ޝަންހާއީގެ ވޯލްމާޓް ސުޕަރމާކެޓެއްގައި ވަޅިން ހަމަލާދީ 3 މީހުން މަރާލައިފި

Tue, 01 Oct 2024 07:53 PM

View on this article on Naares

ޝަންހާއީގެ ވޯލްމާޓް ސުޕަރމާކެޓެއްގައި ވަޅިން ހަމަލާދީ 3 މީހުން މަރާލައިފި

ޗައިނާގެ ޝަންގްހާއީ ސިޓީގައި ހުންނަ ވޯލްމާޓް ސުޕަރމާކެޓެއްގައި ވަޅިން ހަމަލާދީ 3 މީހުން މަރާލައި އެތައްބަޔަކު ޒަޚަމް ކޮށްލައިފިއެވެ.



ޗައިނާގެ ފުލުހުންނާ ހަވާލާދީ ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާދިސާގައި ހަމަލާދިނީ 37 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ހަމަލާގައި އިތުރު 15 މީހަކު ޒަޚަމް ކޮށްލައިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭ ޝަންގްހާއީގެ ދެކުނު ހުޅަނގުގައިވާ ސޮންގްޖިއާންގ ސަރަޙައްދުގެ ޝޮޕިންގ މޯލެއްގައެވެ. މި ސަރަޙައްދަކީ މީހުން ދިރިއުޅޭ އާބާދީ ބޮޑު އަދި ގިނަ ޔުނިވަރސިޓީތަކެއް ހުރި ސަރަޙައްދެކެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މަރުވި 3 މީހުންވެސް މަރުވެފައިވަނީ ހޮސްޕިޓަލުގައެވެ. ޒަޚަމްވި އެހެން މީހުންގެ ފުރާނައަށް ނުރައްކާވާ ވަރުގެ އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާ ހިނގިތަނުގައި ހުރި މީހަކު ބީބީސީއަށް ދިން މަޢުލޫމާތުގައި ބުނެފައިވަނީ އެތަނުގައި ލޭއޮހޮރުވުމެއް ހިނގި ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ ދެން ފެނުނީ މީހުން ބިރުން ދުވަމުންދާ މަންޒަރު ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ހަމަލާ ދިން މީހާ އަކީ ލިން ނަމަކަށް ކިޔާ މީހެކެވެ. އަދި އޭނާ މި ހަމަލާ ދީފައިވަނީ އަމިއްލަ އިޤްތިޞާދީ މައްސަލައަކާ ގުޅިގެން އައިސްފާހުރި ރުޅީގައި ކަމަށް ބުނެފައިވެއެވެ. މި މައްސަލައިގެ އިތުރު ތަޙްޤީޤުތައް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޗައިނާގައި ހަތިޔާރު ގެންގުޅުން މަނާކޮށްފައިވީ ނަމަވެސް، ފަހަކަށް އައިސް ވަޅިން ހަމަލާދޭ މައްސަލަތައް އިތުރުވެފައިވެއެވެ. މީގެ ތެރޭގައި މިދިޔަ މަހު ދެކުނު ޗައިނާގައި 10 އަހަރުގެ ޖަޕާނު ކުއްޖަކަށް ދިން ހަމަލާއަކާއި، ޖޫން މަހު ޖިލިން ސިޓީގައި އެމެރިކާގެ 4 ކޮލެޖް އިންސްޓްރަކްޓަރުންނަށް ދިން ހަމަލާ ހިމެނެއެވެ.



More from Naares