ދިވެހިންގެ އުފާވެރިކަން މިންކުރުމަށް "ހެޕިނެސް އިންޑެކްސް" އެއް އެކުލަވާލަނީ

Thu, 02 May 2024 08:12 PM

View on this article on Minivan

ދިވެހިންގެ އުފާވެރިކަން މިންކުރުމަށް "ހެޕިނެސް އިންޑެކްސް" އެއް އެކުލަވާލަނީ

ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އުފާވެރިކަން މިންކުރުމަށް "ހެޕިނެސް އިންޑެކްސް" އެއް އެކުލަވާލުމަށް ސަރުކާރުން ހާއްސަ މަސައްކަތެއް ފަށައިފިއެވެ.



ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ރާއްޖޭގެ ރަށްތައް ތަރައްގީވަމުން އަންނައިރު، ދިވެހިން ބޭނުންވާ އުފާވެރިކަމާއި، ހިތްހަމަޖެހުމާއި، އުއްމީދުކުރާ ގޮތާއި، ރާއްޖޭގައި އޮތް ހާލަތް ދެނެގަނެވޭނެ ގޮތެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަދި ހުރިހާ ރަށެއްގައި ދިިރިއުޅޭ މީހުންނަށާއި ބައިނަލްއަގުވާމީ ދުނިޔެއަށް ވެސް އެކި ރަށްރަށުގެ ހާލަތާއި އެރަށެއްގައި ކަންތައް ހުރި ނެތް ގޮތް ދެނެގަނެވޭނެ ގޮތް ވުމަކީ ވެސް މުހިންމު ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެންކަމުން، މި ސަރުކާރުން މާނަ ހުރި ގޮތެއްގައި ރާއްޖޭގެ "ހެޕިނެސް އިންޑެކްސް" ކަނޑައެޅުމަށްޓަކައި ހާއްސަ މަސައްކަތެއް ފަށައިގެން ކުރިއަށް ގެންދަން ނިންމައިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އެއީ ރަށްރަށުގައި މިދެންނެވި ގޮތަށް ހާލަތު އުފާވެރިކަން ރައްޔިތުންނަށް ލިބޭ އުފާވެރިކަން ރައްޔިތުން މިންކުރާ ގޮތެއް ދެނެގަތުމަށްޓަކައި ކުރާ މަސައްކަތެއް" ވަޒީރު ވިދާޅުވިއެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ ރާއްޖޭގެ ގިނަ ފަރާތްތަކާއެކު މަޝްވަރާތައް ކުރުމަށްފަހުގައި ކަމަށާއި ކަމާ ގުޅޭ ފަރާތްތަކުގެ ލަފާގެ ދަށުން އެ މަސައްކަތުގެ އޮނިގަނޑު އެކުލަވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މަސައްކަތުގެ ސަބަބުން ރަށްރަށުގެ ހާލަތު ވަރަށް ރަނގަޅަށް އެނގިގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ކޮންސަލްޓޭޓިވް ޕްރޮސެސްއެއްގެ ދަށުން ވަރަށް ބޮޑަށް ހުޅުވާލެވިފައި އަދި ގިނަ ފަރާތްތަކަކާ މަޝްވަރާ ކުރެވިގެން އެކުލަވާލެވޭ އޮނިގަނޑެއް ނުވަތަ އިންޑެކްސްއެއްގެ ތެރެއިން ރަށްރަށުގެ ހާލަތު ރަނގަޅަށް އެނގޭނެގޮތަކަށް ތައްޔާރު ކުރެވޭ ފްރޭމްވޯކެއްގެ ދަށުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ފަރާތަކަށް އެވޯޑުވެސް ދެވޭ ކަހަލަ އިންތިޒާމެއްގެ ތެރެއިން ކަންތައްތަކެއް ކުރުމަށް." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ "ހެޕިނެސް އިންޑެކްސް" އެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކެއްތޯ ބެލުމަށް  އާންމުންގެ ހިޔާލާއި މި ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ މަޝްވަރާ އާއި ލަފާ ވެސް ހޯދާނެ ކަމަށެވެ.

"ހެޕިނެސް އިންޑެކްސް" އަކީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އެކުލަވާލާ އެއްޗެކެވެ. ދުނިޔޭގައި ރައްޔިތުން އެންމެ އުފާވެރި ގައުމުތައް ރޭންކު ކުރަނީ ވެސް ގައުމުތަކުން ނެރޭ އެފަދަ އިންޑެކްސްތައް ބޭނުންކޮށްގެންނެވެ.

The post ދިވެހިންގެ އުފާވެރިކަން މިންކުރުމަށް "ހެޕިނެސް އިންޑެކްސް" އެއް އެކުލަވާލަނީ first appeared on Minivan.



More from Minivan