ފަލަސްތީނާމެދު ދިވެހި ތުއްތުކުދިންގެ ހިތްތަކުގައި ޚާއްސަ ލޯތްބެއް

Fri, 10 May 2024 12:44 AM

View on this article on PSM News

ފަލަސްތީނާމެދު ދިވެހި ތުއްތުކުދިންގެ ހިތްތަކުގައި ޚާއްސަ ލޯތްބެއް

ދިވެހިރާއްޖޭގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުންދާއިރު އަޅުގަނޑުމެންގެ ހިތްތަކާ އެންމެ ބޮޑަށް ގުޅިފައިވާ އެއް ޤައުމު ކަމަށްވާ ފަލަސްތީނުގެ ކުޑަކުދިންގެ މަތިން ހަނދާންކޮށްލަމާތޯއެވެ. އެ ޤައުމުގެ ކޮންމެ ކުޑަކުއްޖަކީ ވެސް މިއަދު އެތައް ގޮތަކުން ނުރައްކަލަށް ހުށަހެޅިފައިވާ ކުއްޖެކެވެ. ހައިހޫނުކަމާއި ބޮމުގެ ޝިކާރައަށް ކޮންމެ ދުވަހަކު އެތައް ސަތޭކަ ކުދިންނެއް ދަނީ ވަމުންނެވެ.

ޔަހޫދީ ޒަޔަނިސްޓް އިސްރާއީލުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 14،500 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުކޮށްލާފައެވެ. އަދި ޔަހޫދީން އަތްގަދަކޮށްފައިވާ ވެސްޓްބޭންކުން ވެސް މިހާތަނަށް 124 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.

މި ހަމަލާތަކުގައި އެތައް ހާސް ކުދިންނަކަށް ވަނީ މުޅި އުމުރަށް ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހޭވަރުގެ ޒަހަމްތައް ވެސް ލިބިފައެވެ.

ތަޢުލީމާއި ރަނގަޅު ސިއްޙަތާއި ބޯހިޔާވަހިކަން އަދި ހިމާޔަތަކީ ކޮންމެ ކުޑަކުއްޖަކަށްވެސް ލިބެން ޖެހޭ ކަމަށް މުޅި ދުނިޔެވެސް ޤަބޫލުކުރާ އަސާސީ ޙައްގުތަކެވެ. މިއަދު މީގެއިން އެއްވެސް ޙައްގެއް ފަލަސްތީނުގެ ކުޑަކުއްޖަކަށް ކަށަވަރުވެފައި ނުވެއެވެ.

ކޮންމެ ކުއްޖަކަށްވެސް އާއިލާއިންނާއި މުޖުތަމައުތަކުން އެ ޙައްގުތައް ކަށަވަރު ކުރުމަށް ދުނިޔޭގެ ކުދިބޮޑު ހުރިހާ ޤައުމަކުން ވެސް ވަކާލާތުކުރެއެވެ. ނަމަވެސް މިއަދު ލޮލު ކުރިމަތިން ކުޑަކުދިންގެ އެތައް ޙައްގެއް ނިގުޅައިގަންނަމުންދާއިރު އެ މަންޒަރު ނުފެންނަ ކަމަށް ހެދިގެން ކަނު ބަދެގެން އެތައް ބަޔަކު އެބަތިއްބެވެ.

ހަމަލާތަކުގައި ޒަޚަމްވާ ކުޑަކުދިންނަށް އެކަށީގެންވާ ފަރުވާ ދެވޭނެ ގޮތެއް މިއަދު ޣައްޒާގައި ނެތެވެ. ބޮޑެތި އޮޕަރޭޝަންތައް ކުރަން ޖެހިފައިވަނީ އެކުދިން ހޭނައްތާނުލައެވެ. މައިންބަފައިން ޝަހީދުވެ، ޔަތީމުވެފައިވާ އެތައް ކުޑަކުދިންތަކަކަށް މިއަދު ވަނީ އާއިލާއެއް ބެލެހެއްޓުމުގެ ޒިންމާ އުފުލަން ޖެހިފައެވެ.

