މަޖިލިސް އިންތިޚާބަށް ޗާޕުކުރީ 287،462 ވޯޓު ކަރުދާސް

Wed, 17 Apr 2024 02:12 PM

View on this article on PSM News

މަޖިލިސް އިންތިޚާބަށް ޗާޕުކުރީ 287،462 ވޯޓު ކަރުދާސް

އަންނަ އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން 287،462 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުން ވަނީ ވޯޓު ކަރުދާސް ޗާޕުކުރި ގޮތުގެ މައުލޫމާތު ގެޒެޓްކޮށްފައެވެ. އެގޮތުން މިހާރު ހުރިހާ ކަރުދާހެއް ޗާޕުކޮށް ނިމިފައިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވަކި ދާއިރާތަކަށް ވޯޓު ކަރުދާސް ޗާޕު ކުރި އަދަދުގެ މައުލޫމާތު ވެސް ހިއްސާކުރައްވާފައެވެ. ޤާނޫނުގައިވާ ގޮތުން ކޮންމެ ފޮށްޓަކަށް ފޮނުވާނީ، އެފޮށްޓަކަށް ވޯޓުލާ މީހުންގެ އަދަދަށްވުރެ 1 އިންސައްތަ ކަރުދާސް އިތުރުކޮށެވެ.

މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ. މީގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މަޖިލިސް އިންތިޚާބަށް ވޯޓު ކަރުދާސް ޗާޕުކޮށްފައިވަނީ ރާއްޖޭގެ ޗާޕުޚާނާއެއް ކަމަށްވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ. މިއީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެބުރުގައިވެސް ވޯޓު ކަރުދާސް ޗާޕު ކުރި ޗާޕުޚާނާއެވެ.





More from PSM News