ލަންޑަންގެ މޭޔަރުގެ މަގާމު ތިންވަނަ ފަހަރަށް ކާމިޔާބުކުރައްވައި، ސާދިގު ޚާން ރެކޯޑު ހައްދަވައިފި

Sun, 05 May 2024 08:29 AM

View on this article on Mihaaru

ލަންޑަންގެ މޭޔަރުގެ މަގާމު ތިންވަނަ ފަހަރަށް ކާމިޔާބުކުރައްވައި، ސާދިގު ޚާން ރެކޯޑު ހައްދަވައިފި

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ މޭޔަރުކަމުގެ މަގާމު ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެން، ސާދިގު ޚާން ރެކޯޑު ހައްދަވައިފި އެވެ.

އިދިކޮޅު ލޭބާ ޕާޓީގެ ސާދިގު ވަނީ ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީގެ ސޫޒަން ހޯލް ވަރަށް ފަސޭހަކަމާއެކު ބަލިކުރައްވައި، އިއްޔެގެ އިންތިހާބު ކާމިޔާބުކުރައްވައިފަ އެވެ.

ޕާކިސްތާނުން އިނގިރޭސިވިލާތަށް ހިޖުރަކުރި ސާދިގުގެ ބައްޕައަކީ ބަސް ޑްރައިވަރެކެވެ. އަދި 2016 ވަނަ އަހަރު ސާދިގު ފުރަތަމަ ފަހަރަށް އިންތިހާބުވެވަޑައިގެންނެވީ ލަންޑަންގެ ތާރީހުގައި ފުރަތަމަ މުސްލިމު މޭޔަރުގެ ގޮތުގައި އެވެ.

ތިންވަނަ ފަހަރަށް އިންތިހާބުވެވަޑައިގެން ސާދިގު ވަނީ މިހާރު އެންމެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ލަންޑަންގެ މޭޔަރުގެ ލަގަބު ހޯއްދަވައިފަ އެވެ. އޭގެ ކުރިން އެ ރެކޯޑު އޮތީ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އަތްޕުޅުގައި އެވެ.

ލަންޑަންގެ މޭޔަރުގެ ކަމުގެ ގޮނޑިއާ އެކު، މި ލޯކަލް ކައުންސިލް އިންތިހާބުގައި ކޮންސަވޭޓިވް ޕާޓީ އާއި ބޮޑުވަޒީރު ރިޝީ ސުނަކްއަށް ވަނީ ވަރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައި އެވެ.

މި އިންތިހާބުގައި ވެރިކަންކުރާ ކޮންސަވޭޓިވް ޕާޓީއަށް ވަނީ 500 އަށް ގިނަ ގޮނޑި ގެއްލި، ތިން ވަނަ އަށް ވެއްޓިފައި އެވެ.





More from Mihaaru