މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫންގެ މައްޗަށް ހަތް ދައުވާއެއް

Thu, 25 Apr 2024 03:04 PM

View on this article on Mihaaru

މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫންގެ މައްޗަށް ހަތް ދައުވާއެއް

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ރިޝްވަތު ހިފުމުގެ ހަތް ދައުވާއެއް އުފުލައި، އޭނާ ބަންދުކޮށްގެން ރާއްޖެ ގެނައުމުގެ މަސައްކަތް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފަށައިފި އެވެ.

އެ އޮފީހުން މިއަދު ބުނީ މައުމޫންގެ މައްޗަށް ރިޝްވަތުގެ ހަތް ދައުވާއެއް ކުރަން މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓަށް ފޮނުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި އޭނާ ހުރި ދުވަސްވަރު އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް ހަވާލުކުރި ކުންފުނިން މައުމޫނާއި އޭނާއާ ގުޅުން ހުރި މީހުންގެ އެކައުންޓްތަކަށް އެކި ފަހަރު މަތިން 298،000 ޑޮލަރު (ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ) ޖަމާކޮށްފައިވާތީ އެއީ ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ކަމަށް ވާތީ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ މައުމޫނަކީ މިހާރު ރާއްޖެ އިން ބޭރުގައި ދިރިއުޅޭ މީހެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައި ވާތީ، އޭނާ ކޯޓަށް ހާޒިރުވާން ދެކޮޅު ހަދާ ހާލަތުގައި އޭނާ ބަންދުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރަކަށް އެދިފައި ވާނެ ކަމަށެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި މައުމޫން ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރަން ކޯޓުން އަމުރު ނެރެދީފި ނަމަ ބައިނަލްއަގްވާމީ ފުލުހުންގެ ޖަމިއްޔާ ކަމަށްވާ އިންޓަޕޯލް މެދުވެރިކޮށް ރާއްޖެ ގެނައުމުގެ ފުރުސަތު ލިބޭނެ އެވެ.





More from Mihaaru