މުޅި ޣައްޒާއަށް ވެރިވެގަތުމުގެ ޖަރީމާ ހިންގަމުންދާއިރު ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީގެ ގޮތުގައި ފޯރުކޮށްދޭ ކާނާ ފަދަ ޒަރޫރީ ތަކެއްޗަށްވެސް ޔަހޫދީ ދައުލަތުން ދަނީ ހުރަސް އަޅަމުންނެވެ.

މީގެ ސަބަބުން ޣައްޒާ މިއަދު އޮތީ ހައިހޫނުކަމެއްގެ ތެރޭގައެވެ. ކުޑަކުދިންނަކީ ހެދިބޮޑުވުމަށް ރަނގަޅު ކާނާ ލިބެން ޖެހޭ ބަޔަކަށްވާއިރު އެ ލިބެންޖެހޭ މާއްދާތައް ނުލިބި ހައިހޫނުކަމުގައި ފަލަސްތީނުގެ އެތައް ކުޑަކުއްޖަކު މިއަދު ވަނީ މި ދުނިޔެ ދޫކޮށްފައެވެ. މިހާލަތުގައި ވެސް ފަލަސްތީނުގެ ކުޑަކުދިންގެ ފަރާތުން ފެނިގެންދަނީ ގަދަ ހިތްވަރެވެ. މައިންބަފައިންނާއެއްގޮތަށް އެ ކުދިންގެ ފަރާތުން ވެސް ފެންނަނީ އަގީދާގެ ވަރުގަދަކަމެވެ.

އެ ހިތްވަރު ފެނި މި ކުޑަ މުޖުތަމައުގައި ވެސް ކުޑަކުދިންގެ ހިތްތަކުގައި ފަލަސްތީނު ކުދިންނަށް އޮތް އޯގާތެރިކަމާއި ލޯބި ވަނީ އިތުރުވެފައެވެ. އެކަން ރާއްޖޭގައި ފަލަސްތީނުގެ ޙައްގުގައި ނުވަތަ ފަލަސްތީނަށް އެހީވުމަށް ކުރިއަށްގެންދާ އެކި ހަރަކާތްތަކުން ފެނެއެވެ.

އާބާދީގެގޮތުން ކިތަންމެ ކުޑަނަމަވެސް ފަލަސްތީނުގެ ހައްޤުގައި ބައިނަލްއަޤްވާމީ މައިދާނުގައި އެންމެ ބޮޑަށް ވަކާލާތުކުރާ އެއް ޤައުމަށް ހަމަގައިމުވެސް އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ ވާނެކަން ޔަޤީންނެވެ. ދުނިޔޭގެ ފެންވަރުގައި ބޭއްވޭ ހުރިހާ ބޮޑެތި އެއްވުންތަކަކާއި ބައްދަލުވުންތަކެއްގައިހެން ފަލަސްތީނު ރައްޔިތުންގެ ހައްޤުގައި ދިވެހިރާއްޖެއިން އަންނަނީ ކެނޑިނޭޅި އަޑުއުފުލަމުންނެވެ. ފަލަސްތީނު ރައްޔިތުންގެ މިނިވަންކަމަށް އަޑުހަރުކޮށް ގޮވަމުންނެވެ.

ފަލަސްތީނުގެ ރައްޔިތުންނަށްޓަކާ އަޅުގަނޑުމެން ދިވެހީންގެ ހިތްތަކުގައި ވަނީ ޚާއްސަ ލޯތްބަކާއި ގަދަރެއްކަން ޔަޤީންނެވެ. ކުޑަކުދިންގެ ދުވަހެއް ފާހަގަކުރާއިރު، މި ލޯތްބާއި ކުލުނު އަދިވެސް އަޅުގަނޑުމެންގެ ތުއްތު ކުދިންގެ ހިތްތަކުގައި އާލާކުރުން އަޒުމަކަށް ހަދަންޖެހެއެވެ.





More from PSM News