ސޫރަ – ހަތަރުވަނަ ބައި

Thu, 17 Aug 2023 04:23 AM

View on this article on MUNIAVAS

ސޫރަ – ހަތަރުވަނަ ބައި

ނާއިމްގެ ހަޔާތަށް އަތްގަދަވެ ހިންދެމިލެވޭގޮތް ވުމާއިއެކު ނާޖިދާގެ އަސްލުސިފަ ފެންނަން ފެށިއެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ދެކެމުންއައި ހުވަފެން ޙަޤީޤަތަކަށްވުމުން ބޭނުންވި ގޭމް ކުޅެމުންދިޔައެވެ. ނާއިމްގެ ކުރިމަތީގައި އެހެން މޫނެއް ކަމާލިޔާގެ ކުރިމަތީގައި އެހެން މޫނެއް ދައްކަމުންދިޔަ ނަމަވެސް ނާއިމްއަކަށް އެކަމެއް ނޭންގެއެވެ.

ކުރިމަތިވަމުންދިޔަ ހިތާމަތަކާއި ހިތްދަތިކަމާއެކު ކަމާލިޔާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދިޔަ ނަމަވެސް އެހެން މީހަކަށް މާބޮޑަކަށް އެކަމެއް ފާހަގައެއް ނުކުރެވެއެވެ. ފާހަގަކުރާކަށް ވަގުތެއް ވެސް ނުލިބެއެވެ. ނާޖިދާގެ ރޭވުން މޮޅުވެފައި ދެއްކުންތެރިކަން ވެސް މޮޅެވެ. މިއުމުރުގައި ގެއިން ބޭރުގައި ކަމާލިޔާ މާގިނަވަގުތު ހޭދަކުރުމަކީ އެހާ ރަނގަޅުކަމެއް ނޫންކަމަށް ނާޖިދާ ބުނަމުންދިޔަ ބުނުމުގެ ފަހަތުގައި ފޮރުވިފައިވާ މާނައެއް ވާކަމެއް ދެނެހުރި ދެވަނަމީހަކު ނެތެވެ.

ފިހާރައަށް ބޭނުންވާ މުދާގެނައުމަށް މާލެދަތުރުކުރަމުން ފިހާރައިގެ ކަންތަކުގައި އުޅެމުންދިޔަ ނާއިމްއަކަށް ގޭތެރޭގައި ކަންތައް ވަމުންދިޔަގޮތެއް ނޭނގެއެވެ. ބުނަން ބޭނުންވި ނަމަވެސް ކަމާލިޔާއަކަށް އެފުރުސަތެއް ނުލިބެއެވެ. ކަމާލިޔާ ބޭނުންވާ ފުރުސަތު އޭނާއަށް ފަހި ނުވާނެ ކޮންމެ ގޮތެއް ނާޖިދާ ބަލަމުންދިޔައެވެ.

ދަރިފުޅަށް ދޭންވާ ސަމާލުކަން ނުދެވުމުގެ ސަބަބުން ކަމާލިޔާ އަމިއްލައަށް ނާއިމްއާ މަޑުމަޑުން ދުރަށްޖެހެން ފެށިއެވެ. ލިބެމުންދިޔަ ކާމިޔާބަށް ހިނިތުންވަމުން އުފަލާއި އަރާމުގަ ދިރިއުޅެމުންދިޔަ ނާޖިދާ ހުންނަނީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ.

ހެނދުނު ހަތެއްޖަހާކަން ހާއިރެވެ. ނާއިމް މާލެއިން އަންނައިރު ރައްޓެއްސެއްގެ ދަރިއަކު ގޮވައިގެން އަންނަކަމަށްވަނީ ބުނެފައެވެ.

“ސައިބޮއިގެން މޭޒުމަތި ސާފުކޮށް ތަށިތައް ދޮންނާތި. އެހެން ބުނީމަ ތަށިތައް ސިންކަށް ލާފަ ދުވެފަ މާމަގެއަށް ދޭ.” ސައިބޯންއިން ކަމާލިޔާއަށް ބަލާލަމުން ހިތްހަމަނުޖެހުމާއެކު ނާޖިދާ ވާހަކަދެއްކިއެވެ.

އޭނާއާމެދު ނާޖިދާ ކަންތައް ކުރަމުންދާ ގޮތުން ދެރަވި ނަމަވެސް މިއަދު އޭނާއަކަށް އެހެންގޮތެއް ނެތެވެ. މަންމަމަތިން ހަނދާންވެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. ކަމާލިޔާ ހިތްވަރުކުރިއެވެ.

