ރާއްޖޭގެ ދީނީ ދެ މަޒުހަބު

Tue, 23 May 2023 07:07 PM

View on this article on Mikal News

ރާއްޖޭގެ ދީނީ ދެ މަޒުހަބު

މުޙައްމަދު ޙުސައިން

ސައްތައިން ސައްތަ އަޅުގަނޑުމެންގެ މި ދިވެހި ރާއްޖެވެސް ވަނީ، ދީނީ ގޮތުން ދެ މަޒުހަބަކަށް ބެހިފައެވެ. އެއީ ޝާފިޢީ މަޒުހަބަށާއި ޒަމާނީ ސަލަފީ މަޒުހަބަށެވެ.

ޝާފިޢީ މަޒުހަބަކީ އުއްމަތުގެ އެންމެ ހެޔޮ ފުރަތަމަ 3 ޤަރުނުގެ ސަލަފުންގެ ބޭފުޅެއްކަމުގައިވާ، އިބްނި އިދްރީސުއް ޝާފިޢީ ނުވަތަ އިމާމު ޝާފިޢީގެފާނަށް ޤުރުއާނާއި ސުންނަތް ފަހުމުވީގޮތަށް ދީނަށް އުޅޭ މަޒުހަބެކެވެ. މި މަޒުހަބަށް ނިސްބަތްވަނީ، މިސްރުގެ ޖާމިޢުލް އަޒުހަރުން ކިޔެވި ޢިލްމުވެރިންނާއި، ރަޢީސް މައުމޫނުގެ ދުވަސްވަރުގެ ޢިލްމުވެރިންނާއި އެބޭފުޅުންގެ ނަސޭހަތް ޤަބޫލުކުރާމީނުންނާއި، ބޮޑުތަރުތީބާއި ތަޢުލީމު ދިޔާނާ އިން ދީން ދަސްކުރި ހެޔޮ މީހުންނެވެ.

ނަމަވެސް ޒަމާނީ ސަލަފީ މަޒުހަބަކީ މިޒަމާނުގެ ސަޢުދީ ޢަރަބިޔާއަށް ނިސްބަތްވާ ޒަމާނީ މަޒުހަބެކެވެ. މި މަޒުހަބުގެ މީހުން ޢަޤީދާގެ ގޮތުން ތަބާވަނީ، ހިޖުރައިން 13 ވަނަ ޤަރުނުގައި އުޅުއްވި، ޝޭޚް މުޙައްމަދު ބުނު ޢަބްދުލް ވައްހާބަށެވެ. އަދި ފިޤުހީ ގޮތުން ތަބާވަނީ، މިޒަމާނުގެ ސަޢޫދީ ޢަރަބިޔާގެ ޢިލްމުވެރިންނަށް ޤުރުއާނާއި ސުންނަތް ފަހުމުވީ ގޮތަކަށެވެ. ނުވަތަ އެމައްސަލައެއް ޤުރުއާނާއި ސުންނަތުން ރޯކޮށް ނެރޭ ޝޭޚަކަށް ނުވަތަ މީހަކަށް ފަހުމުވީ ގޮތަކަށެވެ. އެހެންގޮތަކަށް ދަންނަވާނަމަ ހަވާ ނަފްސަށެވެ. މިގޮތަށް މިބޭފުޅުން އިސްތިންބާތުކުއްވާ ވަރަށް ގިނަ މައްސަލަތައް ހަންބަލީ މަޒުހަބާއި ދިމާވެއެވެ. އަނެއްބައި މައްސަލަތައް ސަލަފުންގެ އެއްވެސް މަޒުހަބަކާއި ދިމާނުވެ އެބަހުއްޓެވެ. އަދި މީގެ ތެރެއިން ބައެއް މައްސަލަތައް ސަލަފުންގެ އިޖުމާޢު އާއި ވެސް ޚިލާފުވެފައި އެބަހުއްޓެވެ. މި މަޒުހަބުގެ މީހުންގެ އެއްމެ ޚާއްސަ ސިފައަކީ، އެމީހުންގެ ފިކުރަށް ތަބާ ނުވާ މުސްލިމުން ކާފަރު ކުރުމެވެ. އެހެންނޫނީ ބިދުޢަވެރި ކުރުމެވެ. ރާއްޖޭގެ ސަލަފީންނަކީ މައިގަނޑުގޮތެއްގައި ޕާކިސްތާނުގެ ޖާމިޢާ ސަލަފިއްޔާއާއި ސަޢުދީ ޢަރަބިޔާގެ ޔުނިވާސިޓީ ތަކުން ކިޔެވި ބޭފުޅުންނެވެ. މިބޭފުޅުންގެ ތެރޭގައި ޢަދާލަތު ޕާޓީގެ ބައެއް ޢިލްމުވެރިންނާއި، ސަލަފު ޖަމިއްޔާގެ ގިނަ ޢިލްމުވެރިންނާއި 2008 އިން ފެށިގެން ރާއްޖޭގައި އުފެދުނު އިސްލާމިކް މިނިސްޓްރީތަކާއި، އެސްއެސް ސުޕާސަލަފީން ނުވަތަ މަދުޚަލީންނާއި ޑޮޓު ޖަމާޢަތް ހިމެނެއެވެ.

