އޮފީސް ޓޭޕްބޯލް: ކަސްޓަމްސް ބަލިކޮށް ޗެމްޕިއަންކަން މީރާއަށް

Fri, 29 Mar 2024 08:45 PM

View on this article on PSM News

އޮފީސް ޓޭޕްބޯލް: ކަސްޓަމްސް ބަލިކޮށް ޗެމްޕިއަންކަން މީރާއަށް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލްގެ ފައިނަލް މެޗުގައި ކަސްޓަމްސް ރެކްރިއޭޝަން ކުލަބު ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހޯދައިފިއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗު މީރާއިން ކާމިޔާބުކޮށްފައިވަނީ ހަތް ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން މީރާ ގަސްދުކުރީ ހޮވުމަށެވެ. އެއާއެކު ކަސްޓަމްސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ހެދުނީ 125 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 10 ބޯޅައިން 31 ލަނޑު ހެދި މުޙައްމަދު އާމިރާއި، 11 ބޯޅައިން 21 ލަނޑު އެއްކުރި ފައިސަލް އަބްދުލް ސައްތާރެވެ.

ޖަވާބުގައި މީރާ ކުޅެން އަރައި ފަހު އޯވަރުގައި ވަނީ އެންމެ ކުޅުންތެރިއަކު ނުބައިވެގެން 129 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 21 ބޯޅައިން 33 ލަނޑު ހެދި ނާއިިލް ކަމްރުލް މީރާ އާއި، ނުބައިނުވެ 19 ބޯޅައިން 27 ލަނޑު އެއްކުރި އެމްޑީ ޔާސީން އަލީއެވެ.

މި މުބާރާތުގެ އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިއަކަށް ހޮވުނީ ކަސްޓަމްސްގެ އިސްމާޢީލް ނާއިލް ނަސީރެވެ. އެގޮތުން އޭނާ ވަނީ މުބާރާތުގައި 113 ލަނޑު ހަދާފައެވެ. އަދި އެންމެ ގިނަ ވިކެޓް ނަގާފައިވަނީ ހަ ވިކެޓް ނެގި މީރާގެ ހުސެއިން އުސައިދެވެ. މީގެ އިތުރުން އެންމެ ގިނަ ބޯޅަ ހިފާފައިވަނީ ހަ ކެޗް ނެގި މީރާގެ މުޙައްމަދު ޖިނާހެވެ.

މިއާއެކު ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލް މުބާރާތުގެ ކުޅުން ނިމިގެންދިޔައިރު، ޖުމްލަ 32 ޓީމެއް ވާދަކުރާ ރަމަޟާން ކްރިކެޓް ކާނިވަލް މި އަހަރުވެސް ކުރިއަށްދަނީ ތިން މުބާރާތަކަށް ބަހާލައިގެންނެވެ. އެގޮތުން ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ މުބާރާތުގައި 12 ޓީމެއް ބައިވެރިވެފައިވާއިރު، އެ މުބާރާތުގެ ކުޅުން ކުރިއަށްދާނީ މާދަމާއިން ފެށިގެން އަންނަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.





More from PSM News