މެއި 10 ގެ ފަހުން މި ރާއްޖޭގައި ބޭރުގެ އެންމެ ސިފައިންގެ މީޙެއްވެސް ނުހުންނާނެ: ރައީސް

Fri, 19 Apr 2024 11:25 AM

View on this article on Minivan

މެއި 10 ގެ ފަހުން މި ރާއްޖޭގައި ބޭރުގެ އެންމެ ސިފައިންގެ މީޙެއްވެސް ނުހުންނާނެ: ރައީސް

އަންނަ މެއިމަހުގެ 10 ވަނަ ދުވަހުގެ ފަހުން ރާއްޖޭގައި ބޭރުގެ އެއްވެސް ސިފައިންގެ މީހެއް ނުހުންނާނޭކަމަށް ވިދާޅުވެ، ރައީސް ޔާމިނު ދެއްކެވި ވާހަކަފުޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރައްދުދެއްވައިފިއެވެ.



ކޯޓުން މިނިވަންވުމަށްފަހު، މީޑިއާތަކާ ވާހަކަދައްކަވަމުން ރައީސް ޔާމިނު ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ، މި ސަރުކާރު އިދިކޮޅުގައި އޮތްއިރު، އަބަދުމެ ގޮވަމުންދިޔަ ވާހަކަތަކެއްކަން ފާހަގަކުރައްވައި، ބޭރުގެ ސިފައިން ރާއްޖޭގައި ތިބުން ރުހެވެން ނެތްކަން ފާހަގަކުރައްވައި ވާހަކަދައްކަވާފައެވެ.

ޕީޕީއެމް/ޕީއެންސީން ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ވީ ވައުދު ފުއްދުމުގެ މަސައްކަތް ވެރިކަމަށް އައުމާއެކު ފަށާފައިވާކަމަށެވެ. މި މަސައްކަތް ސަރުކާރުން ފެށީ ރުޅިވަރިކަމާއި، ރުންކުރުކަމާއެކު ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިކަމުގައި އިސްކޮށްފައިވާނީ ޑިމޮކްރަސީގެ ރިވެތި ހަމަތައް ކަމަށެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ހަމަޖެހިފައިވާ އުސޫލުގެ މަތިން ދެ ފަހަރެއްގެ މަތިން ކުރިއަށްގެންގޮސްފައިވާކަމަށާއި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އެންމެ ފަހު ގްރޫޕް އަންނަ މަހުގެ 10 ގެ ކުރިން އަނބުރާ ގައުމަށް ދާނޭކަމަށެވެ. އެގޮތުން މެއިމަހުގެ 10 ވަނަ ދުވަހުގެ ފަހުން މި ރާއްޖޭގައި ބޭރުގެ އެންމެ ސިފައިންގެ މީހަކުވެސް ނުހުންނާނޭކަމަށް ރައީސް ޑރ.މުއިއްޒު ވަނީ ރޭގެ ޖަލްސާގައި ވިދާޅުވެފައެވެ.

"ވައުދެއް ވިއްޔާއި އެ ވައުދު ފުއްދުމުގެ ފުރިހަމަ އަޒުމާއެކީގައޭ އަޅުގަނޑު ވައުދުވަނީ.އެ ވާ ކޮންމެ ވައުދެއް ފުއްދުމުގެ އަޒުމުގައި. އެއީ އަޅުގަނޑު ކުރާ ކޮންމެ ކަމެއް ކުރަނީ ތެދުވެރިކަމާ އަމާނާތްތެރިކަމާި އިހްލާސްތެރިކަމާއެކު" ރައީސް ޑރ.މުއިއްޒު ވިދާޅވިއެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބާލާނޭކަމަށް ސަރުކާރުން ބުނެފައިވާއިރު، އިންޑިއާ ސިފައިން ރާއްޖެއިން ދިޔަ ނަމަވެސް އެގައުމުގެ ސިވިލިއަނުން ހެލިކޮޕްޓަރުތައް ދުއްވުމުގެ އޮޕަރޭޝަން ކުރިއަށްގެންދިއުމަށް ރާއްޖޭގައި ތިބޭނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

The post މެއި 10 ގެ ފަހުން މި ރާއްޖޭގައި ބޭރުގެ އެންމެ ސިފައިންގެ މީޙެއްވެސް ނުހުންނާނެ: ރައީސް first appeared on Minivan.



More from Minivan