މިތަނުން މުސްލިމުން ކާފަރު ކުރަނީ ހަމައެކަނި ޑޮޓު ޖަމާއަތުންނެވެ. ނުވަތަ މުސްލިމުން ކާފަރު ކުރުމުގައި، ޑޮޓު ޖަމާޢަތް ރުޖޫޢަވަނީ ނުވަތަ އެބޭފުޅުންގެ ޙުއްޖަތަކީ، ޝޭޚް މުޙައްމަދު ބުނު ޢަބްދުލް ވައްހާބެވެ. ނަމަވެސް ސަލަފީ އެހެން ޖަމާޢަތްތަކުން ވިދާޅުވަނީ، ޝޭޚް މުޙައްމަދު ބުނު ޢަބްދުލް ވައްހާބު މުސްލިމުން ކާފަރު ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް ޙަޤީޤަތަކީ ރާއްޖޭގެ އެހާރާއި މިހާރުގެ ޝޭޚުންގެ ތެރެއިން ބައެއް ބޭފުޅުންވަނީ، ޝޭޚް މުޙައްމަދު ބުނު ޢަބްދުލް ވައްހާބު މުސްލިމުން ކާފަރު ކުރެއްވި ކަމަށް ކިޔަވައިދެއްވާ ފަތުވާ ދެއްވާކަމެވެ. އަދި ޚުދު އެބޭފުޅުންވެސް ކާފަރު ކުރެއްވިއެވެ. އެގޮތުން ދުވަސްކޮޅަކަށް ރަޢީސް މަޢުމޫނު ކާފަރު ކުރެއްވިއެވެ. ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންވެސް ދުވަސްކޮޅަކަށް ކާފަރު ކުރެއްވިއެވެ.

އުފާކުރަންޖެހޭ ކަމަކީ، ރާއްޖޭގެ އެންމެ ބޮޑު ސަލަފީ ދެ ޖަމާޢަތް ކަމުގައިވާ އަދާލަތު ޕާޓީއާއި ސަލަފު ޖަމިއްޔާއަކީ، ޒަމާނީ ސަލަފީންގެ މަގުފުރެދުންތައް އެންމެ ބޮޑަށް އިޞްލާހު ކުރަމުންއަންނަ ދެޖަމާޢަތަށް ވާތީއެވެ. ވަކީން ޚާޞަކޮށް އަދާލަތު ޕާޓީއަކީ ސަލަފީންގެ މަގުފުރެދުންތައް އެންމެ ކުޑަ ޖަމާޢަތެވެ. ޖުމްލަ ގޮތެއްގައި ސަލަފީންގެ ހުރިހާ ބޭފުޅުންވެސް ކިޔަވައިގެން އަންނައިރު އެހުންނަ ހަރުކަށިކަން އޭގެ އަހަރުތަކެއްފަހުން ނުހުރެއެވެ. ފަތަވާތައްވެސް ބަދަލުވެއެވެ. އިޞްލާޙު ވެއެވެ. ބައެއް ޝޭޚުން ކާފަރުވެސް ކުރެއްވީ ދުވަސްކޮޅެއްގައެވެ. އެއަށްފަހު ޙައްޤު އެނގުމުން ރުޖޫޢަވެ އެވެ.

ނިންމާލަމުން އަޅުގަނޑު ދަންނަވާލާނީ، ރާއްޖޭގެ ދީނީ ޖަމާއަތްތަކުގެ ތެރެއިން، ކުރިން ދެންނެވި ޝާފިޢީ މަޒުހަބަށް ނިސްބަތްވާ ބޭފުޅުންނަކީ، ޒަމާނީ ސަލަފީންގެ މިހުރިހާ ޖަމާޢަތަކަށްވުރެ ބޮޑަށް، އުއްމަތުގެ ސަލަފުއް ޞާލިޙުންނަށް ތަބާވާ ޤުރުއާނާއި ސުންނަތާއި ކައިރި ބައެއް ކަމަށެވެ. މާބޮޑަށްވެސް ރަނގަޅު ހިތްހެޔޮ މަޑުމައިތިރި ރިވެތި އަޚުލާޤުގެ ވެރި ޚުލްޤު ހެޔޮ ބައެއްކަމަށެވެ. ރާއްޖެއަށް ބޭނުންވަނީ މިފަދަ ބޭފުޅުންނެވެ. ދިވެހި ރާއްޖެ އެދި ގޮވަނީ ޒަމާނީ ސަލަފީ ބޭފުޅުންވެސް އެއްކޮށް އިޞްލާޙުވެ ޙަޤީޤީ ސަލަފުންގެ ފަހުމާއި އެއްގޮތަށް ރުޖޫޢަވުމާށެވެ.

The post ރާއްޖޭގެ ދީނީ ދެ މަޒުހަބު appeared first on Mikal News.


More from Mikal News