްގެ ފައިނަލްގައި ނުކުންނާނީ ރެއާލާ ދެކޮޅަށެވެ.





More from PSM News