ބައިތުލްމަޤްދިސްގައި ހުންނަ އަލް ޖަޒީރާގެ އޮފީސް ބަންދުކޮށްފި

Mon, 06 May 2024 02:12 PM

View on this article on PSM News

ބައިތުލްމަޤްދިސްގައި ހުންނަ އަލް ޖަޒީރާގެ އޮފީސް ބަންދުކޮށްފި

ޒަޔަނިސްޓު އިސްރާއީލުގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އިރުމަތީ ބައިތުލްމަޤްދިސްގައި ހުންނަ އަލް ޖަޒީރާގެ އޮފީސް ބަންދުކޮށް, ބްރޯޑްކާސްޓު ކުރުން ހުއްޓުވައިފިއެވެ. ބައިތުލްމަޤްދިސްގައި ހުންނަ އަލް ޖަޒީރާގެ އޮފީސް ބަންދުކޮށްފައި ވަނީ އިސްރާއީލުގެ ބްރޯޑްކާސްޓު ކުރުމުގެ ޤާނޫނަށް ބަދަލު ގެނެސް, ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓުން ފާސްކޮށްގެންނެވެ.

މި ކަން އިޢުލާނު ކޮށްފައި ވަނީ ޖައްބާރު ނަތަންޔާހޫއެވެ. އަލް ޖަޒީރާގެ އޮފީސް ބަންދު ކޮށްފައި މި ވަނީ ޒަޔަނިސްޓުންގެ ދަޢުލަތުގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެއެވެ. އެއަށްފަހު, ޔަހޫދީންގެ މަޢުލޫމާތު ފެތުރުމާ ބެހޭ ވުޒާރާއިން ވަނީ އަލް ޖަޒީރާގެ އޮފީހުގައި ހުރި ހުރިހާ ސާމާނެއް ހިފެހެއްޓުމަށް އަމުރެއް ނެރެފައެވެ.

އޭގެ ތެރޭގައި ބްރޯޑްކާސްޓިންގ އަދި ރައުޓިންގ ސާމާނާއި, ކެމެރާތަކާއި, މައިކުތަކާއި, ސަރވަރތަކާއި ލެޕްޓޮޕްތަކުގެ އިތުރުން ޓްރާންސްމިޝަނަށް ބޭނުން ކުރާ ހުރިހާ ސާމާނެއް ހިމެނެއެވެ. އަދި, އެ އޮފީހުގައި ބޭނުން ކުރާ ބައެއް މޮބައިލް ފޯނުތައް ވެސް ހިމެނެއެވެ. އަދި, ފުލުހުން ވަނީ ބައިތުލްމަޤްދިސްގައި ހުންނަ އަލް ޖަޒީރާގެ އޮފީހަށް ގަދަ ބާރުން ވަދެ, ބްރޯޑްކާސްޓު ކުރުން ހުއްޓުވާފައެވެ.

އަލް ޖަޒީރާ ހިންގާ އަލް ޖަޒީރާ މީޑިޔާ ނެޓްވަރކުން ވަނީ ޔަހޫދީންގެ މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. މިއީ, މިނިވަން މީޑިޔާއަށް ހުރަސް އެޅުމުގެ ގޮތުން ޒަޔަނިސްޓު އިސްރާއީލުން ހިންގާފައިވާ އިންސާނިއްޔަތާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ކުށުގެ އަމަލެއް ކަމުގައި އެ ނެޓްވަރކުން ބުންޏެވެ.

"އިންސާނީ ޙައްޤުތައް މުގުރައިލައި, މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަށް އަރައިގަތުމުގެ ގޮތުން [ޒަޔަނިސްޓު އިސްރާއީލުން] ހިންގާފައިވާ މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. އަދި, ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ބެލުންތެރިންނަށް ޚަބަރާއި މަޢުލޫމާތު ފޮޜުކޮށްދިނުމުގައި ދެމި އޮންނާނެ ކަމުގެ ޔަގީން ކަން އަރުވަން،" އެ ނެޓްވަރކުން ބުންޏެވެ.

އަލް ޖަޒީރާއިން ބުނީ, މިއީ ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް, ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ޚަބަރާއި މަންޒަރު ދުނިޔެއަށް ހާމަ ކުރުން ހުއްޓުވުމުގެ ގޮތުން ޔަހޫދީން ހިންގާފައިވާ އަމަލެއް ކަމުގައެވެ. އަދި, ޔަހޫދީ ފައުޖުން ގަސްދުގައި ނޫސްވެރިންނަށް ޙަމަލާދީ, ނޫސްވެރިންގެ ގޮތުގައި މަސައްކަތް ކުރަމުންދާ މުސްލިމުން ޝަހީދު ކުރަމުންދާ ކަމުގައި ވެސް އެ ނެޓްވަރކުން ބުންޏެވެ.

"ނޫސްވެރިންނަށް ބިރު ދައްކައި, ޝަހީދު ކުރުމަށް [ޔަހޫދީ ފައުޖުން] ހިންގަމުންދާ އަމަލުތަކަށް އަލް ޖަޒީރާއިން ނުސިހޭނެ. އަދި, ފަހަތަކަށް ވެސް ނުޖެހޭނެ. [2023ވަނަ އަހަރުގެ އޮކްޓޫބަރު 7ގައި] ޣައްޒާ ޢުދުވާން ފެށި ފަހުން ޔަހޫދީ ފައުޖުން ވަނީ 140އަށްވުރެ ގިނަ ނޫސްވެރިން ޝަހީދު ކޮށްލާފައި،" އެ ނެޓްވަރކުން ނެރުނު ބަޔާނެއްގައި ބުންޏެވެ. އަދި, އިސްރާއީލުގެ ޤާނޫނުތަކާއި ޤަވާޢިދުތަކާ އަލް ޖަޒީރާއިން ޚިލާފުވެފައިވާ ކަމަށް ބުނެ ކުރާ ތުހުމަތުތައް އެ ނެޓްވަރކުން ވަނީ ދޮގު ކޮށްފައެވެ.

ޔަހޫދީންގެ މި އަމަލާ އެކު, އަލް ޖަޒީރާ ހިންގުމަށް ޚަރަދު ކުރާ ޤަޠަރާ ދެމެދު އޮތް ގުޅުންތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ. ޤަޠަރަކީ, ޣައްޒާގެ ޢުދުވާން ހުއްޓުވަން ޔަހޫދީންނާއި ޙަމާސް ޖަމާޢަތާ ދެމެދު ކުރަމުންދާ މަޝްވަރާތައް ވިލަރެސް ކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަމުންދާ އެއް ޤައުމެވެ.

މީގެ ހަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 34,683އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 78,018އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.





More from PSM News