ތަރައްޤީއަށް ހުރަސްއަޅާނެ ބަޔަކު މަޖިލީހަށް ގެންނަންޖެހޭ ސަބަބެއް ނެތް: ރައީސް

Tue, 16 Apr 2024 10:34 PM

View on this article on PSM News

ތަރައްޤީއަށް ހުރަސްއަޅާނެ ބަޔަކު މަޖިލީހަށް ގެންނަންޖެހޭ ސަބަބެއް ނެތް: ރައީސް

ތަރައްޤީއަށް ހުރަސް އަޅާނެ ބަޔަކު މަޖިލީހަށް އިންތިޚާބުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގަލޮޅު ދެކުނުގައި ކުރިއަށްގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާލެއާއި ރާއްޖެގެ ހުރިހާ ރައްޔިތުންނަށް ވެސް އެންމެބޮޑު މައްސަލައަކަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމުގެ ވިސްނުން މަޖިލިސް އިންތިޚާބުގައި ވޯޓުލާއިރު ގެންގުޅުމަށް އެދިވަޑައިގެންފައެވެ. ކުރީ ސަރުކާރުން ދައުރު ނިމެން ކައިރިވެފައިވަނިކޮށް އެ މަޝްރޫއުތައް ފެށި ނަމަވެސް މި ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެންވެސް އެފަދަ މައްސަލަތައް ހައްލުކޮށް ޤައުމަށް ތަރައްގީ ގެނައުމުގެ މަސައްކަތް ފަށްޓަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނަކީ ރިޔާސީ އިންތިޚާބު ކައިރިކޮށްފައި މަޝްރޫޢުތައް އިޢުލާންކުރައްވާ ބޭފުޅަކަށް ނުވާނެކަމަށެވެ. އެހެންކަމުން ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމުގެ މަސައްކަތްޕުޅު ފެށްޓެވީކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ތަރައްގީ ގެނައުމަށް ރެއާއި ދުވާލު މަސައްކަތް ކުރައްވަމުންދާއިރު ސަރުކާރަށް ޖެއްސުންކޮށް، ވަކި އެޖެންޑާއެއްގައި މަސައްކަތް ކުރާ ބަޔަކަށް މަޖިލީހުގެ މެޖޯރިޓީ ދިނުމުން އެ މަސައްކަތް ކުރިއަށްގެންދިޔަ ނުދޭނެ ކަމަށެވެ. ރައްޔިތުން މިދިޔަ އަހަރު އިތުބާރުކޮށް އެމަނިކުފާނަށް ޤައުމުގެ ކަންކަން އިސްލާހު ކުރުމަށް ފުރުސަތު ދެއްވާފައިވާއިރު، އެކަން ހާސިލް ކުރުމަށް އެއްބާރުލުން ދެއްވާނެ މެންބަރުން މަޖިލީހަށް ބޭނުންފުޅުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިކަންކަމަށް ހުރަސް އަޅާނެ ބަޔަކު ތިބޭފުޅުން ދާއިރާތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުން މަޖިލީހަށް ވައްދަންވީ ސަބަބެއް ނެތް. ތަރައްގީ ބޭނުންވޭ. ތަރައްގީ ގެނައުމަށްޓަކައި އަޅުގަނޑުމެން، ސަރުކާރު މިތިބީ ރެއާއި ދުވާލު މަސައްކަތް ކުރުމަށް. ތިއްބާ އެއަށް ހުރަސްއަޅާނެ ބަޔަކު މަޖިލީހަށް ހޮވާނެ ސަބަބެއް އޮންނާނެކަމަށް އެއްވެސް ބަޔަކު ގަބޫލުކުރާނެހެން ހިޔެއް ނުވޭ،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވެރިކަމުގެ އެންމެ ވަގުތެއްވެސް ބޭކާރު ކުރައްވާފައި ނުވާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ ތަރައްގީ ޔަގީންކުރުމަށް ކަމަށާއި، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ހުއްޓިފައި ހުރި އެތައް މަޝްރޫއެއް ފެށިގެން ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުގެ ވާހަކަތަކުން ހަމަނުޖެހުމާއި ބަދަލުހިފުމުގެ ރޫހު ފެނިގެންދާއިރު، ޤައުމުގައި ހަމަޖެހުން ނެތި ހާސިލްވާނެ ތަރައްގީއެއް ނޯންނާނެކަމަށް ވިދާޅުވާ ވާހަކަފުޅު ރައީސް ތަކުރާރުކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނަށް އިތުބާރުކޮށް ރައްޔިތުން ހަވާލުކުރި މަސައްކަތް ކުރެއްވުމަށް އެމަނިކުފާނަށް އެއްބާރުލުން ދެއްވާނެ މަޖިލީހެއް ހޮވައިފިނަމަ މި ފަސް އަހަރު ވެގެންދާނީ ރައްޔިތުން ފަޚުރުވެރިވާނެ ފަސް އަހަރަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.





More from PSM News