ލޯބިވެރިޔާ ސަލާމަތްކުރަން ކުރި ދަތުރު: ގިނަ ބަޔަކު ބުނަނީ އެއީ އާދައިގެ ކަމެއް ނޫންކަމަށް

Thu, 02 May 2024 02:22 PM

View on this article on Minivan

ލޯބިވެރިޔާ ސަލާމަތްކުރަން ކުރި ދަތުރު: ގިނަ ބަޔަކު ބުނަނީ އެއީ އާދައިގެ ކަމެއް ނޫންކަމަށް

އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު، ލޯބިވެރިޔާ ސަލާމަތްކުރަން ކަމަށް ބުނެ، ފަޅުގައި އަޅާފައި އޮތް ލޯންޗެއްގައި މ.ދިއްގަރުން ފުރައިގެން ހުޅުމާލެއަށް އިއްޔެ ކުރި ދަތުރުގެ ވާހަކައަކީ މިހާރު ރާއްޖޭގައި އެންމެ ގަދައަށް ދެކެވޭ ވާހަކައެވެ.



މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މ.އަތޮޅު ދިއްގަރަށް ނިސްބަތްވާ އެ ކުއްޖާ ދަތުރުކުރި އެ ލޯންޗަކީ ސިނަމަން ހަކުރާހުރާގެ ލޯންޗެކެވެ. އެ ލޯންޗް ދިއްގަރު ބަނދަރުގައި އަޅާފައި އޮތީ ލޯންޗުގައި އައު އިންޖީނެއް އަޅައި އޭގެ ގަޑި ހަމަކުރުމަށް ދުއްވި ދަތުރުގެ ތެރެއިންނެވެ. ފަޅުގައި ލޯންޗު އަޅާފައި ކައްޕި އާއި ފަޅުވެރިން ފޭބީ ލޯންޗް ތަޅުދަނޑި ނުނަގައެވެ. މިހާތަނަށް އެއްކުރެވުނު މައުލޫމާތުތަކުން އެނގުނު ގޮތުގައި އެ ކުއްޖާ ލޯބިވެރިޔާ ކައިރިއަށް ދިއުމަށް ދަތުރު ޕްލޭންކޮށްފައިވަނީ ލޯންޗުގައި ތަޅުދަނޑި ޖަހާފައިހުރިކަން އެނގުނު ހިސާބުންނެވެ.

"އިރުއޮއްސުނު ގަޑީގައިވެސް އެ ކުއްޖާ ބަނދަރުމަތިން ފެނިފައި އެބަހުރި" ދިއްގަރުން ވާހަކަދެއްކި މީހަކު ބުންޏެވެ.

ލޯބިވެރިޔާ ގާތަށް ދިއުމަށް ކުރިންވެސް އައީ ވިސްނަމުން

ދިއްގަރަށް ނިސްބަތްވާ ބައެއް މީހުންގެ ފަރާތުން އެނގުނު ގޮތުގައި ފިރިހެން ކުއްޖާ، އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ކުއްޖާ ކައިރިއަށް ދިއުމަށް އޭނާ އައީ މީގެކުރިންވެސް ވިސްނަމުންނެވެ. ސަބަބަކީ ލޯބިވެރިޔާއަށް މީހުން ބްލީ ކުރުމާއި، އޭނާ ހުންނަ ގޭގެ މީހުން ކުއްޖާއާމެދު އިހާނެތިކޮށް ކަންތައްކުރާތީއެވެ. ކަންކަން އެގޮތަށް ހުރުމުން އެ ދެކުދިންގެ މެދުގައި ކުރާ ފޯން ކޯލްތައް އިތުރުވުމުގެ ނަތީޖާއަކީ ފިރިހެން ކުއްޖާގެ މަންމައަށް އުނދަގޫވެެގެން ފޯނު ފޮރުވުމެވެ.