ހަވާލުކުރި މަސައްކަތް ނިންމާލުމަށްފަހު ކަމާލިޔާ ދިޔައީ އޭނާގެ މާމަގެއަށެވެ. ގޭތެރޭން އުފަލެއް، ހިތްހަމަޖެހުމެއް ނުލިބުނު ނަމަވެސް އެގެއިން އޭނާއަށް އުފަލާއި ހިތްހަމަޖެހުން ލިބެއެވެ. އަޅައިލުމާއި ލޯބި ލިބެއެވެ.

ނާއިމްއާއެކު ގޭތެރެއަށް ވަދެގެން އައި ރާއިދު ފެނުމާއެކު ނާޖިދާ ދިޔައީ ސިއްސައިގެންނެވެ. ހެދިހުރި ފުރިހަމަ ޒުވާން ކަސްރަތީ ހަށިގަނޑާއި އިސްކޮޅު ނުހަނު ގުޅެއެވެ. ބައިމަތި ފުޅާވެފައި މޫނުމަތިން އުޖާލާކަން ފާޅުވެއެވެ. އާދައިގެ ވަރަކަށް ދިގުކޮށްފައިވާ އިސްތަށިގަނޑާއި ތުނބުޅި ހަދާފައިވާ ގޮތުން މޫނުމައްޗަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

“ނާޖިދާ ! ….. މިއީ ރާއިދު. ރާއިދު މިއައީ ދުވަސްކޮޅަކު މިގޭގައި މަޑުކޮށްލަން ….. ރާއިދު ! މިއީ ނާޖިދާ. އަހަރެންގެ އަންހެނުން.” ނާއިމްގެ ތަޢާރަފާއެކު އެކަކު އަނެކަކަށް ބަލާލަމުން ސަލާންކޮށްލިއެވެ. ހިނިތުންވެލިއެވެ. ސަލާންކޮށްލުމަށްޓަކައި ނާޖިދާގެ އަތުގައި ރާއިދު ހިފަހައްޓާލި ވަގުތު ނާޖިދާއަށް ކުރެވިގެން ދިޔަ އިހުސާސްތައް އޭނާގެ ހިއްސުތައް ހޭލައްވާލި ކަހަލައެވެ. އިޝްގީ މަސްތީ ބަލާލުމަކުން ރާއިދަށް ބަލާލަމުން ހިނިތުންވެލިއެވެ.

ރާއިދަށް ޖޫސްތައްޓެއް ތައްޔާރުކޮށްލައިގެން ނާޖިދާ ފެންޑާއަށް ނުކުތްއިރު އެތަނުގައި ރާއިދު ފިޔަވާ އެއްވެސް މީހަކު ނެތެވެ. ނާއިމް ދިޔައީ ފިހާރައަށްކަން އެނގުނީ ރާއިދު ބުނުމުންނެވެ. ލިބުނު ފުރުސަތުގެ ސަބަބުން ނާޖިދާއަށް ލިބުނު ހިތްހަމަޖެހުން އޭނާގެ މޫނުމަތިން ފާޅުވެގެންދިޔައެވެ.

ރާއިދަށް ޖޫސްތަށި ދެމުން ނާޖިދާ ވެސް އެތަނުގައި އިށީންދެލިއެވެ. ޖޫސްބުއިމާއިގެން މަސްޢޫލްވެ އިން ރާއިދަށް ތަފާތު ބެލުމަކުން ނާޖިދާ ބަލަމުންދާކަމެއް ނޭނގެއެވެ. އެކަމަކަށް ސަމާލުކަމެއް ނުދެއެވެ.

ރާއިދުގެ ކޮންމެ ހަރަކާތެއް ވަކިވަކިން ކަހަލަ ގޮތަކަށް ބަލަމުން ދިޔަ ނާޖިދާގެ ހިތުގައި ރާއިދުގެ ސޫރަ ކުރެހޭކަށް މާގިނަވަގުތެއް ނުނެގިއެވެ. ހިއްސުތަކަށް މަޑުމަޑުން ދިރުން އަންނަން ފެށިއިރު އޭނާގެ ޒުވާންކަން ހަނދާންވާން ވެސް ފެށިއެވެ. ޒުވާންކަމުގެ ޖޯޝް ހޭލައްވާލި އެވެ. ހަމައެކަނި ފައިސާއިން ދިރިއުޅުން އުފާވެރި ނުކުރެވޭނެކަން ވިސްނެންފެށިއެވެ.

