ރޯދަ ފަރުޟުކުރެވުނީ “ތަޤްވާވެރިވުމަށެވެ”

Sun, 24 Mar 2024 09:41 AM

View on this article on Naares

ރޯދަ ފަރުޟުކުރެވުނީ “ތަޤްވާވެރިވުމަށެވެ”

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.



ގިނަ އަޅުކަންތަކެއް ﷲ سبحانه وتعالى މިއުންމަތަށް ފަރުޟުކުރައްވައި ނުވަތަ ސުންނަތްކަމެއްގެ ގޮތުގައި ލެއްވިއިރު، އެކަންކަމުގެ ސާފު ޙިކްމަތެއް އެކަލާނގެ ބަޔާންކުރައްވާފައި ނުވެއެވެ. ނަމަވެސް އެޙިކްމަތްތަކާއި މެދު ޢިލްމުގެ އަހުލުވެރިން ވާހަކަދައްކަވާފައި ވެއެވެ. އެހެންނަމަވެސް ރޯދައަކީ ޚާއްޞަކޮށް އެކަން ފަރުޟު ކުރެއްވުމުގެ ޙިކްމަތް ވަރަށް ސާފުކޮށް ޞަރީޙަކޮށް ކީރިތި ޤުރުއާނުގައި ބަޔާންކުރެއްވި އަޅުކަމެކެވެ. އެކަމުންވެސް ދޭހަވަނީ ރޯދައިގެ މަތިވެރިކަމާއި، އެއީ ވަރަށް ޚާއްޞަ އަޅުކަމެއް ކަމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴾ سورة البقرة:183 މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީ މީހުންނަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށް ރޯދަހިފުން ފަރުޟު ކުރެވިއްޖެއެވެ. އެއީ ތިޔަބައިމީހުން ތަޤްވާވެރިވޭތޯއެވެ.] ވީމާ ރޯދައިގެ މައިގަނޑު ޙިކްމަތަކީ ނުވަތަ މަޤްޞަދަކީ ތަޤްވާވެރިވުމެވެ.

ތަޤްވާވެރިވުން ރަނގަޅަށް ދެނެގަތުން ހުއްޓެވެ. އެގޮތުން ބައެއް ދަންނަބޭކަލުންނާއި އަދި ރަސޫލާ صلى الله عليه وسلم ގެ އަޞްޙާބު ބޭކަލުން رضي الله عنهم ތަޤްވާވެރިކަން ޝަރަޙަކޮށްދެއްވާފައިވާ ބަސްފުޅުތައް ނަޤުލުކޮށްލާނަމެވެ. އަލްއިމާމް އިބްނު ރަޖަބް އަލްޙަންބަލީ رحمه الله “ޖާމިޢުލް ޢުލޫމް ވަލްޙިކަމް” ގައި ވިދާޅުވިއެވެ: “އަޅާ އޭނާގެ ވެރިއިލާހަށް ތަޤްވާވެރިވުމަކީ އޭނާއާ އޭނާގެ ވެރިއިލާހުގެ ކޯފާ ނުވަތަ ނުރުއްސެވުން ނުވަތަ ޢުޤޫބާތަކާ މެދު ބިރުވެތިވާޙާލު އެކަމަކާއި އޭނާއާ ދެމެދު ރައްކާތެރިކަމުގެ ހުރަހެއް ޤާއިމްކުރުމެވެ. އަދި އެއީ އެކަލާނގެއަށް ކިޔަމަންތެރިވެވޭ ކަންކަން ކުރުމެވެ. އަދި އެކަލާނގެއަށް އުރެދޭ ކަންކަމުން ދުރުހެލިވުމެވެ.”

އުބައްޔު ބުން ކަޢުބު رضي الله عنه ތަޤްވާވެރިކަމާމެދު ޢުމަރު ބުން އަލްޚައްޠާބު رضي الله عنه އާ މުޚާޠަބުކޮށް ވިދާޅުވިއެވެ: “ތިބާ ކަށިހުރި މަގެއް އިޚްތިޔާރުކުރަމު ހެއްޔެވެ؟ ޢުމަރުގެފާނު ވިދާޅުވިއެވެ: އާއެކެވެ. އުބައްޔު ވިދާޅުވިއެވެ: ކަންތައްކުރަނީ ކިހިނަކުން ހެއްޔެވެ؟ ޢުމަރު ވިދާޅުވިއެވެ: ރަނގަޅަށް ހުށިޔާރުވެ އޭގައި ނުޖެހި ދިއުމަށް ގަދައަޅާ މަސައްކަތްކުރަނީއެވެ. އުބައްޔު ވިދާޅުވިއެވެ: ތަޤްވާވެރިކަމަކީ އެއީއެވެ.”

