ޔާމީންގެ ޕީއެންއެފް ޕާޓީ ރަޖިސްޓްރީކޮށް ދީފި

Thu, 25 Apr 2024 06:19 PM

View on this article on Mihaaru

ޔާމީންގެ ޕީއެންއެފް ޕާޓީ ރަޖިސްޓްރީކޮށް ދީފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިވެ ވަޑައިގަތުމަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިލެކްޝަންސް ކޮމިޝަނުން މިއަދު ރަޖިސްޓްރީކޮށް ދީފި އެވެ.

ޕީއެންއެފް ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ގަ އެވެ. ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުގެ މަތިން މިއަދު އީސީން އެ ޕާޓީ ރަޖިސްޓްރީކޮށް ދިނީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންގެ ނަމުގަ އެވެ.

ޔާމީން ޕީއެންއެފް އުފެއްދުމުގެ މަސައްކަތް ފެށްޓެވީ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ހުންނެވުމުން ގޭ ބަންދަށް ބަދަލު ކޮށްފައި ވަނިކޮށް މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

ޔާމީންގެ މައްޗަށް އިއްވި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފްކުރުމުން މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ވަނީ އެ ހުކުމްތައް ބާތިލުކޮށް، އަލުން މައްސަލަ ބަލަން އަންގައިފަ އެވެ. އެހެންވެ، ޔާމީން މިހާރު ހުންނެވީ މިނިވަންވެފަ އެވެ.

ޔާމީން، ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީގެ ލީޑަޝިޕާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ. ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެފައިވާ ގޮތުގައި ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ޔާމީން ދޫކޮށްލެއްވީ އެވެ.





More from Mihaaru