އަސްލަމް ވިދާޅުވަނީ ކަންބޮޑުވުންތަކާއެކުވެސް ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވޭނެ ކަމަށް!

Mon, 15 Apr 2024 03:21 PM

View on this article on Minivan

އަސްލަމް ވިދާޅުވަނީ ކަންބޮޑުވުންތަކާއެކުވެސް ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވޭނެ ކަމަށް!

މިހާރު ރައްްޔިތުންގެ މަޖިލީހުގެ ރައީސެެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލައްވައިގެން ކެމްޕޭންކުރައްވަމުން ގެންދަވާ ކެންޑިޑޭޓެކެވެ. ތިރީގައި އެވަނީ އަޅުގަނޑު މުޙައްމަދު އަސްލަމާ ކުރި ކުރު އިންޓަވިއެއްގެ ހުލާސާއެކެވެ. އުންމީދުކުރަނީ މި އިންޓަވިއުއަކީ ކިއުންތެރިން ޝައުގުވެރިކަމާއެކު ކިޔާލާނެ ލިޔުމަކަށް ވާނެކަމަށެވެ.



ސ. 1. ރައްޔިތުންގެ މަޖިލީސް ރިޔާސަތުގައި މަނިކުފާނު ތި އިންނެވީ، އެހެން ކަމުން ދާއިރާގެ އިންތިހާބު ކާމިޔާބު ކުރެވޭނެ ތޯ؟  

ޖ. މަޖިލީސް ރައީސް ކަމާ ދާއިރާގެ ގޮނޑި ކާމިޔާބު ކުރުމާ މާބޮޑު ގުޅުމެއް ނެތް. ނަމަވެސް އަޅުގަނޑަށް ވަރަށް ޔަގީންކަން އެބަ އޮތް ދާއިރާގެ ރައްޔިތުންގެ އިތުބާރާއި ރުހުމާ ލޯތްބާއެކު ދާއިރާގެ ގޮނޑި ނެގޭނެ ކަމުގެ. އެހެންވީމާ މަޖިލީގެ ރައީސް ކަމުގައި އިނަސް ނީނަސް ދާއިރާ ގޮނޑިއާ މާ ބޮޑު ގުޅުމެއް ނެތް. ނަމަވެސް މަޖިލިސް ރައީސް ކަމުގައި އިނދެފައި މަޖިލީހަށް ނުހޮވުމަކީ ވަރަށް ދެރަކަމެއް ކަމަށް ގަބޫލު ކުރަން.

2. ގޮނޑި ކާމިޔާބު ކުރުމުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ؟

ގޮންޖެހުން ތަކެއްގެ ގޮތުގައި ސިފައެއް ނުކުރެވޭ. ދެން އެހެން ނަމަވެސް ކަންބޮޑުވުން ތަކެއް ހުރީ، ސަބަބަކީ އެއް ދާއިރާއަކަށް އެހާ ގިނަ މެމްބަރުން ކުރިމަތިލާފަ ތިބީމަ. ކުރިން އެކުގައި އުޅުނު ވަރަށް ގާތް ރައްޓެހިންނާއި އާއިލާތަކުގެ މީހުން ވެސް މި ދާއިރާއަށް ކުރިމަތިލާފަ ތިބުން އެއީ ކަންބޮޑުވާ ކަމެއް. މީގެ އިތުރުން ބައެއް ކެނޑިޑޭޓުންގެ ފަރާތުން ހަގީގަތާ ހިލާފު ވާހަކަތައް އަޅުގަނޑޭ ކިޔާފަ ދައްކަމުން ދާތީ ވެސް ކަންބޮޑުވޭ.

3. އެމްޑީޕީ އަށް މަޖިލިސް މެޖޯރިޓީ ނެގޭނެ ކަމުގެ ކިހާ ޔަގީން ކަމެއް އެބައޮތްތޯ އަދި އެއީ ކީއްވެގެން ތޯ؟

