ޤާނޫނު އަސާސީއާ އެއްގޮތަށް ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ކުރެވިދާނެކަން ދިވެހިން ސާބިތުކޮށްދީފި: ސިރާޖް

Wed, 17 Apr 2024 04:09 PM

View on this article on PSM News

ޤާނޫނު އަސާސީއާ އެއްގޮތަށް ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ކުރެވިދާނެކަން ދިވެހިން ސާބިތުކޮށްދީފި: ސިރާޖް

ޤާނޫނުއަސާސީގައި ކަނދައެޅިފައިވާ ގޮތަށް ދިވެހިރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ކުރެވިދާނެކަން ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި ދިވެހިރައްޔިތުން ސާބިތުކޮށްދީފައިވާކަމަށް ބާކައުންސިލްގެ ރައީސް ޙުސައިން ސިރާޖް ވިދާޅުވެއްޖެއެވެ.

ބާކައުންސިލްގެ ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އެކައުންސިލްއާއި އެމެރިކަން ބާ އެސޯސިއޭޝަން ރޫލް އޮފް ލޯ އިނީޝިއޭޓިވް ގުޅިގެން ކުރިއަތް ގެންދިޔަ ސިވިކް އެޑުކޭޝަން ފޯރަމްގެ ބައިވެރިންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ދިވެހިރާއްޖެއަކީ ޑިމޮކްރެޓިކް އުސޫލުތަކެއްގެ މައްޗަށް ބިނާވެފައި އޮތް ޖުމްހޫރީ ދަޢުލަތެއްކަން ފާހަގަކުރައްވައި ބާ ކައުންސިލްގެ ރައީސް ވިދާޅުވީ ޖުމްހުރީ ދައުލަތެއްގެ އެންމެ އަސާސީ ސިފައަކީ ދައުލަތުގެ އެންމެހާ ބާރުތައް ރައްޔިތުންގެ ކިބައިން ފެށިގެން އައުންކަމަށްވާއިރު، ތަޖުރިބާކާރުންގެ އެއްބަސްވާގޮތުން ޤައުމެއްގައި ޖުމްޙޫރިއްޔަތެއް ހިންގޭނީ ވިދިވިދިގެން އެއްފަހަރަށްވުރެ ގިނަ ފަހަރު މިނިވަން އިންސާފުވެރި އިންތިޚާބެއްގެ ތެރެއިން ރައްޔިތުން އިޚްތިޔާރުކުރާގޮތަށް ވެރިކަމުގެ ދައުރުތައް ބަދަލުވެގެން ދިއުމުންކަމަށެވެ.

ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވި ހިސާބުން ފެށިގެން ވެރިކަން ކުރުމުގެ ކަންކަން ހިންގި ގޮތަށް ޚުލާސާގޮތެއްގައި އަލިއަޅުއްވާލެއްވުމަށްފަހު ސިރާޖް ވިދާޅުވީ 2008 ވަނަ އަހަރު ފެހި ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން ޑިމޮކްރެޓިކް އުޞޫލުތަކާއެއްގޮތަށް އިންތިޚާބުކުރެވުނު ރައީސުލްޖުމްހޫރިއްޔާގެ ވެރިކަން 2012 ވަނަ ބަދަލުވެގެން ދިއުމުން ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން ޕްރޮފެސަރ ޓޮމްސް ގިމްސްބާގް ހެދި ދިރާސާގެ ހޯދުންތަކުން އެންމެ ބޮޑަށް ފާހަގަކުރި ކަންކަމަށް މިހާރު ޖަވާބުލިބިފައިވާކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕްރޮފެސަރ ޓޮމްސް ގިމްސްބާގް 2012 ވަނަ އަހަރުގެ ރިޕޯޓަށްފަހު މިދިޔަ 12 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހިން ސާބިތުކޮށްދީފި ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ހިންގުމަކީ ކުރެވިދާނެކަމެއްކަމަށް" ސިރާޖް ވިދާޅުވިއެވެ.

ބާ ކައުންސިލްގެ ރައިސްގެ ވާހަކަފުޅުގައި ދިވެހި ރާއްޖޭގައި ރަނގަޅު ޖުމްހޫރީ ވެރިކަމެއް ކުރުމައްޓަކައި ކޮންސިޓިއުޝަން އެޑުކޭޝަން ނުވަތަ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގައި މިހާރު ދައުލަތް ހިނގުމަށް އެކަށައެޅިފައި ހުރި އުސޫލުތަކާއި އެ އުސޫލުތައް އެކަށައެޅިފައި ހުރި ކޮން މަގްސަދެއްގައިކަން އަދި ކޮން ވިސްނުމެއްގައި އެނގި އެކަމަށް ހޭލުންތެރިވުމަކީ މުހިއްމުކަމެއްކަން ފާހަގަކުރެއްވިއެވެ.

ބާ ކައުންސިލްގެ ރައީސް ހުސައިން ސިރާޖް ވިދާޅުވީ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ މި ފަދަ ފޯރަމްތަކުގެ ސަބަބުން ޑިމޮކްރަސީ ނިޒާމުގައި މާނަފުން ގޮތެއްގައި މައުލޫމާތު ހިއްސާކުރެވިގެން ދާނެކަމަށެވެ. އަދި ޖުމްހޫރީ ވެރިކަމެއް ކުރުމުގައި އެނގެން ޖެހޭ އެންމެހާ މައުލޫމާތު ހިއްސާކުރެވިގެން ދާނެކަމަށެވެ.





More from PSM News