ޗައިނާ، ބަންގްލަދޭޝް އަދި ސައުދީގެ ސަފީރުންނަށް މަޖިލީހުން ރުހުން ދެއްވައިފި

Mon, 06 May 2024 02:38 PM

View on this article on PSM News

ޗައިނާ، ބަންގްލަދޭޝް އަދި ސައުދީގެ ސަފީރުންނަށް މަޖިލީހުން ރުހުން ދެއްވައިފި

ޗައިނާ، ބަންގްލަދޭޝް އަދި ސައުދީ އަރަބިއްޔާގެ ސަފީރުކަމަށް ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވެވި ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދެއްވައިފިއެވެ. މިދިޔަ ހަފުތާގައި މަޖިލީހުން ވަނީ ބައެއް ޤައުމުތަކާއި އދ. އަށް ރާއްޖޭގެ ފަރާތުން ކަނޑައަޅުއްވާ ސަފީރުންނަށްވެސް ރުހުން ދެއްވާފައެވެ.

ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާ ސަފީރުކަމުގެ މަޤާމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މ. ފަށަލަ، ޑރ. ފަޟީލް ނަޖީބުގެ ނަންފުޅެވެ. އޭނާ އަކީ 1984 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް ޓްރޭޑް މިނިސްޓްރީގައި އެކި ފެންވަރުގެ މަޤާމުތައް އަދާކުރެއްވުމަށްފަހު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ރާއްޖެއިން ބަންގްލަދޭޝަށް ކަނޑައަޅުއްވާ ސަފީރުކަމުގެ މަޤާމަށް އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދެއްވާފައިވަނީ ސ. ހުޅުދޫ، އަސަރީގެ، ޝިއުނީން ރަޝީދުގެ ނަންފުޅަށެވެ. ޝިއުނީން ރަޝީދަކީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމު އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މީގެ އިތުރުން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާ ސަފީރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ ނ. ހޮޅުދޫ، އުފަންވެލި މުޙައްމަދު ޠާހާގެ ނަންފުޅެވެ.

ރައީސުލްޖުމްހޫރިއްޔާ ޗައިނާ އަދި ބަންގްލަދޭޝަށް ކަނޑައަޅުއްވާ ސަފީރުންގެ ނަންތައް މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މާރިޗު މަހުގެ 25 ވަނަ ދުވަހުއެވެ. އަދި ސައުދީއަށް ކަނޑައަޅުއްވާ ސަފީރުގެ ނަން ފޮނުއްވީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ.

ޗައިނާއަށް ކަނޑައަޅުއްވާ ސަފީރު، ޑރ. ފަޟީލް ނަޖީބާއި ބަންގްލަދޭޝަށް ކަނޑައަޅުއްވާ ސަފީރު ޝިއުނީން ރަޝީދު އަދި ސައުދީއަށް ކަނޑައަޅުއްވާ ސަފީރު މުޙައްމަދު ޠާހާއަށް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.





More from PSM News