ސިފައިންގެ ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ ބޮޑުވެ، އަތުލާނެ ކަމުގެ އިންޒާރު!

Sun, 28 Apr 2024 11:00 AM

View on this article on Mihaaru

ސިފައިންގެ ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ ބޮޑުވެ، އަތުލާނެ ކަމުގެ އިންޒާރު!

ސިފައިންނަށް ކުއްޔަށް ދޫކޮށްފައިވާ ސިފްކޯގެ ފްލެޓްތައް އެހެން ބަޔަކަށް ކުއްޔަށް ދޭ ނަމަ އެ ތަންތަން އަތުލާނެ ކަމުގެ އިންޒާރު އެމްއެންޑީއެފުން ދީފި އެވެ.

ސިފްކޯ ހިޔާގެ ފްލެޓުތައް ދޫކޮށްފައިވާ މީހުންނާ އެކު ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން އެ ތަންތަން ދެ ވަނަ ފަރާތަކަށް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ.

އެ މައްސަލާގައި އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ދެ ފަރާތުން ވެފައިވާ އެއްބަސްވުމާ ހިލާފަށް ފްލެޓުތައް ކުއްޔަށް ދީފައި ހުރުމުން، އެ ތަންތަން އަތުލާނެ ކަމުގެ އިންޒާރުގެ ސިޓީއެއް އެ ތަންތަނުގެ ވެރިންނަށް ފޮނުވާފައިވާ ކަމަށެވެ. އެކަމަކު، މިހާތަނަށް އަދި އެއްވެސް ފްލެޓެއް އަތުނުލާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ސިފައިންނަށް ދޫކުރި ގިނަ ފްލެޓުތައް މިހާރު ވެސް ހުރީ ދެ ވަނަ ފަރާތަކަށް ކުއްޔަށް ދީފަ އެވެ. ފްލެޓުތައް ލިބުނު ސިފައިންގެ އެ އާއިލާތައް ދިރިއުޅެނީ އެހެން ތަންތަނުގަ އެވެ.

ތިން ޓަވަރުގައި އިމާރާތް ކޮށްފައިވާ 345 އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކޮށް، ބައެއް ތަންތަނަށް ވަނީ މީހުން ބަދަލުވެފަ އެވެ. ނަމަވެސް، ބައެއް ފްލެޓުތައް ކުއްޔަށް ދިނުމަށް އެކި ތަންތަނުގައި އިސްތިހާރު ކޮށްފައި ވެސް ހުއްޓެވެ.

ސިފައިންގެ ފްލެޓްތަކުގެ ބިންގާ އެޅީ ނޮވެމްބަރު 26، 2014 ގަ އެވެ. މަސައްކަތް ނިންމަން ޖެހޭ ސުންގަޑިއަކީ 18 މަސް ކަމަށް އޭރު ކަނޑައެޅިޔަސް ކޮންޓްރެކްޓަރުގެ އެކިއެކި މައްސަލަތައް ކުރިމަތިވެ، އެ ކަމެއް ނުވި އެވެ. އެހެންވެ، ފަހުން އެ މަސައްކަތް ހަވާލުކުރީ ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް" އަށެވެ.

ސިފައިންގެ ތިން ޓަވަރަށް 548 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.





More from Mihaaru