ބަދިގެތެރޭގެ މަސައްކަތުގައި އުޅެމުންދިޔައިރު ވެސް ނާޖިދާގެ ޚިޔާލުގައި ވަނީ ރާއިދުއެވެ. އެ ރީތިކަމާއި ޒުވާންކަމެވެ. އެ ލޯބިވެތި ބަލާލުމާއި މަސްތީ ހިނިތުންވުމެވެ.

ހެނދުނު ގެއިން ބޭރަށްދިޔަ ކަމާލިޔާ ގެއަށް އައީ މެންދުރުވާން ކައިރިވެފައި ވަނިކޮށެވެ.

ރާއިދު ކޮބައިތޯ ބަލާލުމުގެ ޝަޢުޤުވެރިކަން ހިތުގައި އުފެދުމާއިއެކު ނާޖިދާއަށް އެކޮޓަރިއާ ދިމާއަށް ހިނގައިގަނެވުނެވެ. ނާޖިދާއަށް އެހިސާބަށް ދެވުނުއިރު ކޮޓަރީގެދޮރު ހުރީ ކޮންމެވެސް ވަރަކަށް ހުޅުވިފައެވެ. ހަމައެކަނި ސޯޓެއްލައިގެން ނިދާލާފައިއޮތް ރާއިދުގެ ފިރިހެންވަންތަ ފުރިހަމަ ހަށިގަނޑު ފެނުމާއިއެކު ނާޖިދާގެ ގައިން ހީބިހި ނަގައިގެންދިޔަ ކަހަލައެވެ. މިކަހަލަ ފުރުސަތެއް ލިބޭނީ މަދުފަހަރަކުއޭ އޭނާގެ ހިތް ބުނިކަހަލަ އެވެ. މަޑުމަޑުން ކޮޓަރިއަށް ވަދެގެން ގޮސް އެނދުކައިރިއަށް ހުއްޓެމުން ރާއިދުގެ މުޅިހަށިގަނޑަށް ނަޒަރު ހިންގާލިއެވެ.

“ވާވް … ކޮންފަދަ ފުރިހަމަ ފިރިހެންވަންތަކަމެއް ….. ކޮންމެ އަންހެނަކު ހިތްކިޔާނެކަން ޔަގީން ….. ނާއިމް ކަހަލަ މުސްކުޅި އަކާއެކު ދިރިއުޅުމުގެ އެންމެ މުހިންމުބައި ބޭކާރުކޮށްލާނީ ކިހިނެއް ؟ …. ދިރިއުޅުން ފުރިހަމަކުރަން ބޭނުންނަމަ އިތުރު ވިސްނުމަކަށް ދާންޖެހޭ.” ހިތާހިތުން ނާޖިދާއަށް ކިޔާލެވުނެވެ.

ރާއިދަށް ބަލަހައްޓައިގެން ޚިޔާލެއްގެތެރެއަށް ގެއްލިފައިހުރި ނާޖިދާގެ ޚިޔާލީ އާލަމުން އޭނާ ހޭލައްވާލީ ކަމާލިޔާގެ އަޑެވެ. ވަގުތަކީ މެންދުރުވަގުތު ކަމަށްވާތީ ނާއިމް ވެސް މިހާރު އުޅޭނީ ގެއަށް އަންނާށެވެ. ނާޖިދާ އަވަސް އަވަހަށް ބޭރަށް ނުކުތްއިރު ކަމާލިޔާ ހުރީ ފެންޑާތެރޭގައެވެ.

“މަންމާ !… ޖޫސްތަށޓެއް ދީބަލަ.” ނާޖިދާއަށް ބަލާލަމުން ކަމާލިޔާ އެދުނެވެ.

“އައިސަލަމާރީގަ ހުންނާނެ ޖޫސް. އަމިއްލައަށް އަޅައިގެން ބޯލާ. ކަލެއަށް ވެސް އެވަރުގެކަންތައް މިހާރު ކުރެވެންވާނެ.” ހިތްހަމަނުޖެހުމާއިއެކު އަވަސް އަވަހަށް ނާޖިދާ ބުންޏެވެ. ކަންތައް ދިމާވިގޮތުން ނާޖިދާ އައިސްފައިވާ ރުޅިގަނޑު ބާލާލިއެވެ.

ނާޖިދާގެ ކިބައިގެން ފެނިގެންދިޔަ ހިތްހަމަ ނުޖެހުމުގެ ސަބަބުން އިތުރު އެއްޗެކޭ ބުނާކަށް ކަމާލިޔާ އަކަށް ނުކެރުނެވެ. އިސް ދަށަށް ޖަހާލައިގެން މަޑުމަޑުން ގޮސް ކާގެއަށް ވަނެވެ.

