"މޯލްޑިވްސް - ސްރީލަންކާ ޖޮއިންޓް ކޮމިޝަން"ގެ 4ވަނަ ސެޝަން ކޮލަމްބޯގައި

Mon, 05 Jun 2023 12:27 PM

View on this article on PSM News

"މޯލްޑިވްސް - ސްރީލަންކާ ޖޮއިންޓް ކޮމިޝަން"ގެ 4ވަނަ ސެޝަން ކޮލަމްބޯގައި

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ބާއްވާ "މޯލްޑިވްސް - ސްރީލަންކާ ޖޮއިންޓް ކޮމިޝަން"ގެ ހަތަރުވަނަ ސެޝަން ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރައްވައިފިއެވެ. މިސެޝަން ކުރިއަށްދާނީ މިމަހުގެ 6 އިން 7ވަނަ ދުވަހަށެވެ.

މިޖޮއިންޓް ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދު އާއި ސްރީލަންކާގެ ޚާރިޖީ ވަޒީރު، އެމް.ޔޫ.އެމް. އަލީ ސަބްރީ އެވެ.

މިބައްދަލުވުމުގެ މިނިސްޓަރުން ފެންވަރުގެ ބައްދަލުވުމުގެ ކުރިން 6 ޖޫން 2023ގައި ސީނިއަރ އޮފިޝަލުންގެ ބައްދަލުވުމެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

"މޯލްޑިވްސް-ސްރީލަންކާ ޖޮއިންޓް ކޮމިޝަން" އެކުލަވާލާފައިވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސޮއިކުރެވުނު އެގްރީމަންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަންގެ ދަށުން 1984ވަނަ އަހަރު އެވެ. މިޖޮއިންޓް ކޮމިޝަނަކީ ރާއްޖެއާއި ސްރީލަންކާއަށް މުހިއްމު ދާއިރާތަކާއި ކަންކަމާ ގުޅޭގޮތުންނާއި ދެޤައުމުން ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކޮށް މިހާތަނަށް ކުރެވިފައި ހުރި މަސައްކަތްތައް މުރާޖަޢާކުރުމަށް ދެޤައުމުގެ ސަރުކާރަށް ވެސް ލިބޭ ޕްލެޓްފޯމެކެވެ.

މިސެޝަނުގެ ސީނިއަރ އޮފިޝަލުންގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް އެޖެންޑާ ކުރެވިފައިވާ ކަންކަމުގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމަންޓާއި، ފަތުރުވެރިކަމާއި، ޘަޤާފަތާއި، ތަޢުލީމާއި، ޞިއްޙަތާއި، މަސްވެރިކަމާއި، ދިފާޢީ ދާއިރާއާއި، ޤާނޫނާއި ޤާނޫނު ތަންފީޒުކުރުމާއި، ޒުވާނުންނާއި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ދާއިރާގައި އެއްބާރުލުން ދިނުން ހިމެނެއެވެ. މީގެ އިތުރުން، މިޖޮއިންޓް ކޮމިޝަނުގެ ހަވާސާގައި ދެޤައުމުގެ މެދުގައި ފަހުމުނާމާތަކެއްގައި ސޮއިކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޖޮއިންޓް ކޮމިޝަނުގެ ތިންވަނަ ސެޝަން ބާއްވާފައިވަނީ 2017ވަނަ އަހަރު ދިވެހިރާއްޖޭގައެވެ.



More from PSM News