"މަޖިލިސް 2024" އެންމެ މައްސަލަ މަދު އިންތިޚާބު؛ އީސީގެ އިންތިޒާމުތަކަށް ތަޢުރީފް

Fri, 26 Apr 2024 12:33 PM

View on this article on PSM News

"މަޖިލިސް 2024" އެންމެ މައްސަލަ މަދު އިންތިޚާބު؛ އީސީގެ އިންތިޒާމުތަކަށް ތަޢުރީފް

ރާއްޖޭގައި ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ރައްޔިތުންގެ އަޑު ޤާނޫނު ހަދާ މަޖިލީހުގައި އިއްވައިދިނުމަށް ރައްޔިތުން އިޙްތިޔާރުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި 93 ކެންޑިޑޭޓުން އިންތިޚާބުކުރަން 368 ކެނޑިޑޭޓުން ވާދަކުރެއްވިއެވެ. ރައްޔިތުން ވޯޓުލުމަށް 602 ވޯޓު ފޮށި ބެހެއްޓި މި އިންތިޚާބުގެ ހަޤީޤީ ކާމިޔާބީއަކީ އެހެން އިންތީޚާބުތަކާއި ޚިލަފަށް މިފަހަރު ވޯޓުލުން ފެށުނީއްސުރެ ނިމެންދެން ހޭދަވި ވަގުތުތަކުގެ ތެރޭގައި ބޮޑު މައްސަލަތަކެއް ފެންމަތިވެފައި ނުވުމުވުމެވެ. އަދި އިންތިޚާބާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުނު ޝަކުވާތައް މަދުވުމަކީވެސް އިންތިޚާބުގެ ކަންކަން ހަރުދަނާކޮށް އިންތިޒާމުކުރެވިފައިހުރިކަން ހާމަވާ ސަބަބެކެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ އެހެން ފަހަރުތަކާއި އަޅާބަލާއިރު މިފަހަރުގެ އިންތިޚާބުގައި ޝަކުވާތައް މަދު ކަމަށެވެ. މިއީ ދުރާލަ ރައްޔިތުންގެ މެދުގައި އިންތިޚާބަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާކަން މެންބަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ޤަބޫލުކުރަނީ ރައްޔިތުންނަށް އިންތިޚާބާ ބެހޭ ކަންކަން އޮޅުންފިލައި، މިކަންކަމުގެ މައުލޫމާތު ރައްޔިތުންނަށް މައުލޫމާތު ލިބޭ މިންވަރަކަށް، ޝަކުވާގެ ކަންކަން މަދުވެގެންދާނެ" ޒަކަރިއްޔާ ވިދާޅުވިއެވެ.

މިކަމުން ހާމަވެގެންދަނީ އިލެކްޝަންސް ކޮމިޝަނުން މަޖިލިސް އިންތިޚާބަށް ތައްޔާރުވެފައިވާ މިންވަރެވެ. އިންތިޚާބުގެ އިދާރީކަންކަން ހަމަޖެއްސުމުގެ އިތުރަށް މިފަދަ ބޮޑު އިންތިޚާބަކަށް ހޭލުންތެރިކަން އިތުރުކޮށް، ޤާނޫނާއި ޤަވާއިދަށް ރައްޔިތުން އަހުލުވެރިކުރުމުގެ ޒިންމާ އެކޮމިޝަނުން ވަނީ އަދާކޮށްފައެވެ. މިއާއެކު އެހެންފަހަރުތަކަށްވުރެ ބާތިލު ވޯޓުތަކުގެ އަދަދު މަދުވެ، ވޯޓުލާން ނިކުތް މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ.

މިކަމަށް ބާރުދެނީ މަޖިލިސް އިންތިޚާބު އޮބްޒަރވްކުރަން ރާއްޖެއިން ބޭރުން ވަޑައިގެންނެވި އޮބްޒާވަރުންގެ ވާހަކަތަކުންނެވެ. 11 ޤައުމަކުން 45 އިންޓަރނޭޝަނަލް އޮބްޒާވަރުން ހަރަކަތްތެރިވި މި އިންތިޚާބުން ފާހަގަވިކަންކަމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފަރާތްތަކުންވަނީ މިއީ ނުހަނު ފުރިހަމަ އިންތިޚާބެއްކަމަށް ވިދާޅުވެ، އިންތިޚަބަށާއި އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ތަޢުރީފްކޮށްފައެވެ.

އަދި އިންތިޚާބުގެ ކަންކަން ބަލަހައްޓަމުންދިޔަ ރާއްޖޭގެ ޢިދާރާތަކާއި ޖަމިއްޔާތަކުންވަނީ އެކަން ފާހަގަކުރައްވާފައެވެ. އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ވަނީ އިލެކްޝަންސް ކޮމިޝަނުން ކުރައްވާފައިވާ މަސައްކަތްތަކާއި ތައްޔާރީތައް ރަނގަޅުކަން ފާހަކަުރައްވާފައެވެ.

އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔަ ދުވަހުވެސް އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރު އައިސްފައިވަނީ މަދު އަދި އާދައިގެ ޝަކުވާތަކެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އެގޮތުން އެދުވަހު ލިބުނީ ލިސްޓުގައި ނަން ނެތުމާއި، އައިޑީ މުއްދަތު ހަމަވެގެން ވޯޓުނުލެވުން ފަދަ ޝަކުވާތައް ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެ ޝަކުވާތަކަށް އެދުވަހު ދިޔައީ ވަގުތުން ޖަވާބު ދެމުންކަމަށެވެ.

އޭގެ ފަހުން ވަގުތީ ނަތީޖާ އާއި ދާއިމީ ނަތީޖާ ދެމެދު މައިގަނޑު 3 ޝަކުވާއެއް ހުށަހެޅުނު ނަމަވެސް އެ ޝަކުވާތަކަށް ބަލާއިރު، ވޯޓު ގުނިއިރު ކެނޑިޑޭޓުންގެ މަންދޫބުންގެ ފަރާތުން އެއްވެސް މައްސަލައެއް ނެތް ކަމަށް ސޮއިކޮށްފައި ވުމުން އަލުން ވޯޓު ފޮށިތައް ގުނަން ޖެހޭ ހާލަތެއްވެސް ނެތްކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި މީގެ ކުރިން ބޭއްވުނު އިންތިޚަބުތަކުގައި، ވޯޓުލުމުގެ ކަންކަން ކުރިއަށް ދިޔަ ވަގުތުތަކުގައި މައްސަލަތައް ފެންމަތިވެ ފުލުހުން ބާރުގެ ބޭނުންކުާޜ ހިސާބަށްވެސް ބައެއް ކަންކަން ގޮސްފައިވެއެވެ.





More from PSM News