މިބަސްކޮޅަށް ވިސްނާލުމުން ވަރަށް ސާފުކޮށް ތަޤްވާވެރިކަން ފަހުމްވެގެންދެއެވެ. މަގެއްގައި ހިނގާފައި ދާއިރު އެމަގުގައި ކަށިހުރިކަން އެނގިއްޖެނަމަ އެމީހަކު އެމަގަކުން ހިނގާފައިދާނޭ ގޮތް ވަޒަންކޮށްލުން މުހިންމެވެ. ކުދިކުދި ކަށިތަކެއް ހުރިކަން އެނގޭ ނަމަވެސް ފަރުވާކުޑަކޮށް އޭގެ މަތިން ހިނގައި ނުގަންނާނޭކަން ކަށަވަރެވެ. މިބަސްކޮޅުގައި ކަށީގެ ގޮތުގައި، ޞަޙާބީ ސިފަ އެކުރެއްވީ ފާފަތަކަށެވެ. މާނައަކީ މަގުގައި ހިނގާފައި ދާއިރު ކަށިތަކަށް އެރިދާނެކަމަށް ބިރުގަންނަ ފަދައިން ފާފައަކަށް އަރައިގަނެވިދާނޭ ކަމަށް ބިރުގަތުން ހުއްޓެވެ. އަދި އެމަގު ހިނގާއިރު ކަށިތަކުން އެއްފަރާތްވާން މަސައްކަތް ކުރާއިރު މިދުނިޔޭގެ ޙަޔާތް ހޭދަކުރުމުގައި ފާފަތަކަށް ބަލައި ދެނެގަނެ، އެފާފަތަކުން ދުރުހެލިވާން މަސައްކަތްކުރާށެވެ. ކިތަންމެ ކުޑަ ކައްޓަކުން ވެސް ސަލާމަތްވާން މަސައްކަތް ކުރާ ފަދައިން، ކިތަންމެ ކުޑަފާފައެއް ނަމަވެސް އެއިން ދުރުހެލިވުމަށް މަސައްކަތް ކުރުން ހުއްޓެވެ. ތަޤްވާވެރި ކަމަކީ އެއީއެވެ. އަދި ކަށިތައް ހުއްޓެއްކަމަކު، ފަހަތަކަށް ނުދާނެއެވެ. ދާންއުޅޭ ތަނަކަށް ދެވޭނީ ކުރިއަށް ގޮސްގެންނެވެ. ނަމަވެސް ކުރިއަށް ދިއުމުގައި ފައި އަޅަންޖެހެނީ ސާފުކޮށް އޮތް ތަނެއްގައެވެ. އެގޮތުން ދުނިޔެވީ ޙަޔާތައިގެން ކުރިއަށް ދާނީ ސާފު ހެޔޮޢަމަލުތައް ކޮށްގެންނެވެ.

ވީމާ ރޯދައަކީ އެފަދަ އެއްޗެކެވެ. އެއީ ނުބައިކަންކަން ދުރުކޮށްދޭ އަޅުކަމަކަށް ވާއިރު އަދި ނުބައިކަން ތިމާއާ ދިމާއަށް އެކިދިމަދިމާއިން އަންނަހިނދު އެކަންކަމުން ހަށިގަނޑު ދިފާޢު ކުރުމަށް އޮތް އައްޑަނައެކެވެ. އެއީ ވަރުގަދަ ދިފާޢީ ނިޒާމެކެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((الصِّيَامُ جُنَّةٌ)) މާނައީ: [ރޯދައަކީ އައްޑަނައެކެވެ.] އެރޯދައަކީ ހަޑިހުތުރު ބަސްތަކާއި ޖާހިލުންގެ ޢަމަލުތަކުންނާއި މީހުންނާ ޒުވާބުކޮށް ތަޅާފޮޅުމުން ދުރުވުމަށް ފަސޭހަކޮށްދޭ އަޅުކަމެކެވެ. އެހެންވުމުން އެނުބައި ކަންކަމުގެ އައްޑަނައަކަށް ރޯދަ ނުވާންވީ ކީއްވެގެން ހެއްޔެވެ؟

