ފުޓްބޯޅަ ކަލަންޑަރ ބަދަލު ކުރެވޭނީ ކުޅުންތެރިންނަށް: ގަޑިއޯލާ

Sat, 21 Sep 2024 10:09 AM

View on this article on PSM News

ފުޓްބޯޅަ ކަލަންޑަރ ބަދަލު ކުރެވޭނީ ކުޅުންތެރިންނަށް: ގަޑިއޯލާ

މިހާރު ފެށިގެންދާ ޔޫރަޕްގެ ވަރުގަދަ ލީގުތަކުގައި ވާދަކުރާ ކްލަބްތައް މި ސީޒަނުގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭ މައްސަލައަށް ހައްލެއް ހޯދޭނީ ކުޅުންތެރިންނަށް ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ބުނެފި އެވެ.

ޕްރިމިއާ ލީގުގައި މާދަމާ ރޭ އާސެނަލް އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ގަޑިއޯލާ ބުނެފައިވަނީ މި އަހަރުގެ ސީޒަނުގައި ގިނަ އަދަދެއްގެ މެޗުތަކެއް ކައިރި ކައިރީގައި ކުޅެން ޖެހުމާއި ގުޅިގެން ގިނަ ބައެއްގެ ހިތްހަމަނުޖެހުން އެބައޮތް ކަމަށާއި އަދި އެކަމާއި ގުޅޭ ގޮތުން ވާހަކަ ދެކެވިފައިވާ ކަމަށެވެ.

ނަމަވެސް މިހާތަނަށް އެއްވެސް ރަސްމީ ފަރާތަކުން އެކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައިނުވާއިރު, ކޯޗުންނާއި ކްލަބްތަކާއި މީޑިޔާގެ އިތުރުން ސްޕޯޓްސް ޑިރެކްޓަރުންގެ ވާހަކަތައް އަޑު ނޭހި ނަމަވެސް ކުޅުންތެރިންގެ އަޑުއަހަން ޖެހޭނެ ކަމަށެވެ. އަދި ފުޓްބޯޅަ ކަމެއް ކުރާނަމަ ކުޅުންތެރިންނާ ނުލާ އެކަމެއް ނުކުރެވޭނެ ކަމަށާއި އެހެންކަމުން އަރާމު ކުރުމަށް ވަގުތު ނެތި ގިނަ މެޗުތަކެއް ކުޅެންޖެހޭ މައްސަލައަށް ހައްލެ ހޯދޭނެ ހަމައެކަނި ބަޔަކީ ކުޅުންތެރިން ކަމަށް ގަޑިއޯލާ ވަނީ ބުނެފަ އެވެ.

ގަޑިއޯލާ މިހެން ބުނެފައިވާއިރު ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ސިޓީ ކުޅުނު މެޗުގެ ކުރިން އެ ޓީމުގެ މިޑްފީލްޑަރ ރޮޑްރީ ވަނީ މި މައްސަލައިގައި ކުޅުންތެރިން މުޒާހަރާ ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފަ އެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަން ރޭވިފައިވާ ގޮތަށް ބަލާއިރު މެންޗެސްޓަރ ސިޓީ އިން މި ސީޒަނުގައި 76 މެޗު ކުޅުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ ޕްރިމިއާ ލީގާއި އެފް އޭ ކަޕާއި ލީގު ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގާއި ފީފާ ކްލަބް ވޯލްޑްކަޕް އަދި ކޮމިއުނިޓީ ޝީލްޑް ހިމަނައިގެންނެވެ. މީގެ އިތުރުން ގައުމީ ޓީމުތައް ތަމްސީލު ކުރުމަށް ކުޅުންތެރިންނަށް ޖެހޭ އިރު މިފަދަ އަދަދަކަށް މެޗުތައް ކުޅުމަކީ ގެއްލުން ބޮޑު ކަމެއްކަމަށް ވަނީ ބެލެވިފައެވެ.

ފިފްޕްރޯ އިން ބުނެފައިވާ ގޮތުގައި ކުޅުންތެރިއަކަށް ސީޒަނެއްގައި އެންމެ ގިނައިންވެސް ކުޅެވޭނީ އެ ކުޅުންތެރިއެއްގެ އުމުރަށް ބެލުމަށްފަހު 50 ނުވަތަ 60 މެޗެވެ.

ގަޑިއޯލާގެ ވާހަކަތަކަށް ތާއިދުކޮށް ޗެލްސީގެ ކޯޗް އެންޒޯ މަރެސްކާ ބުނެފައިވަނީ މި ސީޒަނުގައި ގިނަ މެޗުތަކެއް ކުޅެންޖެހޭ ގޮތަށް ހަމަޖެހިފައިވާކަން އެނގޭ ކަމަށައި އަދި އެކަމުގެ ސަބަބުން ކުޅުންތެރިންނަށް އިތުރު ގެއްލުންތަކެއް ލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި މިއީ މިކަން ވާން ޖެހޭނެ ގޮތެއް ނޫން ކަމަށާއި މިކަމަށް ހައްލެއް ހޯދޭނީ ހަމައެކަނި ކުޅުންތެރިންނަށް ކަމަށާއި އަދި އެކަމުގައި ކުޅުންތެރިންނަށް އެހީތެރިވާނެ ކަމަށްވެސް މަރެސްކާ ވަނީ ބުނެފަ އެވެ.





More from PSM News