ޣައްޒާ ޢުދުވާން: މިޞްރާއި ޤަޠަރުގެ ހުށަހެޅުމަށް ޙަމާސުން އެއްބަސްވެއްޖެ

Mon, 06 May 2024 11:58 PM

View on this article on PSM News

ޣައްޒާ ޢުދުވާން: މިޞްރާއި ޤަޠަރުގެ ހުށަހެޅުމަށް ޙަމާސުން އެއްބަސްވެއްޖެ

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން މެދުކަނޑައިލުމާ ގުޅޭ ގޮތުން ޤަޠަރާއި މިޞްރުން އެންމެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން އެއްބަސްވެއްޖެއެވެ. މި ކަން ހާމަ ކުރައްވާފައި ވަނީ އެ ޖަމާޢަތުގެ ވެރިޔާ އިސްމާޢީލް ހަނިއްޔާއެވެ.

ޙަމާސުން ބުނީ, ޤަޠަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލް-ޘާނީއާއި މިޞްރުގެ ޖާސޫސީ ވަޒީރު ޢައްބާސް ކާމިލާ ފޯނުން ގުޅުއްވައި ހަނިއްޔާ މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައިވާ ކަމަށާއި, އެ ދެ ޤައުމުގެ ހުށަހެޅުން ގަބޫލު ކުރާ ކަން އަންގަވާފައި ކަމުގައެވެ.
ޔަހޫދީ ފައުޖުގެ ލާއިންސާނީ ޢުދުވާން ހުއްޓުވުމަށް ޙަމާސުން އެއްބަސްވެފައި މި ވަނީ, ޣައްޒާގެ އެންމެ ދެކުނަށް އޮތް ރަފަޙަށް ޢުދުވާންތައް ފުޅާ ކުރަން ޔަހޫދީ ފައުޖުން އެންމެ ފަހުގެ ތައްޔާރީތައް ކުރަމުން ދިޔަ ދަނޑިވަޅުގައެވެ. ރަފަޙަށް ޢުދުވާންތައް ފުޅާކޮށްފި ނަމަ, މަޝްވަރާތަކުން ދުރުވާނެ ކަމަށް ބުނެ, ޙަމާސުން ވަނީ ޔަހޫދީންނަށް އިންޒާރު ދީފައެވެ.

"މީގެ މާނައަކީ ޢުދުވާންތަކަށް ހުއްޓުމަކަށް ގެނައުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމެއް ނޫން. [ޒަޔަނިސްޓު] އިސްރާއީލުން މި ކަމާ ވަކި އެއްޗެއް ހާމަ ކޮށްފައެއް ނުވޭ. ބޯޅަ އޮތީ އިސްރާއީލުގެ ކޯޓުގައި. ޢުދުވާން މެދުކަނޑައިލުމާ ގުޅޭ ގޮތުން އެންމެ ފަހުގެ ނިންމުން ނިންމާނީ އެ މީހުން،" ޙަމާސްގެ އިސް އޮފިޝަލެއް ވިދާޅުވިއެވެ.

ރަފަޙަށް ޢުދުވާންތައް ފުޅާ ކުރުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ އެ ރަށުން ފޭބުމަށް, އެ ރަށުގައި ތިބި ފަލަސްޠީނުގެ ޢާންމު ރައްޔިތުންނަށް އަންގާފައެވެ. ރަފަޙުގައި މި ވަގުތު 1.5 މިލިޔަނެއްހާ ރައްޔިތުން ތިބިއިރު, އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެމުން ދަނީ ތޮއްޖެހިފައިވާ ފޭލިގެތަކާއި ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައިވާ މަދަރުސާތައް ފަދަ ޢިމާރާތްތަކުގައެވެ.

ޙަމާސްގެ ވެރިޔާގެ ނައިބު ޚަލީލް އަލް-ޙައްޔާ ވިދާޅުވީ, އެ ޖަމާޢަތުން އެއްބަސްވެފައި ވަނީ ތިން މަރުޙަލާއެއްގެ ދަށުން ޔަހޫދީންގެ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ކަމުގައެވެ. މި ގޮތުން, ފުރަތަމަ މަރުޙަލާގައި ހިމެނެނީ ޢުދުވާން މެދުކަނޑައިލައި, ޣައްޒާގައި ގެދޮރު ނެތިފައިވާ މީހުން އެ މީހުންގެ ރަށްތަކަށް އެނބުރި ދިޔުމުގެ ފުރުޞަތު ދިނުމެވެ. އަދި, އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ވެއްދުމާއި, ތެޔޮ ފޯރުކޮށްދޭން ފެށުމެވެ.

ފުރަތަމަ މަރުޙަލާގެ ދަށުން, ޙަމާސުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުންގެ ތެރޭގައި ހިމެނޭ 50 އަންހެނުން މިނިވަން ކުރާނެ ކަމަށް ވެސް އަލް-ޙައްޔާ ވިދާޅުވިއެވެ. ދެވަނަ ފިޔަވަހީގެ ދަށުން ޙަމާސުން ރަހީނު ކޮށްފައިވާ އަަސީރުންގެ ތެރޭގައި ހިމެނޭ ފިރިހެނުން މިނިވަން ކުރާނެއެވެ. ހުށަހެޅުގައިވާ ގޮތުން ޢުދުވާން ހުއްޓުމަކަށް ގެންނާނީ ދެވަނަ މަރުޙަލާގައެވެ.

ތިންވަނަ ފިޔަވަހީގައި ހިމެނެނީ ޣައްޒާ އަލުން އާރާސްތު ކުރުން ކަމުގައި އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން, ޣައްޒާގެ ފުރަބަންދަަށް ވެސް ޔަހޫދީ ފައުޖުން ތިންވަނަ މަރުޙަލާގެ ދަށުން ލުއިތައް ދޭން ޖެހޭނެއެވެ. މީގެ ތެރެއިން ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ ތެރެއިން ކޮންމެ މަރުޙަލާއެއްގެ މުއްދަތަކީ 42 ދުވަހެވެ.

މީގެ ހަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 34,735އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 78,108އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.





More from PSM News