ސިފައިންގެ 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

Sat, 27 Apr 2024 11:10 PM

View on this article on PSM News

ސިފައިންގެ 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި އަލަށް ގުޅޭ ފަރާތްތަށް ތަމްރީނުކުރުމަށް ހިންގާ އަސާސީ ތަމްރީނު ކޯހުގެ 70 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު ހަވީރު ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫންއެވެ. މި ރަސްމިއްޔާތުގައި، ވަޒީރު ވަނީ ލަޝްކަރު ބަލާފާސް ކޮށްދެއްވުމަށްފަހު، ކޯހުން ވަނަތައް ހާސިލްކުރި ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވާފައެވެ.

ސިފައިންގެ 70 ވަނަ އަސާސީ ތަމްރީން ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ އެވޯޑް ހާސިލްކޮށްފައިވަނީ، ޕްރައިވެޓް ހަމްނާ ރަޝީދު (ސ.ނ 8756) އެވެ. މީގެ އިތުރުން، ހެވިކަމަށް އެންމެ މޮޅު ދަރިވަރުގެ އެވޯޑް ޕްރައިވެޓް އިޝްޙާޤް ޝަރީފް (ސ.ނ 8689) ހާސިލްކޮށްފައިވާއިރު، ހަށިހެޔޮކަމުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އައިހަމް ޢަލީ (ސ.ނ 8739) އެވެ.

އަމާޒަށް ބަޑި ޖެހުމުން އެންމެ މޮޅު ދަރިވަރުގެ އެވޯޑް ޕްރައިވެޓް މުޙައްމަދު ރިޝްފާން (ސ.ނ 8784) ހާސިލްކޮށްފައިވާއިރު، މަޒުމޫން ލިޔުމުގެ މުބާރާތުން އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް ޢުލްވިއްޔާ އަޙްމަދު (ސ.ނ 8758) އެވެ.

މި ކޯހުގެ އެއްވަނަ ޕްލެޓޫނަަކަށް ހޮވިފައިވަނީ ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ ފޯތު ޕްލެޓޫނެވެ. ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ފަސްޓް ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް ޢަބްދުﷲ ހާޝިމް އަޙްމަދު (ސ.ނ 8720) ހޮވިފައިވާއިރު، ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ސެކަންޑް ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް ޙުސައިން އައިހަމް މޫސާ (ސ.ނ 8810) އެވެ.

ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ތާޑު ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް އިޝްޙާޤު މުޙައްމަދު (ސ.ނ 8689) ހޮވިފައިވާއިރު، ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ފޯތު ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އަޙްމަދު ރިމާޙު (ސ.ނ 8688) އެވެ. ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ފިފްތު ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް ޢުލްވިއްޔާ އަޙްމަދު (ސ.ނ 8758) އެވެ.

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަށް ހިންގި މި ކޯހުގެ ތަމްރީނުތައް ކުރިއަށްގެންދިޔައީ ޅ.މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގައެވެ.

މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ސިފައިން ޢަޒުމް ލައިދެއްވީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ކާނަލް އިބްރާހީމް އަޝްރަފެވެ. މި ކޯހުގައި ޖުމްލަ 98 ދަރިވަރުން ވަނީ ދަސްވެނިވިފައެވެ. އެއީ 89 ފިރިހެނުން ދަރިވަރުންނާއި 9 އަންހެން ދަރިވަރުންނެވެ.

އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބި ކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.





More from PSM News