"ފިރިހެން ކުއްޖާގެ މަންމައަކީ ވަރަށް މަޑުމައިތިރި އަހްލާގު ރަނގަޅު މީހުންނަށް ވަރަށް ހެޔޮ މީހެއް. ވަރަށް ރަނގަޅަށް އޭނާ ބަލަހައްޓަމުން އަންނަނީވެސް.މިކަން މިގޮތަށް ވީމައި ކުއްޖާގެ މަންމަ ހުރީ ޝޮކެއްގައި. އޭނާއަށް ރަނގަޅަށް ނުވެސް ކެވޭ" ކުއްޖާގެ ކަންކަން އެނގޭ މީހަކު ބުންޏެވެ.

ދަތުރަށް ތައްޔާރުވުން

ވާހަކަތަކުން އެނގޭގޮތުގައި އެ ކުއްޖާ ދަތުރަށް ފަށާފައިވަނީ ވަރަށް ތައްޔާރުވެގެންނެވެ. ހުޅުމާލެއަށް ދިއުމަށް ލޯންޗަށް އަރާފައިވަނީ ލާންގެންގުޅޭ ބައެއް އަންނައުނާއި، މަންމަގެ ދެ ފޯނުގެ ތެރެއިން އެއް ފޯނާއި ކޭޝް ކާޑުވެސް ހިފައިގެންނެވެ. ބެލެވޭގޮތުގައި މަންމަ ބޭނުންކުރަމުންދާ އެ ފޯނު އޭނާ ގެންދިޔައީ، މުއާސަލާތުކުރުމުގެ އިތުރުން ދަތުރުކުރުމަށް ގޫގުލް މެޕާއި ޖީޕީއެސްގެ އެހީ ހޯދުމަށެވެ.

ފިރިހެން ކުއްޖާ ލޯންޗުގައި ދިއްގަރުން ފުރާފައިވަނީ އެ ރޭގެ 03:30 ހާއިރުއެވެ. އެ ކުއްޖާ ދުއްވި ލޯންޗު ފަޅުން ނިކުތްއިރު ބައެއް މީހުންނަށް އެ މަންޒަރު ފެނުނުކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ދިއްގަރުން ވާހަކަދެއްކި މީހުން ބުނާގޮތުގައި ލޯންޗު ފަޅުން ނިކުތީ ވަރަށް ނުފަރިތަކޮށް ދުއްވާ ގޮތަކަށް ކަމަށެވެ.

ފިރިހެންކުއްޖާ ދަތުރުކުރިކަމަށް ބުނާ ލޯންޗު

"އެ ކުއްޖާއަށް އެނގޭނެ ޑިންގީ ދުއްވަން. އާއްމުކޮށް އެއް އިންޖީނު އެޅި ޑިންގީއެއް ދުއްވާފައި ދެ އިންޖީނު އެޅި އެއްޗެއް ދުއްވަން އުޅޭއިރު ހުންނާނެ ނުފަރިތަ ގޮތެއް. އެތަން ކަންނީނގެ އެ ފެނުނީ. ދެން އެ ކުއްޖާއަކީ ތޫނުފިލި ޖެހިލުންކުޑަ ކުއްޖެއް. ލޯންޗުގައި އޭނާ ދަތުރަށް ފަށާފައި އެވަނީ ދެވޭވަރަށް ޕެޓްރޯލްވެސް ހުރިކަން ޔަގީންކުރުމަށްފަހު" ދިއްގަރު ކުއްޖާގެ ކަންކަން ވަރަށް ގާތުން އެނގޭ އެރަށު މީހަކު ބުންޏެވެ.

