ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 850 މިލިން ރުފިޔާ ދޫކޮށްފި

Mon, 29 Apr 2024 10:15 PM

View on this article on PSM News

ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 850 މިލިން ރުފިޔާ ދޫކޮށްފި

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން މަސްވެރިންނަށް މިހާތަނަށް 850 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ވަޒީރުންނާއި ސުވާލު ކުރުމުގެ ފުރުޞަތު އާއްމުންނަށް ދޭ "އަހާ" ފޯރަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ސަރުކާރުން ހަވާލުވިއިރު މަސްވެރިންނަށް ފައިސާ ނުދެވި ބޮޑު ބެކްލޮގެއް އޮތް ކަމަށެވެ. އަދި އެ ފައިސާ ކުއްލިއަކަށް ދެއްކުމަކީ ޤައުމުގެ އިޤްތިޞާދީ ހާލަތު އޮތް ގޮތުން އުނދަގޫވި ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ނަމަވެސް ރައީސުލްޖުމުހޫރިއްޔާ ބޭނުންފުޅުވި ގޮތަށް މަސްވެރިންނަށް ވީހާވެސް އަވަހަށް ފައިސާ ހަވާލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ފައިސާ ރަމަޟާންމަހުގެ ކުރިން ދައްކާ ޚަލާސްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ ސަރުކާރުން ވެރިކަމާއި ހަވާލުވި ފަހުން މިހާތަނަށް 850 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

"މަސްވެރިންނަށް މިހާތަނަށް، ރައީސުލްޖުމުހޫރިއްޔާ އެމަނިކުފާނު ޒަޢާމަތާއި ހަވާލުވެވަޑައިގަތް ފަހުން އަަޅުގަނޑަށް ލިބިފައި ހުރި އަދަދުތަކަށް ބަލާއިރު 850 މިލިއަން ރުފިޔާ މަސްވެރިންނަށް ދެއްކިއްޖެ. " ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ މިވަގުތުވެސް މަސްވެރިންނަށް 27 މިލިއަން ރުފިޔާ ދޭން އެބަހުރި ކަމަށެވެ. އަދި އެ ފައިސާވެސް ދީ ޚަލާސް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.





More from PSM News