ފިކުރީ މުދާ ރައްކާތެރިކުރުމަކީ ޤައުމުގެ ތަރައްޤީއަށް މުހިންމު ކަމެއް: ޒިޔާއު

Fri, 26 Apr 2024 02:09 PM

View on this article on PSM News

ފިކުރީ މުދާ ރައްކާތެރިކުރުމަކީ ޤައުމުގެ ތަރައްޤީއަށް މުހިންމު ކަމެއް: ޒިޔާއު

ފިކުރީ މުދާ ރައްކާތެރިކުރުމަކީ ޤައުމުގެ ތަރައްޤީއަށް މުހިންމު ކަމެއްކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޒިޔާއު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޒިޔާއު މިހެން ވިދާޅުވީ ދުނިޔޭގެ ފިކުރީ މުދާ ހިމާޔަތްކުރުމުގެ ދުވަހާ ގުޅިގެން ބީސީސީން ނެރުނު ބަޔާނެއްގައެވެ.

ޒިޔާއު ވިދާޅުވީ ސަރުކާރުން މިހާރު ޤާއިމްކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިއޭޓިވް އިކޮނޮމީގެ ތެރެއިން ފިކުރީ މުދާ ރައްކާތެރިކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށެވެ. އެގޮތުން ފަންނުވެރި އިޤުތިޞާދެއް ޤާއިމްކުރުމަށް ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތުގެ ތެރެއިން ފަންނުވެރިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅޭނެކަމަށް ވިދާޅުވިއެވެ.

ބީސީސީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވީ ރާއްޖޭގައި ފަންނީ އަދި އަދަބީ މަސައްކަތްކުރާ ފަރާތްތަކުގެ އުފެއްދުންތަކުން ދެމެހެއްޓެނިވި ގޮތެއްގައި އެފަރާތްތަކަށް ނަފާ ލިބޭނެ ގޮތް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ. އަދި ފަންނުވެރިންނަށް ޤާނޫނީ ރައްކާތެރިކަން ނުލިބޭކަން ފާހަގަކުރައްވާ ޒިޔާއު ވިދާޅުވީ ފަންނުވެރިންނާއި އުފެއްދުންތެރިންގެ އިތުރުން އެހެނިހެން ނާޒުކު ގިންތިތަކުގެ މީހުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ޤާނޫނު އިތުރަށް ފުރިހަމަކުރަންޖެހޭ ކަމަށެވެ.

ފިކުރީ މުދާ އުފައްދާ ހުނަރުވެރި އެތައްބަޔަކު ރާއްޖޭގައި ތިބިކަން ފާހަގަކުރައްވަމުން ބީސީސީން ބުނީ ފިކުރީ މުދާ އުފެއްދުމަށް ނުވަތަ މުދާ އީޖާދުކުރާ ފަރާތްތަކަށް ޖީޑީޕީގެ މިންވަރެއް ކަނޑައެޅުން މުހިންމުކަމަށެވެ. އަދި މިއީ ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކުންވެސް ޢަމަލުކުރާ އުސޫލެކަން ބީސީސީން ފާހަގަކުރެއެވެ.

މިއަހަރުގެ ދުނިޔޭގެ ފިކުރީ މުދަލުގެ ދުވަހުގެ ޝިޢާރަކީ ބިނާކުރަނިވި ވިސްނުމާއި އުފެއްދުންތެރި ޚިޔާލާއެކު އެއް އަމާޒެއް ހާސިލްވެވޭނެ މުސްތަޤްބަލެއް ބިނާކުރުމެވެ.

ފިކުރީ މުދަލުގެ ދުވަހާއި ގުޅުވައިގެން ދުނިޔޭގެ ފިކުރީ މުދަލާބެހޭ ޖަމްޢިއްޔާ ނުވަތަ ވަރލްޑް އައިޕީ އޯގަނައިޒޭޝަން (ވައިޕޯ) އިން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި ގުޅިގެން ޚާއްޞަ އޮންލައިން ފޯރަމެއްވެސްވަނީ ބާއްވާފައެވެ. ތިން ގަޑިއިރަށް ކުރިއަށްދިޔަ މި ވެބިނަރގައި ބައިވެރިވުމަށް 121 ފަރާތަކުން ރަޖިސްޓަރ ކުރިއެވެ.





More from PSM News