ޕްލޭއޮފް ކުޅެން ނުޖެހި ރާއްޖެ ކޮލިފައިން ތިންވަނަ ބުރަށް

Fri, 10 May 2024 12:07 AM

View on this article on PSM News

ޕްލޭއޮފް ކުޅެން ނުޖެހި ރާއްޖެ ކޮލިފައިން ތިންވަނަ ބުރަށް

ސައުދީ އަރަބިއްޔާގައި 2027 ވަނަ އަހަރު އޮންނަ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިން ޕްލޭއޮފް ބުރުގައި ނުކުޅެ، ކޮލިފައިން ތިންވަނަ ބުރުން ރާއްޖެއަށް ފުރުސަތު ލިބިއްޖެއެވެ.

މިދިޔަ އަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފައިން ފުރަތަމަ ބުރުގައި ބަންގްލަދޭޝް އަތުން ރާއްޖެ ވަނީ ބަލިވެފައެވެ. އެއާއެކު ކޮލިފައިން ދެވަނަ ބުރުން ބަންގްލަދޭޝް ޖާގަ ހޯދިއިރު، މިއީ ވޯލްޑް ކަޕް ކޮލިފައިން ފުރަތަމަ ބުރުން ރާއްޖެ މި ފަހުން ކެޓި ފުރަތަމަ ފަހަރެެވެ.

އެގޮތުން އެންމެ ފަހުން ފުރަތަމަ ބުރުން ރާއްޖެ ކެޓީ 2007 ވަނަ އަހަރެވެ. އެ ފަހަރު ޔަމަނާ ދެކޮޅަށް ކުޅެ މާލޭގައި 2-0 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް، ޔަމަންގެ ދަނޑުގައި ކުޅުނު ލެގުން ރާއްޖެ ވަނީ 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ކޮލިފައިން ފުރަތަމަ ބުރުން ބަލިވެ 2026 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ރާއްޖެއަށް ގެއްލުނު ނަމަވެސް، އޭޝިއަން ކަޕުގެ ކޮލިފައިން ޕްލޭއޮފް ބުރުގައި ރާއްޖެ ހިމެނުނެވެ. އެ ބުރުގެ މެޗުތައް މި އަހަރުގެ ސެޕްޓެމްބަރު މަހަށް ތާވަލުކުރިއިރު، ޕްލޭއޮފް ބުރުގެ މެޗުތަކުން މޮޅުވާ ޓީމުތަކަށް އޭޝިއަން ކަޕުގެ ކޮލިފައިން ތިންވަނަ ބުރުން ފުރުސަތު ލިބިގެންދާނެއެވެ.

އެކަމަކު އޭޝިއަން ކަޕް ކޮލިފައިން ޕްލޭއޮފްގައި ގުއާމް އާއި ނޮދާން މަރިއާނާ އައިލެންޑް ވާދަނުކުރާ ގޮތަށް ހަމަޖެހުމުން، ޕްލޭއޮފްގައި ކުޅެން ޖެހޭ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިން ގައުމަށް ވަނީ އޭޝިއަން ކަޕް ކޮލިފައިން ތިންވަނަ ބުރުން ފުރުސަތު ލިބިފައެެވެ. އެ ތިން ގައުމަކީ ރާއްޖޭގެ އިތުރުން ބޫޓާން އަދި ލާއޯސްއެވެ.

އޭޝިއަން ކަޕުގެ ކޮލިފައިން ތިންވަނަ ބުރުގައި 24 ޓީމެއް ވާދަކުރާއިރު، އެ ޓީމުތައް ހަ ގްރޫޕަކަށް ބަހާލާނެއެވެ. ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭއިރު، އޭޝިއަން ކަޕުން ފުރުސަތު ލިބޭނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ކުރީގައި އޮންނަ ޓީމުތަކަށެވެ. މި ބުރުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.





More from PSM News