އުނދުނެއްގެ ތެރޭގައި ކިލޯއަކަށް ވުރެ ގިނަ ޑްރަގް ފޮރުވައިގެން ގެންގުޅުނު މީހަކު 11 އަހަރަށް ޖަލަށް

Thu, 25 Apr 2024 05:28 PM

View on this article on Mihaaru

އުނދުނެއްގެ ތެރޭގައި ކިލޯއަކަށް ވުރެ ގިނަ ޑްރަގް ފޮރުވައިގެން ގެންގުޅުނު މީހަކު 11 އަހަރަށް ޖަލަށް

ކައްކާ އުނދުނުގެ ތެރޭގައި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅުނު މީހަކު 11 އަހަރަށް ޖަލަށް ލައި، 50،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އޭޕްރީލް، 2017 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ބިދޭސީއަކާއި މުހައްމަދު ފައިސަލް ނަމަކަށް ކިޔާ ދިވެއްސަކު ސައިކަލުގައި ދަނިކޮށް ހުއްޓުވައި، ފާސް ކުރިއިރު ބިދޭސީ މީހާގެ އަތުގައި އޮތް ފުޅިއެއްގެ ތެރެއިން 49 ގްރާމް މަސްތުވާތަކެތި ފެނުނެވެ. އަދި ދިވެހި މީހާ ދިރިއުޅޭ އެޕާޓްމެންޓް ފާސް ކުރިއިރު ބަދިގޭގައި ހުރި އުނދުގެ ތެރޭގައި ފޮރުވާފައި ހުރި 1.2 ކިލޯގެ މަސްތުވާތަކެތި ފެނުނެވެ. އެ މައްސަލާގައި ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ދައުލަތުން ދައުވާކުރީ ދިވެހި މީހާގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ބިދޭސީ މީހާގެ އަތުގައި އޮތް ފުޅިން ފެނުނު މަސްތުވާތަކެއްޗާއި އެޕާޓްމެންޓްގެ އުނދުނުގެ ތެރެއިން ފެނުނު މަސްތުވާތަކެއްޗަކީ ފައިސަލްގެ ތަކެތި ކަމަށް އެތަން ފާސްކުރި ވަގުތު ފުލުހުން ގާތު އޭނާ ބުނެފައިވާ ކަމަށެވެ. އަދި އެ އެޕާޓްމެންޓަކީ އޭނާގެ ބެލެހެއްޓުންތެރިކަމުގެ ދަށުގައި ހުރި އަދި އޭނާ އެކަނި ވަދެ ނިކުމެ ހަދާ ތަނަކަށް ވާތީ އެތަނުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ތަކެތި ކަމަށް ބަލަން ޖެހޭ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެ މައްސަލާގައި ފެނުނު މަސްތުވާތަކެއްޗަކީ އެހެން މީހަކު އެތަނުގައި ބެހެއްޓި އެއްޗެއްކަން އޭނާއަށް ސާބިތުކޮށެއް ނުދެވެ އެވެ. އަދި ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާއި އެތަން ފާސްކުރި ވަގުތު އޭނާ ފުލުހުންނަށް ކިޔައިދީފައިވާ ވާހަކަތައް ގުޅުވާލުމުން އެ ތަކެއްޗަކީ އޭނާގެ އެނގުމާއި ފެނުމުގެ ތެރެއިން އެތަނުގައި ބަހައްޓާފައި ހުރި މަސްތުވާތަކެތި ކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ގާޒީ އަލީ ނަދީމް ކުރެއްވި އެވެ.

އެކަންކަން ފާހަގަކޮށް، ހުކުމުގައިވަނީ ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުން އޭނާ ކުށްވެރިވާތީ އެ ކުށުގެ އަދަބެއްގެ ގޮތުން 11 އަހަރަށް ޖަލަށްލުމާ އެކު، 50،000ރ. އިން ޖޫރިމަނާ ކުރަން ހުކުމްކޮށް، އަދި އެ ފައިސާ އެއް އަހަރު ތެރޭގައި ދައުލަތަށް ދައްކަން އަންގާ ކަމަށެވެ.

އޭނާ 11 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، އެ މައްސަލާގައި ފަސް އަހަރަށް ވުރެ ގިނަ ދުވަސް ގޭ ބަންދުގައި ހޭދަކޮށްފައިވާތީ އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ ހަ އަހަރުގެ ޖަލު އަދަބެއް ކަމަށް ހުކުމުގައިވެ އެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނު ބުނާގޮތުން ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާ އެކު 50،000ރ. އިން ފެށިގެން އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.





More from Mihaaru