ރަފަޙުގައި ތިބި މުސްލިމުން އެ ރަށުން ފައިބަން އަންގައިފި

Mon, 06 May 2024 11:57 PM

View on this article on PSM News

ރަފަޙުގައި ތިބި މުސްލިމުން އެ ރަށުން ފައިބަން އަންގައިފި

ފަލަސްޠީނުގެ ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙުގައި ތިބި 1.5 މިލިޔަނެއްހާ މުސްލިމުން އެ ރަށް ދޫކޮށް ފޭބުމަށް ޔަހޫދީ ފައުޖުން އަންގައިފިއެވެ. ޔަހޫދީން މި ގޮތަށް އަންގާފައި މި ވަނީ, ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ފަށާފައިވާ ލާއިންސާނީ ޢުދުވާން ރަފަޙަށް ފުޅާކުރަން ތައްޔާރުވަމުންދާ ކަން އިޢުލާނު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ނަމަވެސް, ފަލަސްޠީނުގެ ޢާންމު ރައްޔިތުން ރަފަޙުން ފޭބުމަށް އަންގާފައި މި ވަނީ, އެ ރަށަށް އެއްގަމު މަގުން އަރައި ޢުދުވާންތައް ފުޅާ ކުރުމުގެ ބޭނުމުގައި ކަން ޔަހޫދީ ފައުޖުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ހަމައެކަނި ބުނެފައި ވަނީ, އެ ރަށުގައި އަސްކަރީ އޮޕަރޭޝަނެއް ހިންގަން ތައްޔާރުވަމުންދާ ކަމުގައެވެ. ޔަހޫދީ ފައުޖުގެ ބަސްމަގުން ބަލާ ނަމަ, އަސްކަރީ އޮޕަރޭޝަނެއްގެ މާނައަކީ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލުމަށް ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ގަތުލުއާންމުތައް ހިންގުމެވެ. އަދި, މުސްލިމުންގެ ލޭއޮހޮރުވައިލުމެވެ.

ރަފަޙުގައި މި ވަގުތު 1.5 މިލިޔަނެއްހާ ރައްޔިތުން ތިބިއިރު, އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެމުން ދަނީ ތޮއްޖެހިފައިވާ ފޭލިގެތަކާއި ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައިވާ މަދަރުސާތައް ފަދަ ޢިމާރާތްތަކުގައެވެ. ޣައްޒާގެ ފުރަބަންދާ އެކު, ރަފަޙުން ވެސް ވަނީ ކާބޯތަކެތި ހުސްވުމާ ގާތްވެފައެވެ. އަދި, އެ ރަށުގައި ތިބި މީހުން ވަނީ ހައިހޫނުގައި ޖެހިފައެވެ.

ޣައްޒާ ޢުދުވާން ފެށުމުގެ ކުރިން ޔަހޫދީ ފައުޖުން ވަނީ ރަފަޙަކީ ރައްކާތެރި ތަނެއް ކަމަށް ބުނެފައެވެ. އަދި, ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ އެތަކެއް ހާސް ބަޔަކު ރަފަޙަށް ދަތުރު ކުރުމުން ޔަހޫދީ ފައުޖުން ވަނީ އެ ރަށަށް ރަޙުމު ކުޑަ ވައިގެ ޙަމަލާތައް ދޭން ފަށާފައެވެ. ޔަހޫދީ ފައުޖުން ވަނީ ރަފަޙުގައި ޢާންމުން ދިރިއުޅޭ ގެދޮރާއި, ހަސްފަތާލުތަކާއި މަދަރުސާތަކުގެ އިތުރުން ފޭލިގެތައް ހުރި ސަރަޙައްދުތަކަށް ވައިގެ ޙަމަލާދީ, އެތަކެއް ސަތޭކަ ބަޔަކު ޝަހީދު ކޮށްލާފައެވެ.

މީގެ ހަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 34,735އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 78,108އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.





More from PSM News