ވަރަށް ބޮޑު ޔަގީން ކަމެއް އެބައިން އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ނެގޭނެ ކަމުގެ. މައިގަނޑު ސަބަބަކީ އެމްޑީޕީން ނެރެފައި ވަނީ ވަރަށް ރަނގަޅު ތައުލީމީ ގާބިލު ބޭފުޅުން ހުރިހާ ދައިރާތަކަށް ވެސް. އަދި ހަމައެއާ އެކު ސިޔާސީ ގޮތުން ވެސް ވަރަށް ތަޖުރިބާ ހުރި މީހުން ކުރިމަތިލާފަތިބީ، ދެން އޭގެ އިތުރުން ސަރުކާރުން ރަނގަޅަށް ވެރިކަމުގެ ކަންތައްތައް ކުރިއަށް ގެންދާ ތަނެއް ނުފެނޭ. ރައްޔިތުންނަށް ކަނޑައެޅިގެން އެނގެން ހުންނަ ކަންތައް ތަކުގައި ރައްޔިތުން ކުރިމަތީ ސަރުކާރުގެ އެކި ބޭފުޅުން އަންނަނީ އިތުރުފުޅު ހައްދަވައި ވާހަކަތައް ދައްކަވަމުން. ކޮންމެ ކަމެއް ވެސް ގޯހުގެ މަގުން ދާތަން މިފެންނަނީ. މިސާލަކަށް ބަޔަކަށް ވަޒީފާ ދިނުމުގައި ވެސް އެކަށީގެން ނުވާ ގާބިލުކަން ނެތް އެތައް ބަޔަކަށް ވަޒީފާ ދެމުން ދާތަން ވެސް ރައްޔިތުންނަށް އެބަ ފެނޭ. އަދި ވަޒީފާގެ ބިރު ދައްކާ ކެމްޕެއިންތަކަށް ސަރުކާރުގެ ނުފޫޒު އިންތިހާއަށް ފޯރުވަމުން އެބަދޭ. އެހެންވީމާ އެފަދަ ބަޔަކަ ރައްޔިތުން ތާއީދު ކުރައްވާނެ ކަމަކަމަށް ގަބޫލެއް ނުކުރެވޭ. އެހެން ކަމުން ސަރުކާރުން ކުރިމަތިލާފައި ތިބި އެތައް ކެނޑިޑޭޓުންނަށް ނޫނެކޭ ބުނަމުން ދާ މިންވަރު ވެސް އިތުރު ވަމުންދާތަން ފެންނަމުން ދަނީ.

4. މަޖިލިސް ރައީސް ކަމުގައި ހުންނަވައިގެން ކެމްޕެއިނަށް އެކަށީގެންވާ ވަގުތު ދެވޭތޯ؟

ކޮންމެވެސް ވަރަކަށް އެކަމުގައި ދަތިތަކެއް ދިމާވި، ދެން މިހާރު އަޅުގަނޑު ދާއިރާ އަށް އައިސް މިހުރީ، އެހެން ނަމަވެސް މަޖިލީހުގެ ބައެއް ދަތުރުތައް ވެސް ކުރަން ޖެހުމުން ކެމްޕެއިނަށް ދަތިތަކެއް ދިމާވި. އަދި އަޅުގަނޑަށް ކުރީގައި ދަތުރުތައް ކުރަން ބޭނުންވާ ގޮތަކަށް މިހާރު ދަތުރުތައް ކުރަން އެހާ ފަސޭހައެއް ނޫން. ދައުލަތުން އެކަމަށް އެހާ ހަރަދު ކުރާގޮތަކަށް އަޅުގަނޑު ބޭނުމެއް ނޫން. ދަތުރު ކުރާއިރު އަޅުގަނޑުގެ ސެކިއުރިޓީވެސް އަޅުގަނޑާއެކު ދަތުރުކުރަން ޖެހޭނެ. ކުރީގަ ވިއްޔާ ބޭނުން އިރަކު ބޭނުންތާކަށް ގޮސްލާފަ އުޅެވޭ ފަސޭހަކަމާއެކު، ނަމަވެސް މިހާރު ސެކިއުރިޓީ ކަންކަން ހަމަޖެހިފަ އިންނަ ގޮތުން އެހާއެއް ނޫން.