ލޯންޗުގައި ކުއްޖާ ދަތުރު ފަށާފައިވަނީ މޫސުން ވަރަށްބޮޑަށް ގޯސްކޮށް އޮތުމަށްފަހު ރަނގަޅުކޮށްލި ވަގުތުގައެވެ. އޭރުވެސް ވައިބާރުވެފައި ކަނޑުވެސް ހިސާބަކަށް ގަދައެވެ. މ.ދިއްގަރުން ފުރައިގެން އެވަރުގެ  ލޯންޗެއްގައި އެންމެ ލަސްވެގެންވެސް 3 ގަޑިއިރުން ހުޅުމާލެއަށް ދެވޭނެއެވެ. އެ ކުއްޖާގެ މި ދަތުރުގައި ހުޅުމާލެއަށް ދެވުނު ވަގުތެއް ޔަގީނެއް ނޫނެވެ. އެނގޭހާވެސް އެއްޗަކީ ހުޅުމާލެއަށް ދެވުމާއެކު ލޯންޗް ޖެޓީއާ ކައިރިކުރުމަށްފަހު ވަގުތުން ލޯންޗުން ފައިބައިގެން އޭނާ ދިޔަކަމެވެ. އަދި އެ ކުއްޖާ ލޯންޗުން ފައިބައިގެން ދިޔައީ އިންޖީނުވެސް ނިއްވާނުލައި، ލޯންޗު ޖެޓީގައި ނުވެސް އަޅައެވެ.

ބެލެވޭގޮތުގައި ލޯންޗުން ފައިބައިގެން ދިޔަގޮތަށް އެ ކުއްޖާ ދިޔައީ އޭނާގެ ލޯބިވެރިޔާ ގާތަށެވެ. އޭގެ ފަހުން އަންހެންކުއްޖާގެ އާއިލާއިން ވަނީ އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. ރޭގެ ވަގުތެއްގައި އަންހެން ކުއްޖާ ފެނުނު ކަމަށް ފުލުހުން ބުނެފައިވާއިރު، މިއަދު ފުލުހުން ވަނީ ފިރިހެން ކުއްޖާވެސް ފެނުނުކަމަށް ރިޕޯޓްކޮށްފައެވެ.

ހިނގާދިޔަ މި ހާދިސާއާ ގުޅޭގޮތުން ގިނަ އަދަދެއްގެ އާއްމުން ވަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފައެވެ. ބައެއް މީހުން ބުނީ، 14 އަހަރުގެ ކުއްޖަކު އެކަނި އެވަރުގެ ދަތުރެއް ކުރުމަކީ އާދަޔާހިލާފް ކަމެއް ކަމަށާއި، މިއީ ރައްޖޭގެ ތާރީހުގައިވެސް ލިޔެވިގެންދާނޭ ކަމެއް ކަމަށެވެ. ފިރިހެން ކުއްޖާގެ ކެރުމާއި ހިތްވަރު ފާހަގަކުރަމުން ބައެއް މީހުން ބުނެފައިވަނީ، ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާތަކުން އޭނާއަށް އަދަބު ދިނުމުގެ ބަދަލުގައި ރިހެބެލިޓޭޓް ކުރުވުމުގެ ޕްރޮގްރާމެއް ހިންގައި ނިޔަމިކަން ދަސްކޮށްދީ މުޖުތަމައުއަށް ނެރެން ޖެހޭކަމަށެވެ. އޭނާގެ ނިޔަތަށް ބަލައި ޤައުމު ބޭނުންވަނީ އެފަދަ ހިތްވަރުގަދަ ކެރޭ ދަރިންކަމަށްވެސް ބައެއް މީހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުން ވަނީ އެކަންތައް ތަހުޤީޤް ކުރަމުންދާކަމަށް ބުނެފައެވެ. މި ހާދިސާ ހިނގާފައިމިވަނީ ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ބަދަލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ބުނެފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

The post ލޯބިވެރިޔާ ސަލާމަތްކުރަން ކުރި ދަތުރު: ގިނަ ބަޔަކު ބުނަނީ އެއީ އާދައިގެ ކަމެއް ނޫންކަމަށް first appeared on Minivan.



More from Minivan