"މި އުޅެނީ އެސޯސިއޭޝަންތަކުގެ މައްސަލައެއް ނޫން، އެކަށީގެންވާ މާހައުލެއް ނެތީ"

Mon, 29 Apr 2024 10:45 PM

View on this article on PSM News

"މި އުޅެނީ އެސޯސިއޭޝަންތަކުގެ މައްސަލައެއް ނޫން، އެކަށީގެންވާ މާހައުލެއް ނެތީ"

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގައި ހިންގުމުގެ މައްސަލަތައް ދިމާވަނީ އެ އެސޯސިއޭޝަންތަކުގެ ސަބަބުން ނޫން ކަމަށާއި، މައްސަލައަކީ މީގެ ކުރިން ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމު އަދާކުރެއްވި ބޭފުޅުންނަށް އެކަށީގެންވާ މާހައުލެއް ނެތުން ކަމަށް މިހާރުގެ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "ސްޕޯޓްސް ބަޒް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޠަލާލް ވިދާޅުވީ މައްސަލަތަކުގެ ފެށުމަކީ ކޮމިޝަނަރުކަން ކުރެއްވި ބޭފުޅުން އެސޯސިއޭޝަންތަކާއެކު ބާއްވަންޖެހޭ ގުޅުން ގާއިމުވެފައި ނެތުން ކަމަށެވެ. އަދި އެ ގުޅުން ހީނަރުވެފައި ވަނިކޮށް، ބައެއް އެސޯސިއޭޝަންތަކުން ގާނޫނާއި ގަވާއިދުން ބޭރުން ކަންކަން ކުރަމުންދިޔައިރު، އެ ކަންކަމަށް ފާރަވެރިވެ ރަނގަޅު މަސައްކަތެއް ކުރެވިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެންމެ ބޮޑު މައްސަލައަކީ ޒިންމާ ނަގަންޖެހޭ ފަރާތްތަކުން އެ ޒިންމާ ނުނެގުން ކަމަށްވެސް ޠަލާލް ވިދާޅުވިއެވެ.

"
އަޅުގަނޑު މި ދަންނަވަނީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ވާހަކަ. ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ހަގީގަތުގައި އެ އެސޯސިއޭޝަންތައް ހިންގަންވީ މަގު ކޮންމެވެސް ވަރަކަށް އޮޅިފައި އޮތީ.
މުޙައްމަދު ޠަލާލް - ކޮމިޝަނަރ އޮފް ސްޕޯޓްސް

އެތުލިޓެކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމު މީގެ ކުރިން ފުރުއްވި ޠަލާލް ވިދާޅުވީ ކުޅިވަރުގެ ތެރެއިން ކަންކަން ބޮއްސުންލައިގެން ދިޔައީ ކަންކަން ހަމަމަގަށް ނޭޅުވި، ދޫވެގެން ދިޔުމުން ކަމަށެވެ. އަދި ގާނުނާއި ގަވާއިދާ ޚިލާފަށް ކަންކަން ކުރަމުންދިޔައީ އެއްވެސް ފަރުވާލެއް ނެތި ކަމަށް ޠަލާލް ވަނީ ތުހުމަތު ކުރައްވާފައެވެ.

ޠަލާލް ވިދާޅުވީ މިއަދު ކުޅިވަރު އޮތް ހާލަތަށް ދިޔައީ އޭރު ޒިންމާ ނަންގަވަން ތިއްބެވި ބޭފުޅުން ފިޔަވަޅު ނޭޅުމުން ކަމަށެވެ. ފުޓްބޯޅަ އާއި، ވޮލީބޯޅަ އަދި ބެޑްމިންޓަންގައި މިހާރު ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއެކު މަޝްވަރާކުރަމުންދާ ކަމަށާއި، އެ ތިން އެސޯސިއޭޝަނުގައިވެސް މިހާރު ބައެއް ކަންކަން ހައްލުކުރެވިފައިވާ ކަމަށް ޠަލާލް ވިދާޅުވިއެވެ.

"
އެސޯސިއޭޝަން ހިންގަން ތިބޭ ބަޔަކާއި، ދެން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި، މިނިސްޓްރީ އާއި، ސްޕޯޓްސް ކައުންސިލާ، މި ހުރިހާ ބަޔަކާއެކު ކުޑަކުޑަކޮށް އަތް ޖައްސާލާއިރަށް ހަމަމަގަށް އެޅިގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.
މުޙައްމަދު ޠަލާލް - ކޮމިޝަނަރ އޮފް ސްޕޯޓްސް

ޠަލާލް ވިދާޅުވީ ގިނަ އެސޯސިއޭޝަންތަކަކީ ހިންގުމުގައި ތަޖުރިބާހުރި، ގާބިލު ބަޔަކު އިސްވެ ތިބެގެން ކުރިއަށްދާ އެސޯސިއޭޝަންތައް ކަމަށެވެ. އަދި އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ، ބޭނުންވާ ނަތީޖާ ހާސިލުކުރެވިދާނެކަން ވޭތުވެދިޔަ ފަސް މަހުގެ ތަޖުރިބާއިން ހާމަވެގެން ގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޠަލާލް ވިދާޅުވީ މަގާމާ ހަވާލުވެ ވަރަށް ގިނަ ބަދަލުތައް ގެންނަމުންދާ ކަމަށާއި، މިހާރު ހުރިހާ އެސޯސިއޭޝަނަކުންވެސް އޮޑިޓް ރިޕޯޓް ފޮނުވަމުންދާ ކަމަށެވެ. އަދި ސްޕޯޓްސް ކޮމިޝަނުގެ އޮފީހާއި އެސޯސިއޭޝަންތަކަކީ އެއް އޮޑިއެއްގައި، އެއް މިސްރާބަކަށް ދަތުރުކުރަން ޖެހޭ އެއް ބައެއް ކަމަށާއި، އޮގަތަށް ގަބޫލުނުކުރެވޭ ނަމަ ކަންކަން ހައްލުވެގެން ނުދާނެ ކަމަށްވެސް ޠަލާލް ވިދާޅުވިއެވެ.





More from PSM News