އަލްއިމާމް އައްސަޢުދީ رحمه الله ވިދާޅުވިއެވެ: “ހަމަކަށަވަރުން ރޯދަވެރިޔާ ރޯދައަށް ހުރެގެން ކުރުން ޙަރާމް ކަންކަން ކަމުގައިވާ ކެއުމާއި ބުއިމާއި ޖިމާޢުވުން ފަދަ ކަންކަން ދޫކޮށްލައެވެ. އެކަންކަމަކީ އެކަންކަމަށް ނަފްސު ލެނބޭ ކަންކަމެވެ. އެކަންކަން އެދޫކޮށްލީ ﷲއަށް ކުއްތަންވުމަށެވެ. އެކަންކަން ދޫކޮށްލައިގެން ޘަވާބު ޙާޞިލުކުރުމަށެވެ. ވީމާ މިއީ ތަޤްވާވެރިކަމުގައި ހިމެނޭ ކަމެކެވެ. އަދިވެސް އޭގެ ތެރޭގައި ވެއެވެ: ރޯދަވެރިޔާ ﷲ ބައްލަވައިވޮޑިގެންވާކަން ދެނެގަތުމުގައި އޭނާގެ ނަފްސު ހާނުވައެވެ. އެކަން ދެނެގަނެ، އެކަންކަން ކުރުމުގެ ކުޅަދާނަކަން ލިބިގެންވުމާއެކުވެސް، އޭނާގެ ނަފްސު ލެނބޭ ނުބައި ކަންކަން ދޫކޮށްލައެވެ. އެއީ މާތްﷲ އޭނާގެ ކަންކަން މޮޅަށް ދެނެވޮޑިގެންވާކަން އެނގޭތީއެވެ. އަދިވެސް އޭގެ ތެރޭގައިވެއެވެ: ރޯދައިގެ ސަބަބުން ޝައިޠާނާ ހަށިގަނޑުގައި ދުވާމަގު އޭނާއަށް ފިތިގެންދެއެވެ. އެހެނީ އޭއްޗަކީ އިންސާނާގެ ލޭހިނގާހެން އާދަމުގެ ދަރިޔާގެ ހަށިގަނޑުގައި ދުވާއެއްޗެކެވެ. ފަހެ ރޯދައިގެ ސަބަބުން އެޝައިޠާނާގެ ނުފޫޛު ބަލިކަށިކޮށްލައެވެ. އަދި އޭގެ ސަބަބުން ފާފަތައް މަދުވެގެންދެއެވެ.”

ވީމާ މިރަމަޟާންމަހުގެ ރޯދަ ތިބާ ހިފަމުންދާއިރު ތަޤްވާވެރިވެވޭތޯއެވެ؟ ނޫންނަމަ އެއީ މިފަސޭހަ އައްޑަނަ އަތުޖެހުމަށްފަހުގައި އައްޑަނައިގެ ބޭނުން ހެޔޮގޮތުގައި ނުހިފާ މީހެކެވެ. ރޯދައިގެ ސަބަބުން ފާފަތަކުން ދުރެވޭހެއްޔެވެ؟ މައިންބަފައިންނަށް އިހާނެތިވުން ދޫކޮށްލެވުނު ހެއްޔެވެ؟ ހަޑިހުތުރު އެއްޗެތި ދުލުން ބޭރުކުރުން ހުއްޓުވާލެވުނު ހެއްޔެވެ؟ އެހެންމީހުން ނިކަމެތިކޮށް ތިމާގެ ބޮޑާވެރިކަން ދެއްކުން ދޫކޮށްލެވުނު ހެއްޔެވެ؟ އަދި ޝަހުވާނީ އެދުންތަކާއި އިވުންތަކާއި ބެލުންތައް މައިތިރި ކުރެވުނު ހެއްޔެވެ؟

އާދެ! މިސުވާލުތަކުގެ ޖަވާބުން، ރަމަޟާން މަސް ދެބައިވިއިރު ތިމާގެ ނަފްސަށް އައިބަދަލު އަންދާޒާކޮށް، ތަޤްވާވެރިކަން ޙާޞިލު ކުރެވުނު މިންވަރު ވަޒަންކޮށްލަން ދޫކޮށްލަމެވެ.

އަޅަމެންގެ ރޯދައަކީ އަޅަމެން ތަޤްވާވެރިވުން އެންމެހެޔޮ ގޮތުގައި ތަޤްވާވެރިވުމަށް ފަސޭހަކޮށްދޭ އަޅުކަމެއް ގޮތުގައި ލައްވަވާ، އަޅަމެންގެ ހެޔޮޢަމަލުތައް ޤަބޫލުކުރައްވާށިއެވެ. އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.



More from Naares