އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް: ފިރިހެން ޑަބަލްސްއިން ރާއްޖޭގެ ޕެއާއަށް ރިހި މެޑަލް

Sun, 28 Apr 2024 11:02 PM

View on this article on PSM News

އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް: ފިރިހެން ޑަބަލްސްއިން ރާއްޖޭގެ ޕެއާއަށް ރިހި މެޑަލް

މާލޭގައި މިހާރު ކުރިއަށްދާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕުގެ ފިރިހެން ޑަބަލްސް ފައިނަލުގައި ވާދަކޮށް ރާއްޖޭގެ އިސްމާޢީލް އަޒްމީން އާއި ހަސަން ނާޒިމް (ނާނަ) ގެ ޕެއާ ރިހި މެޑަލް ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލްގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގެ ޑަބަލްސް ފައިނަލުގައި މިރޭ ރާއްޖޭގެ ޕެއާ ވާދަކުރީ އިންޑިއާގެ ސަންދީޕް ދީވޭ އާއި ޖުގަލް ކިޝޯރް ދައްތާގެ ޕެއާއާއެވެ. މި މެޗު އިންޑިއާގެ ޕެއާއިން ކާމިޔާބުކޮށް ރަން މެޑަލް ހޯދިއިރު، މެޗުން ބަލިވުމުން ރާއްޖޭގެ ޕެއާއަށް ވަނީ ރިހި މެޑަލް ލިބިފައެވެ. މިއީ ރާއްޖޭގެ ކެރަމްގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

އަޒްމީން އާއި ނާނަގެ ޕެއާ ޑަބަލްސް ބައިގެ ފައިނަަލަށް ދަތުރުކުރީ ސިންގަޕޫރުގެ ލީނަސް ޕޯލް އާއި ބާލާޖީގެ ޕެއާ އާއި ބަންގްލަދޭޝްގެ ބިޕްލޮބް ރޯއީ އާއި އެމްޑީ އަލީގެ ޕެއާ ބަލިކުރުމަށްފަހުއެވެ.

މީގެ އިތުރުން ރާއްޖޭގެ އައިމިނަތު ވިދާދް އާއި އައިޝަތު ނަހުފާގެ ޕެއާ ވަނީ އަންހެން ޑަބަލްސްގެ ސެމީ ފައިނަލުގައި ވާދަކޮށްފައެވެ. ނަމަވެސް އެ ޕެއާ ވަނީ ސެމީގައި އިންޑިއާގެ ރަޝްމީ ކުމާރީ އާއި ކޭ ނަގާޖޯތީގެ ޕެއާ އަތުން ބަލިވެފައެވެ. ފުރަތަމަ ބުރުގައި މެޗެއް ނުކުޅެ ވިދާދް އާއި ނަހުފާގެ ޕެއާ ކުއާޓާއަށް ދަތުރުކުރިއިރު، ދެން ކުޅުނު މެޗުގައި ވަނީ ސްރީ ލަންކާގެ ތަރޫޝީ ހިމާހަންސިކާ އާއި ހިރޫޝީ މަލްޝާނީގެ ޕެއާ ބަލިކޮށްފައެވެ.

10 އަހަރުގެ މެދުކެނޑުމަކަށްފަހު އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ބާއްވާއިރު، މި އަހަރުގެ މުބާރާތުގެ މެޗުތައް ކުރިއަށްދާނީ އަންނަ މެއި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާ ބައްރުގެ ހަތް ގައުމަކުން 100 އެއްހާ ކުޅުންތެރިން ވާދަކުރެއެވެ. މި މުބާރާތުގައި ވާދަކުރަނީ އިންޑިއާ، ސްރީ ލަންކާ، ބަންގްލަދޭޝް، ރާއްޖެ އާއި ސިންގަޕޫރުގެ އިތުރުން މެލޭޝިއާ އަދި ދެކުނު ކޮރެއާއެވެ. މީގެއިތުރުން މި މުބާރާތުގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ހަތަރު ކުޅުންތެރިއެއް ފެނިގެންދާނެއެވެ.

މި މުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވަނީ ޓީމު އިވެންޓުގެ މެޗުތަކެވެ.





More from PSM News