5. އެމްޑީޕީ މަޖިލިސް ވިން ކޮށްފި ނަމަ ރައީސް މަޖިލީހުގެ ރައީސް ކަމަށް މަނިކުފާނު ވާދަ ކުރައްވާނަން ތޯ؟

އަޅުގަނޑަށް ވުރެން ގާބިލު ބޭފުޅަކު ކުރިމަތި ލައްވައިފި ނަމަ އެކަމާ އަޅުގަނޑެއް ނޫޅޭނަން. ނަމަވެސް އިތުރު ބޭފުޅަކު ނެތިއްޔާ އަޅުގަނޑު ވާދަ ކުރާނަން. މީގެ އިތުރުން ވާދަ ކުރަން ވާނީ ތާއީދު އޮތް ގޮތެއްވެސް ބަލާފަތާ. އެހެންވީމަ އަދި އެކަމަކާ މާ ބޮޑު ވިސްނުމެއް ނެތް. އިންހާބަށް ފަހުތާ އެކަމާ ވިސްނަން ޖެހޭނީ.

6. ދާއިރާގެ ބައެއް ރައްޔިތުން ބުނަމުން ދަނީ މިފަހަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރުން މަނިކުފާނަށް ވަރަށް ވަރުގަދަ ޗެލެންޖަކަށް ވެގެން ދާނެ ކަމަށް، އެއީ ކިހާ ވަރެއްގެ ހަގީގަތެއް ތޯ؟

އެވާހަކަ ދައްކާ ބަޔަކަށްތާ އެކަން އިނގޭނީ، އަޅުގަނޑަކަށް އެކަމެއް ފާހަގަ އެއް ނުކުރެވޭ.

7. މަޖިލިސް ރައީސްގެ ހައިސިއްޔަތުން ކުރެވުނު އަދި ކުރެވޭ މަސައްކަތްތަކަށް ހިތްހަމަ ޖެހޭތޯ؟

ޕާސަނަލީ އަޅުގަނޑު ހިތްހަމަ ޖެހޭ ވަރަކަށް ނުކުރެވޭ އަދި މަސައްކަތް ތަކެއް. ދެން އެކަން ވަޒަން ކުރާނީ ބަލަން ތިބޭ ބަޔަކުތާ. އަދި ވެސް ބައިވަރު ކަންކަން އަޅުގަނޑު ކުރަން ބޭނުންވޭ. އެގޮތުން މަޖިލީހަކީ ރައްޔިތުންގެ ތަނެއް ވީމަ ރައްޔިތުންގެ އިތުބާރު ވެސް އޮންނަ ތަނަކަށް އެތަން ވާން އެބަ ޖެހޭ. އެހެން ކަމުން މަޖިލީހަށް އަދިވެސް އަޅުގަނޑު ގެންނަން ބޭނުންވާ ބަދަލުތަކެއް އެބަހުރި. އެބަދަލުތައް އެގޮތައް ގެނެވޭނީ މެމްބަރުންގެ ވެސް ފުރިހަމަ އެއްބާރުލުމާއެކު އެއީ ހަމަ އެކަނި މަޖިލީހުގެ ރައީސަށް ކުރެވޭނެ ކަންކަމެއް ނޫން. މަޖިލީހުގެ ރައީސަށް އެކަންކަން ކުރުމުގައި ބާރު އެޅޭނީ. މަޖިލިސް މެމްބަރުންނަކީ މަޖިލީހުގެ ކަންކަން ނިންމަވަން ތިއްބެވި ބޭފުޅުން. އެއީ މަޖިލީހުގެ ގަވާއިދު ކަމުގައި ވިޔަސް ނުވަތަ މަޖިލީހުން ކަންކަން ބަލާ ކޮމެޓީއެއް ކަމުގައި ވިޔަސް އެއިން ކޮންމެ ތަނެއްގެ ނިންމުމަކީ މަޖިލީހުން އެންޑޯޒްކޮށް މަޖިލީހުން ނިންމަން ޖެހޭ ކަންކަން. އެހެންވީމަ އަޅުގަނޑު އުންމީދު ކުރަނީ މިހާރަށް ވުރެން 20 ވަނަ މަޖިލީހަކީ ރައްޔިތުންގެ މަޖިލީހެއްގެ ފުރިހަމަ ޕާފޯމަންސް ފެނިގެން ދާނެ މަޖިލީހެއް ކަމަށް ވެގެން ދިއުން.

The post އަސްލަމް ވިދާޅުވަނީ ކަންބޮޑުވުންތަކާއެކުވެސް ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވޭނެ ކަމަށް! first appeared on Minivan.



More from Minivan