މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތުހުޅުވާލައިފި

Mon, 29 May 2023 04:35 PM

View on this article on MUNIAVAS

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތުހުޅުވާލައިފި

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް)ގެ ހަތަރުވަނަ އަހަރީ އާންމު ޖަލްސާ 30 ޖޫން 2023 ގައި ބޭއްވުމަށް ވަނީ ހަމަޖައްސައި އެ ޔޫނިއަންގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތުހުޅުވާލައިފި އެވެ.

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް އިން ބުނީ އެ ޔޫނިއަންގެ ހިންގާ ކޮމިޓީގެ 2 އަހަރު ދުވަހުގެ ދައުރު ނޮވެމްބަރު 2022 ގެ ނިޔަލަށް ހަމަވެފައި ވާތީވެ، އައު ހިންގާ ކޮމިޓީއެއް އިންތިހާބުކުރުމަކީ މި އަހަރީ އާންމު ޖަލްސާގެ މުހިންމު ބައެއް ކަމަށެވެ.

ހިންގާ ކޮމިޓީގެ ހުރިހާ މަގާމަކަށްވެސް އިންތިހާބުކުރުމަށް ވޯޓުލުން ކުރިއަށްދާނެއެވެ.

ހިންގާ ކޮމިޓީގެ މަގާމުތަކަކީ:
1. ރައީސް
2. ނައިބު ރައީސް
3. ޙަޒާންދާރު
4. އަމީން ޢާންމު
5. ޕަބްލިކް ރިލޭޝަންސް ޑައިރެކްޓަރ

މިއީ މިފަދަ އިއުލާނެއް ކުރާ ތިންވަނަ ފަހަރުކަން ފާހަގަކޮށް، ޝަރުތު ހަމަވާ ހުރިހާ މެމްބަރުން ލަސްނުކޮށް ކުރިމަތިލުމަށް މިހާރު ދައުރު ހަމަވެފައިވާ ހިންގާ ކޮމިޓީގެ ފަރާތުން އިލްތިމާސް ކުރަމުން އެދިފައިވެއެވެ.

ޔޫނިއަންގެ ކުރިމަގު މިވަގުތު ބަރޯސާވެފައިވަނީ ފުރިހަމައަށް މަސައްކަތްކުރާ ހިންގާ ކޮމިޓީއެއް އެކުލަވާލުމުގެ މައްޗަށް ކަމަށާ މި ޖަމްއިއްޔާގެ މަގުސަދުތައް ފުރިހަމަ ކުރުމަށް ވަރުގަދަ ލީޑަޝިޕްއެއް އޮތުން ވަރަށް މުހިންމުކަން އެ ޔޫނިއަނުން އާއްމުކޮށްފައިވާ މީޑިއާ ސްޓޭޓްމެންޓެއްގައި ފާހަގަކޮށްފައިވެއެވެ.

ހިންގާ ކޮމިޓީގެ މަސައްކަތްތައް މެދުކެނޑިފައި އޮތުމުން ޔޫނިއަންއިން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރަސްއެޅިގެންދާތީ، ވީ އެންމެ އަވަހަކަށް މަސައްކަތް އަލުން ފަށައިގަތުން މުހިންމު ކަމަށްވެސް އެ ސްޓޭޓްމެންޓްގައި ބުނެފައިވެއެވެ.

“މި ޖަމްއިއްޔާގެ އުންމީދުތައް ހާސިލްކުރުމަށްޓަކައި ހިންގާ ކޮމިޓީއަށް ޚިދުމަތްތެރި، ބުރަ މަސައްކަތް ކުރާ މެމްބަރުން ބޭނުންވެއެވެ. ދިވެހި ފަންނުވެރިންގެ ޝުއޫރުތައް ތަމްސީލުކުރާ މި ޔޫނިއަންއިން އަބަދުވެސް މަސައްކަތްކުރަމުންދާނީ ހުރިހާ ފަންނުވެރިންގެ ހައްގުތައް ހިމާޔަތްކޮށް، ދިވެހިރާއްޖޭގެ މިއުޒިކީ ސިނާއަތް ކުރިއެރުވުމަށެވެ. މިވަގުތު ޔޫނިއަންގެ މެމްބަރޝިޕްގައި ނުހިމެނުނު ކަމުގައި ވީނަމަވެސް، އެއް ތަސައްވުރެއް ގެންގުޅޭ މިއުޒީޝަނުންނާއި، މިއުޒިކަށް ލޯބިކުރާ ފަރާތްތަކުގެ ތެރެއިން ތަރައްގީގެ މި މަސައްކަތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ޔޫނިއަންއާއި ގުޅިގެން މަސައްކަތްކުރުމަށް ދައުވަތު އަރުވަމެވެ.”

ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ޖޫން 2023 ގެ ކުރިން ނަން ހުށަހެޅުމަށް މިއުޒިޝަން ޔޫނިއަނުން އިލްތިމާސްކުރެއެވެ.

ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަގާމުތަކާއި، އެ މަގާމުތަކަށް ކުރިމަތިލުމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ، ޔޫނިއަންގެ ވެބްސައިޓް www.musiciansunion.mv މެދުވެރިކޮށް، ނުވަތަ ސީދާ އެ ޔޫނިއަންގެ ހިންގާކޮމެޓީގައި މިވަގުތު ތިބި މެންބަރުންނާ ގުޅާލުމުން ލިބިގެންދާނެކަންވެސް ފާހަގަކޮށްފައިވެއެވެ.


More from MUNIAVAS