ދިމާވިކަންތަކުގެ ސަބަބުން ހިތްހަމަނުޖެހިފައި ފެންޑާތެރޭ ހުރި ނާޖިދާ ސިއްސައިގެންދިޔައީ ކާގޭތެރެއިން އިވުނު ބާރު އަޑަށެވެ. ކަންފަތުގައި އަޑު ޖެހުމާއިއެކުވެސް އެއީ ބިއްލޫރި ކޮންމެވެސް އެއްޗެއް ތަޅައިގެންދިޔަ އަޑުކަން ނާޖިދާއަށް ޔަގީންވިއެވެ.

ބާރު ހިނގުމެއްގައި ގޮސް ކާގެއަށް ވަން ނާޖިދާއަށް ކާގޭތެރެ ފެނުމާއިއެކު ހިތްހަމަނުޖެހުން އިތުރުވެގެންދިޔައެވެ. ރުޅިވެރިކަމާއި އެކު ކަމާލިޔާއަށް ބަލާލަމުން ހަޅޭލަވައިގަތެވެ. ދިމާވިކަންތަކުގެ ސަބަބުން ދެރަވެ ރޮވިފައިހުރި ކަމާލިޔާ ދިޔައީ ސިއްސައިގެންނެވެ.

“ސާބަސް ކަލެއަށް. އިއްޔެގެނައި ޖޫސްފުޅިއެކޭ ތިޔަ ތަޅާލީ …… ކަލޭ ހީވަނީތަ ފައިސާއަކީ ވާރޭ ވެހޭހެން މަތިން އޮހޭ އެއްޗެކޭ. ތުއްތު ވިޔަސް ބޮޑުވަރެއްނު ….. ކަލޭ ހިތުން ތިޔަހެން ތިޔަހެދީ އެވަރުގެ ކަމެއް ވެސް އަހަރެން އަތުން ނޫނީ ނުކުރަންދޯ؟ ހަމަމިހާރު މިތަން ސާފުކުރޭ …..” ރުޅިއައިސްފައި ހުރި ނާޖިދާ ހަޅޭލަމުން ކަމާލިޔާ ކޮށްޕާލިއެވެ.

ދިމާވިކަންތަކުގެ ސަބަބުން ދެރަވެފައި ހުރި ކަމާލިޔާ މަޢާފަށް އެދުނެވެ. ކުށް ގަބޫލުކޮށް ނާޖިދާ ބުނިފަދައިން އެތަން ސާފުކުރުމަށް އަވަސްވިއެވެ.

މެންދުރަށް ފިހާރަ ބަންދުކޮށްފައި ގެއަށް އައި ނާއިމް ފެނުމާއިއެކު ނާޖިދާ އަވަސް އަވަހަށް ކަމާލިޔާ އަތުން ފިހިގަނޑު އަތުލައި ކާގޭތެރެ ސާފުކުރަން ފެށިއެވެ. ކަމާލިޔާއަށްޓަކައި އޭނާގެ އޯގާތެރިކަން ހުރިވަރު ނާއިމަށް ދައްކާލުމަށް އަވަސްވިއެވެ. ނާއިމް ގާތު އޭނާ ބުނަމުންދާ ފަދައިން ކަމާލިޔާދެކެ އޭނާ ލޯބިވާވަރު ދައްކާލިއެވެ.

“ދެމައިން ކާގެތެރޭ ކީއްކޮށްލަނީ ؟” ކާގޭތެރެއަށް ބޯދިއްކޮށްލަމުން ނާއިމް އަހާލިއެވެ.

ނާއިމްގެ ސުވާލަށް ޖަވާބުދިނުމުގެ ގޮތުން ކަމާލިޔާ އެއްޗެކޭ ބުނަން އަނގަހުޅުވާލި ނަމަވެސް، ނާޖިދާ އޭނާއާދިމާއަށް ކަޅިއަޅާލިގޮތް ފެނިފައި ކަމާލިޔާއަށް މަޖުބޫރުވީ އަނގަބަންދު ކުރާށެވެ.

