ޣައްޒާ ހަސްފަތާލުތައް ކައިރީގައިވާ ބޮޑެތި ކަށްވަޅުތަކުގެ މައްސަލަ ބަލައިދޭން ގޮވައިލައިފި

Fri, 26 Apr 2024 11:49 AM

View on this article on PSM News

ޣައްޒާ ހަސްފަތާލުތައް ކައިރީގައިވާ ބޮޑެތި ކަށްވަޅުތަކުގެ މައްސަލަ ބަލައިދޭން ގޮވައިލައިފި

ފަލަސްޠީނުގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ އެތަކެއް ސަތޭކަ ބަޔެއްގެ ހަށިތައް ފޮރުވުމުގެ ގޮތުން ވަޅުލާފައިވާ ބޮޑެތި ކަށްވަޅުތަކުގެ މައްސަލަ ބަލައިދޭން ފަލަސްޠީނުން އދއަށް ގޮވައިލައިފިއެވެ. ޣައްޒާގެ އަލް-ނަޞްރާއި އަލް-ޝިފާ ހަސްފަތާލު ކައިރިން ފެނުނު ކަށްވަޅުތަކުގެ ތެރޭގައި ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ޝަހީދު ކޮށްލާފައިވާ 400އެއްހާ މީހެއްގެ ހަށިތައް ވަނީ ފެނިފައެވެ.

"ޔަހޫދީ ފައުޖުން ޝަހީދު ކޮށްލާފައިވާ ބައެއް މީހުންނަކީ ހަސްފަތާލުތަކުގައި ފަރުވާ ހޯދަމުން ދިޔަ ބަލިމީހުން. ސަރޖަރީ ހަދަމުން ދިޔަ މީހުން. އެ މީހުންގެ ހަށިތައް ތިބީ ހަސްފަތާލުގައި ބަލިމީހުން ބޭނުން ކުރާ އަންނައުނުގައި،" ޣައްޒާގެ މަދަނީ ސަލާމަތާ ބެހޭ އިދާރާގެ އޮފިޝަލަކު ބުންޏެވެ. ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ހުންނަ އަލް-ނާޞިރް ހަސްފަތާލު ކައިރީގައި ވަޅުލާފައިވާ ގިނަ ޢަދަދެއްގެ މީހުންގެ ހަށިތައް ފެނިފައި ވަނީ, ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން އެ ސަރަޙައްދުގައި ގަތުލުއާންމު ހިންގުމަށް ފަހު އެ ސަރަޙައްދު ދޫކޮށް ފޭބި ފަހުންނެވެ.

މީގެ އިތުރުން, ޣައްޒާ ސިޓީގައި ހުންނަ އަލް-ޝިފާ ހަސްފަތާލު ކައިރިން ވެސް އެ ފަދަ ކަށްވަޅުތަކެއް ފެނިފައިވެއެވެ. އެ ހަސްފަތާލަށް ގަދަ ބާރުން ވަދެގަނެ, އެ ތަނުގެ ތެރޭގައި ވެސް ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ގަތުލުއާންމު ހިންގާފައިވެއެވެ. އަދި, އެތަކެއް ސަތޭކަ ބަޔަކު ޝަހީދު ކޮށްލާފައިވެއެވެ. ނަމަވެސް, އެ ހަސްފަތާލު ކައިރިން ފެނުނު ކަށްވަޅުގައި ވަޅުލާފައިވާ މީހުންގެ ޢަދަދު އަދި ސާފެއް ނޫނެވެ.

މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އިންސާނީ ޙައްޤުތަކާ ބެހޭ އދގެ އިދާރާގެ އިސްވެރިޔާ ފޮލްކަރ ތުރްކު ވިދާޅުވީ, އަލް-ނާޞިރާއި އަލް-ޝިފާ ހަސްފަތާލަށް ޔަހޫދީ ފައުޖުން ދީފައިވާ ގެއްލުންތަކާއި, އެތަކެއް ސަތޭކަ ބަޔަކު ޝަހީދުކޮށް ވަޅުލާފައިވާ ކަށްވަޅުތައް ފެނުމުން އިހުސާސް ކުރަން ދަތި ބިރުވެރިކަމެއް ހިތަށް ވެރިވެގެން ދިޔަ ކަމުގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި ފަރަންސޭސިވިލާތް ހިމެނެއެވެ. ފަރަންސޭސިވިލާތުން ވެސް ވަނީ, ހަސްފަތާލުތައް ކައިރިން ފެނުނު ކަށްވަޅުތަކުގެ މައްސަލައިގެ މިނިވަން ތަޙުޤީޤެއް ހިންގުމަށް ގޮވައިލާފައެވެ.

ފަލަސްޠީނުގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއިން ބުނީ, އެތަކެއް ސަތޭކަ ބަޔަކު ޝަހީދު ކޮށްލުމަށް ފަހު, ވަޅުލާފައިވާ ކަށްވަޅުތަކުގެ ފުންމިނުގައި ތިން މީޓަރު ހުރި ކަމުގައެވެ. އަދި, އެ ތަނުން ފެނުނު ބައެއް ހަށިތަކުން, އެ މީހުންނަށް ލާއިންސާނީ އަނިޔާތައް ދީފައިވާ ކަމުގެ ނިޝާންތަކާއި ހެކި ފެނިފައިވާ ކަމަށާއި, މިއީ ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ހިންގާފައިވާ ލާއިންސާނީ ޖަރީމާތައް ފޮރުވަން ހިންގާފައިވާ އަމަލެއް ކަމުގައެވެ.

ޣައްޒާގެ ހަސްފަތާލުތައް ކައިރިން ބޮޑެތި ކަށްވަޅުތަކެއް ފެނިފައި މި ވަނީ, މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކާއި ހަނގުރާމައިގެ ކުށްތަކުގެ މައްސަލަ ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު (އައިސީސީ)ން ތަޙުޤީޤު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ ކޯޓުގެ އިސް ޕްރޮސިކިޔުޓަރ ކަރީމް ޚާން ވިދާޅުވީ, ޣައްޒާގައި ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ މައްސަލަ ވަރަށް ގާތުން ބަލައި ތަޙުޤީޤު ކުރަމުންދާ ކަމަށާއި, މި ކަމުގައި ޒިންމާވާ ފަރާތްތައް ހޯދައި ފިޔަވަޅު އަޅާނެ ކަމުގައެވެ.

އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 34,305އަށް އުފުލިފައެވެ. އޭގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 77,293އަށް އުފުލިފައެވެ.





More from PSM News