“މިއުޅެނީ ކަމާލިޔާއަތުން ވެއްޓި ޖޫސްފުޅި ތަޅައިގެން ގޮސްގެން …. އަހަރެން ކައިރީ ބުނެވެސްނުލާ އަމިއްލައަށް ޖޫސް އަޅަން އުޅެނިކޮށް ޖޫސްފުޅި ވެއްޓުނީ ….. މިތަން ސާފުކޮށްލާފަ ކާންހަދާނަން. ކާންހަދަން ވާއިރަށް ނާއިމް ދާންވީނު ރާއިދަށް ގޮވާލަން.” މަންޒަރު ރީތިކުރުމުގައި ކުރިއެރުމާއި ކާމިޔާބު ހޯދަމުންދާ ނާޖިދާ މިފަހަރު ވެސް އެނާގެ ރޭވުން ކާމިޔާބުކުރިއެވެ. ނާއިމްއަކަށް ތަނެއްދޮރެއް ނޭންގުނެވެ. ކަންތައްވީގޮތް ބުނަން ފުރުސަތު ނުލިބުނު ކަމާލިޔާ ރޮވިފައިހުރީ އެވެ.

“ދެންފަހަރަކުން ވެސް އެކަހަލަ ބޮޑެތިކަންތައް އަމިއްލައަށް ކުރަން ނޫޅެ މަންމަ ކައިރީ ބުނެލައިގެން ކުރާނީ އިނގޭ. އެހެން ނޫނީ ދަރިފުޅަށް ވެސް ގެއްލުމެއް ލިބިދާނެއެއްނު.” ލޯތްބާއި އޯގާތެރިކަމާއެކު ކަމާލިޔާގެ ބޮލުގައި ފިރުމާލަމުން ނާއިމް ވާހަކަދެއްކިއެވެ. ދަރިފުޅަށް އަނިޔާއެއް ލިބިދާނެތީ އޭނާ ކަންބޮޑުވިއެވެ.

“ދެން ނުރޮއި ހުއްޓާލާ. އެއީ ދަރިފުޅު ގަސްދުގައި ކުރިކަމެއް ނޫނެއްނު. ބައްޕަ އާއި ރާއިދުބެ ކާން އަންނަންވާއިރަށް ގޮސް އާދޭ މޫނުދޮވެ ރީތިވެލައިގެން.” ކަމާލިޔާގެ ދެލޮލުން އޮހޮރެމުންދިޔަ ކަރުނަ ފޮހެލައިދެމުން ނާޖިދާ ވާހަކަދެއްކިއެވެ. ކަމާލިޔާދެކެ ނާޖިދާ ލޯބިވާވަރު ފެނުމުން ލިބުނު ހިތްހަމަޖެހުމުގައި ހިނިތުންވެލަމުން ނާއިމް ގޮސް ކާގެއިން ނުކުމެއްޖެއެވެ.

އިރުހަނދުގެ ދައުރުވުމާއިއެކު ދުވަސްތަކާއި ރޭތައް މާޒީއާ އެކުވަމުންދިޔައެވެ.

ގޭތެރޭގެ ބައެއް މަސައްކަތްތަކާއި ފިހާރައިގެ ބައެއް މަސައްކަތްތައް ރާއިދުލައްވައި ކުރުވަން ނާއިމް ބޭނުންވި ނަމަވެސް، އެގޮތް ނާޖިދާއަކަށް ކަމަކުނުދިޔައެވެ. އެގޮތަށް ގެނެސްފައިތިބޭ މީހުންލައްވައި މަސައްކަތްކުރުވުން ރަނގަޅުނުވާނެ ކަމަށާއި އެގޮތަށް ކަންތައްކުރާނަމަ މީހުން އެވާހަކަދައްކައި މަލާމަތްކުރާނެކަމަށް ނާޖިދާ ބުންޏެވެ. އެގޮތަށް ކަންތައްކޮށް އެކަން އެނގިއްޖެނަމަ ރާއިދުގެ ބައްޕަ ނާއިމްދެކެ ރުޅިއައިސްދާނެ ކަމަށް ވެސް ބުންޏެވެ. އެއްވެސް މީހެއްގެ ހިތްހަމަނުޖެހުމާއި މަލާމަތް ނާއިމަށް ރައްދުވާން ބޭނުންނުވާކަމަށް ވެސް ބުންޏެވެ.

ރާއިދްއާމެދު ނާޖިދާ ހާއްސަގޮތެއް ބަހައްޓަމުންދާކަން އޭނާއަށް ފާހަގަކުރެވޭންފެށިއެވެ.

ދުވަހުގެ މެންދުރުކުރިއެވެ. ނާއިމް އޭނާގެ އާދައިގެމަތިން ފިހާރައިގެ މަސައްކަތާއިގެން އުޅެމުންދިޔައިރު، ކަމާލިޔާވީ ސްކޫލަށް ގޮހެވެ.

ނުނިމޭ


More from MUNIAVAS